އީސީއަށް ހަސީބު އައްޔަންކުރަން މަޖިލީހުން ރުހުންދީފި

އިލެކްޝަންސް ކޮމިޝަން (އީސީ)އަށް އަބްދުލް ހަސީބު އިސްމާއިލް އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި -- ފޮޓޯ/ ފޭސްބުކް، ހަސީބު އިސްމާއީލް

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގުގެ ދައުރު ހަމަވާތީ، އެ މަގާމަށް އަބްދުލް ހަސީބު އިސްމާއިލް، ހުޅުމާލެ ހިޔާ 11-23-05 އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

ފުއާދުގެ ދައުރު ހަމަވާނީ މި މަހު 24 އަށެވެ. އެހެންކަމުން އެ މަގާމަށް ހަސީބު އައްޔަނުކުރުމަށް މަޖިލީހަށް ހަސީބުގެ ނަން ފޮނުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ހަސީބަށް ރުހުން ދިނުމަށް މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވި 67 މެންބަރުންގެ އިއްތިފާގުން ވަނީ ރުހުން ދިނުމަށް ފާސްކޮށްފައެވެ.

ހަސީބު ވަނީ 2019 ވަނަ އަހަރު އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ކަމަށް އައްޔަންކޮށްފައެވެ. އޭގެ ފަހުން އޭނާ ސަސްޕެންޑްކުރުމަށް ފަހު މަގާމުން ދުރުކުރީއެވެ.

ހަސީބު މިހާރު ހުންނެވީ އީސީގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް -- ސަން ފޮޓޯ

ފުއާދުގެ ދައުރު ހަމަވާތީ އީސީގެ މެންބަރުކަމަށް ހުޅުވައިލީ ސެޕްޓެމްބަރު 12 ގައެވެ.

ފުއާދު ވަނީ އީސީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައެވެ. އެ ގޮތުން، 2008 ވަނަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން 2009ގެ ސެޕްޓެމްބަރާ ހަމައަށް އީސީގެ މެންބަރުކަން ކުރެއްވިއެވެ. އޭގެ ފަހުން ސެޕްޓެމްބަރު 2009 އިން ފެށިގެން މާޗު 2014 އާ ހަމައަށް އީސީގެ ރައީސްކަން ކުރެއްވިއެވެ.

މެދުކެނޑުމަކަށް ފަހު ފުއާދު އެނބުރި އީސީއަށް ވަޑައިގަތީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އީސީގެ ރައީސްކަމަށް އަނެއްކާ ވެސް ފުއާދު އައްޔަންކުރީ ސެޕްޓެމްބަރު 2021 ގައެވެ.

އިލެކްޝަންސް ކޮމިޝަންގެ ގާނޫނު ބުނާ ގޮތުން އީސީގެ މެންބަރުކަމުގެ ދައުރަކީ ފަސް އަހަރު ދުވަހެވެ. އަދި، އިތުރު ފަސް އަހަރަށް ވުރެ ދިގުނުވާ ގޮތަށް މެންބަރުކަމުގެ މުއްދަތު އިތުރުކުރެވިދާނެ ކަމަށް ގާނޫނުގައި ބުނެއެވެ.

ފުއާދުގެ އިތުރުން އީސީގެ މެންބަރުކަމުގައި ތިއްބަވަނީ ނައިބު ރައީސް އަލީ ނަޝާތާއި، ޑރ. މުހައްމަދު ޒާހިރު، މުހައްމަދު އާސިފް އަދި ހަސަން ޒަކަރިއްޔާއެވެ.

comment ކޮމެންޓް