އާލިއާއާއި ދީޕިކާ އެކްޝަން ފިލްމު ކުޅޭތީ ސަމަންތާ ފަޚުރުވެރިވޭ

ސައުތު ސިނަމާގެ ފިލްމީ ތަރި ސަމަންތާ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ބޮލީވުޑްގެ ބަތަލާއިން ކަމަށްވާ ދީޕިކާ ޕަދުކޯން އަދި އާލިއާ ބަޓް ފަދަ ތަރިން އެކްޝަން ފިލްމުތައް ކުޅޭތީ އެ ތަރިންނާ މެދު ފަޚުރުވެރިވާ ކަމަށް ސައުތު ބަތަލާ ސަމަންތާ ރުތު ޕްރަބޫ ބުނެފިއެވެ.

އެމޭޒަން ޕްރައިމްގައި ޕްރީމިއާކުރަން ތައްޔާރުވަމުން އަންނަ "ސިޓަޑެލް: ހަނީ ބަނީ"އިން ވެސް އެކްޝަން ރޯލަކުން ފެންނާނެ ސަމަންތާ ބުނީ، އެކްޝަން ޖޯންރާގެ ރޯލްތަކުން އަބަދު ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމަށެވެ.

އެކްޝަން ރޯލްތައް ތަޖުރިބާކޮށްލަން ލިބުނު ފުރުސަތުތަކަކީ ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށާއި ފިލްމު އިންޑަސްޓްރީގެ ގިނަ ބަތަލާއިންތައް އެކްޝަން ރޯލްތައް ކޮންޓްރޯލްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ސަމަންތާ ވަނީ ބުނެފައެވެ.

ބަތަލާ ދީޕިކާ ޕަދުކޯން ފިލްމު "ސިންގްހަމް އަގެއިން"ގެ މަންޒަރެއްގައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ބޮލީވުޑްގެ މަޝްހޫރު ބަތަލާއިންގެ ތެރޭ ހިމެނޭ ކެޓްރީނާ ކައިފް، ކަންގަނާ ރަނާވަތު އަދި ސައުތު ބަތަލާ އަނުޝްކާ ޝެޓީ ވެސް އެކްޝަން ރޯލްތައް ކުޅެފައިވާކަން ފާހަގަކޮށް ބަތަލާ ކިއާރާ އަދުވާނީ ވެސް މި ޖޯންރާއާ ގުޅިފައިވާކަން ސަމަންތާ ވަނީ ފާހަގަކޮށްފައެވެ.

ސަމަންތާ ފުރަތަމަ ކުޅުނު ހިންދީ ވެބް ސީރީޒް ކަމަށްވާ އެމޭޒަންގެ "ދަ ފެމިލީ މޭން 2" ޕްރިމީއާކޮށްފައިވަނީ ކުޅުނު ވަރަށް ގިނަ އެކްޝަން ސީންތައް ކަނޑާފައި ކަމަށް ސަމަންތާ ވަނީ ބުނެފައެވެ.

މި އަންނަ ބުރާސްފަތި ދުވަހު އެމޭޒަން ޕްރައިމްގައި ޕްރީމިއާ ކުރާ "ސިޓަޑެލް: ހަނީ ބަނީ"ގައި ސަމަންތާ ކުޅެން ލިބުނު ރޯލަކީ ބަތަލާގް ޑްރީމް ރޯލް ކަމަށާއި މަގުބޫލު ހޮލީވުޑް ކެރެކްޓަ ޖޭމްސް ބޮންޑުގެ އަންހެން ވާޝަން ކުޅެން ކޮންމެ މީހަކު ވެސް ބޭނުންވާނެ ކަމަށް ސަމަންތާ ވަނީ ބުނެފައެވެ.

ސަމަންތާއާ އެކު "ސިޓަޑެލް: ހަނީ ބަނީ"އިން ފެންނާނީ ބޮލީވުޑްގެ އެކްޓަރު ވަރުން ދަވަންއެވެ. މިއީ ވަރުންގެ ކެރިއަރުގެ ފުރަތަމަ ވެބް ސީރީޒެވެ.

comment ކޮމެންޓް