ދާދި ފަހުން ރާއްޖެއަށް ދަތުރުކުރި ބޮލީވުޑްގެ ބަތަލާ ސަނީ ލިއޯންއާއި ފިރިމީހާ ޑެނިއެލް ވެބާގެ ކައިވެނި ރާއްޖޭގައި އާކޮށް, އެކަން ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
ސަނީއާއި ޑެނިއެލްގެ ކައިވެނި ރާއްޖޭގައި އާކުރީ ދެ މީހުންގެ އަލަތު ކައިވެންޏަށް 13 އަހަރު ފުރުން ފާހަގަކުރުމާ ދިމާކޮށެވެ. ޑެނިއެލާއި ސަނީގެ ކައިވެނީގެ މި ހަފުލާގައި ދެމަފިރިންގެ ތިން ކުދިންނާ އެކު އެ މީހުންގެ އެންމެ ގާތް އެކުވެރިންގެ ބަޔަކު ވެސް ވަނީ ބައިވެރިވެފައެވެ.
ސަނީގެ ދެމަފިރިންނާ ގާތް ގުޅުމެއް އޮންނަ މީހަކު މީޑިއާއަށް މައުލޫމާތު ދެމުން ބުނީ، އެ ދެމަފިރިންގެ ކައިވެނި އާ ކުރުމަށް ވަރަށް ކުރިން ވެސް ވިސްނާފައިވާ ކަމަށާއި ނަމަވެސް އެހާ ދުވަސްވަންދެން މަޑުކުރީ ދެ މީހުންގެ ކުދިން ތަންކޮޅެއް ބޮޑުވަންދެން ކަމަށެވެ.
މި ކައިވެނީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައިވާއިރު ކައިވެނީގެ ހަފުލާގައި ސަނީގެ ދެމަފިރިންނާއި ތިން ކުދިން ވެސް ފެންނަނީ ހުދު ކުލައިގެ ހެދުމުގައި ތިއްބައެވެ. ސަނީގެ ކައިވެނި އާ ކުރުމުގެ ހަފުލާ ރާއްޖޭގައި ބޭއްވުމަށް ނިންމީ ދިވެހިރާއްޖެއަކީ ދެމަފިރިން ވެސް އެންމެ ގަޔާވާ މަންޒިލަށްވުމުން ކަމަށް ސަނީގެ ގާތް ރަހުމަތްތެރިއަކު ވަނީ ބުނެފައެވެ.
ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ނޫއީ މޯލްޑިވްސް ކުނާވަށީގައި ބޭއްވި ކައިވެނީގެ ހަފުލާއަކީ ވަރަށް އާދައިގެ ގޮތަކަށް ބޭއްވުނު ހަފުލާއެކެވެ.
ސަނީއާއި ޑެނިއެލްގެ ކައިވެނި އެންމެ ފުރަތަމަ ކުރެވުނީ 2011 ވަނަ އަހަރެވެ. ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލުމަށް ފަހު ބޮލީވުޑްގައި ފައިތިލަ ސާބިތުކޮށްފައިވާ ބަތަލާ ސަނީ ލިއޯން އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ ޑައިރެކްޓަރު އަނޫރާގް ކަޝްޔަޕްގެ ފިލްމު "ކެންނެޑީ"އިންނެވެ.