ޖެޓުތަކަށް ދޭ ޚިދުމަތްތަކުގެ މަންފާ ލިބެނީ 100 ޕަސެންޓް ދިވެހި ކުންފުނިތަކަށްކަން ކަށަވަރުކުރަނީ

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެޓު ޕާކުކޮށްފައި: ރާއްޖެއަށް ގިނަ އަދަދެއްގެ ޖެޓު އަންނައިރު ޖެޓް ހޭންޑްލިންއަކީ ވަރަށް ބޮޑު ވިޔަފާރިއެއް --- ފޮޓޯ/ ގަން އިންޓަނޭޝަނަލް އެއާޕޯޓު

ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓުތަކަށް ޚިދުމަތްތައް ފޯރުކޮށްދިނުމުން ލިބޭ މަންފާ ވަންނަނީ 100 ޕަސެންޓު ދިވެހިން ހިއްސާވާ ކުންފުނިތަކަށްކަން ކަށަވަރުކުރުމަށް ފިޔަވަޅުތައް އަޅާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު ޑރ. މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީން ވިދާޅުވީ, ރާއްޖެއަށް ގިނަ އަދަދެއްގެ ޖެޓުތައް އަންނައިރު، ޖެޓް ހޭންޑްލިންއަކީ ބޮޑު ވިޔަފާރިއެއް ކަމަށެވެ. ނަމަވެސް, އެ ވިޔަފާރީގައި ވަރަށް ބޮޑު ބައެއް ހިންގަނީ، ދިވެއްސެއްގެ ނަމުގައި އުފައްދައިގެން، ބޭރު ބަޔަކަށް މަންފާ ލިބޭ ގޮތަށް އޮންނަ ކުންފުނިތަކަކުން ކަމަށް އަމީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ, ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ދިވެހި ފަސްގަނޑުން ލިބޭ މަންފާއަކީ ދިވެހި ރައްޔިތުންނަށް ނުވަތަ ކުންފުނިތަކަށް އޭގެ ފުރިހަމަ ގޮތުގައި ލިބޭ އެއްޗަކަށް ހެދުން ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ހަރުދަނާ ބަދަލުތަކެއް އާ އަހަރު ފެށޭއިރަށް ގެންނާނަން އަދި އިއުލާން ކުރާނަން އެ ގަވައިދުތަކަށް ވެސް ބަދަލު ގެންނާނަން،" އަމީން ވިދާޅުވިއެވެ.

"ސަރުކާރުން ބޭނުން ވަނީ މިކަމުން މަންފާ ލިބޭ ކުންފުނިތަކަކީ 100 ޕަސެންޓް ދިވެހި ކުންފުނިތަކުގެ ގޮތުގައި ބޭއްވުން,"

ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން: ޖެޓުތަކަށް ދޭ ޚިދުމަތްތަކުގެ މަންފާ ލިބެނީ 100 ޕަސެންޓް ދިވެހި ކުންފުނިތަކަށްކަން ކަށަވަރުކުރަން ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި --

އެހެންވެ، ޖެޓްތަކަށް ޚިދުމަތް ދިނުމުގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހީން އޭގެ މަންފާ ބޭރުގެ ފަރާތްތަކަށް ލިބޭ ގޮތަށް އިންތިޒާމުތައް ނުބެހެއްޓުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

"އަޅުގަނޑުމެން ސަރުކާރުން މިހާރު ބަލާނަން އެ ކަންތައްތައް އޮޑިޓް ވެސް ކުރާނަން އެގޮތަށް ދިވެހި ކުންފުންޏެއް ހަދާފައި ބޭރު ކުންފުނިތަކަށް މަންފާ ލިބޭ ގޮތަ އިންތިޒާމު ވެގެން ކުރާ ވިޔަފާރިއަށް ބަދަލު ގެންނާނަން،" އަމީން ވިދާޅުވިއެވެ.

އެ ބަދަލުތަކާ އެކު، ޖެޓުތަކަށް ދޭ ޚިދުމަތްތަކުން މަންފާ ލިބެނީ ދިވެހީންނާއި ދިވެހި ކުންފުނިތަކަކަށްކަން ޔަގީންކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް އާންމު ގޮތެއްގައި ޖެޓުތައް އަންނަނީ އަހަރުގެ ފަހުކޮޅު ލިބޭ ޗުއްޓީއަށެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ރިކޯޑް އަދަދަކަށް ޖެޓު ޖައްސައިފައިވެއެވެ.

comment ކޮމެންޓް