ސައުދީ އަރަބިއާގެ ވެރިރަށް ރިޔާދުގައި މިހާރު ކުރިއަށްދާ ޑަބްލިޔުޓީއޭ ފައިނަލްސްގެ ސެމީފައިނަލުން މުބާރާތުގައި އެއްވަނައަށް ސީޑުކުރެވިފައިވާ ބެލަރޫސްގެ އަރިނާ ސަބަލެންކާ ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ސެމީފައިނަލުން ސަބަލެންކާ ޖާގަ ހޯދީ ޕާޕަލް ގްރޫޕްގައި މި މުބާރާތުގައި ހަތަރުވަނައަށް ސީޑުކުރެވިފައިވާ އިޓަލީވިލާތުގެ ޖޭސްމީން ޕަޮލީނީއާ ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ. މެޗުގެ ފުރަތަމަ ސެޓު 6-3 އިން ސަބަލެންކާ ކާމިޔާބުކުރިއިރު ދެވަނަ ސެޓު ކާމިޔާބުކޮށްފައިވަނީ 7-5 އިންނެވެ.
މެޗުގެ ފުރަތަމަ ސެޓުގައި ޕައޮލީނީގެ ފަރާތުން މާ ބޮޑު އުނދަގޫތަކަކާ ކުރިމަތިނުވި ނަމަވެސް ދެވަނަ ސެޓު ސަބަލެންކާއަށް ކާމިޔާބުކުރެވުނީ ވަރަށް މަސައްކަތުންނެވެ. މި ސެޓުގައި ދެ ސެޓް ޕޮއިންޓް ސަބަލެންކާއަށް ދިފާއުކުރަން ޖެހުނެވެ. ނަމަވެސް، އޭނާ ހިތްވަރު އެލުވާނުލާ މަސައްކަތްކުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ 4-5 އިން ޕައޮލީނީ ކުރީގައި އޮއްވައި ފަހަތުން އަރާ އެ ސެޓު ކާމިޔާބުކޮށް، ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކުރުމެވެ.
ސަބަލެންކާއަށް ސެމީން ޖާގައެއް ކަށަވަރު މިވީ ގްރޫޕްގައި ބާކީ އެއް މެޗު އޮއްވައެވެ.
މެޗަށް ފަހު ވާހަކަދައްކަމުން ސަބަލެންކާ ވަނީ އޭނާގެ އިތުރުން އޭނާގެ ޓީމުން މިހާ ހިސާބަށް އައުމަށް ކުރި ބުރަ މަސައްކަތް ފާހަގަކޮށް، އެ ކަމާ ފަހުރުވެރިވާކަން ހާމަކޮށްފައެވެ. އޭނާ ބުނީ، އެއްވެސް ބަޔަކަށް ފަރުދާގެ ފުރަގަހުގައި އޭނާގެ ޓީމުން ކުރާ މަސައްކަތް ނުފެންނަ ކަމަށެވެ.
މި ގްރޫޕްގައި ފަސްވަނައަށް ސީޑުކުރެވިފައިވާ ކަޒަކިސްތާންގެ އެލޭނާ ރީބަކީނާއާއި ހަތްވަނައަށް ސީޑު ކުރެވިފައިވާ ޗައިނާގެ ޒެން ގިންވެން ބައްދަލުކުރި މެޗު ދެ ސެޓު އެއް ސެޓުން ކާމިޔާބުކުރީ ޒެންއެވެ.
މެޗުގެ ފުރަތަމަ ސެޓު ޓައި ބްރޭކަކަށް ގޮސް 7-4 އިން ޒެން ކާމިޔާބުކުރިއިރު ދެވަނަ ސެޓު ރީބަކީނާ ކާމިޔާބުކޮށްފައިވަނީ 3-6 އިންނެވެ. މެޗުގެ ފަހު ސެޓު ޒެން ކާމިޔާބުކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ފަސޭހަކަމާ އެކު 6-1 އިންނެވެ.
މި ގްރޫޕުން ސެމީފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ ޒެންއާއި ޕައޮލީނީ ބައްދަލުކުރާ މެޗުން މޮޅުވާ ކުޅުންތެރިޔަކަށެވެ.
ސަބަލެންކާއާއި ރީބަކީނާ ބައްދަލުކުރާ ގްރޫޕްގެ ފަހު މެޗު ސަބަލެންކާއަށް ކާމިޔާބު ކުރެވިއްޖެނަމަ މި ސީޒަން ނިމޭއިރު އޭނާ އަތުން ދުނިޔޭގެ ރޭންކިންގެ އެއްވަނަ މަގާމު ނުގެންލޭނެކަން ކަށަވަރުވާނެއެވެ.