'ސިންގްހަމް އަގެއިން'އިން މި ފަހަރު ވިދާލީ އަރުޖުން

ބޮލީވުޑްގެ އެކްޓަރު އަރުޖުން ކަޕޫރު --ފޮޓޯ/ ބޮލީވުޑްހަންގާމާ

މިދިޔަ ހުކުރު ދުވަހު ސިނަމާތަކުގައި އެޅުވި ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމު "ސިންގްހަމް އަގެއިން"ގައި އެކްޓަރު އަރުޖުން ކަޕޫރު ކުޅުނު ރޯލަށް ވަރަށް ގިނަ ބަޔަކު ތައުރީފުކޮށްފިއެވެ.

ފިލްމުގައި އަރުޖުން ކުޅެފައިވަނީ ޑޭންޖާ ލަންކާގެ ނަމުން މަޝްހޫރު ވަރަށް ރަހުމް ކުޑަ ވިލެންއެއްގެ ރޯލެވެ. މިހާތަނަށް ފިލްމަށް ވަރަށް ރަނގަޅު ރިވިއުސްތައް ލިބެމުން އަންނައިރު "ސިންގްހަމް އަގެއިން"އިން އެންމެ ގިނަ ބައެއްގެ ސަމާލުކަން މި ފަހަރު ހޯދީ ޑެންޖާ ލަންކާގެ ރޯލް ކުޅުނު އަރުޖުން ކަޕޫރު ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ބެލުންތެރިންގެ އިތުރުން ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވެސް އަރުޖުން އެ ފިލްމުގައި ދެއްކި އެކްޓިންގް މޮޅު ކަމަށް ބުނެ، ތައުރީފުގެ މެސެޖުތައް ފޮނުވަން ފެށުމުން އެ ކަމަށް ޝުކުރު އަދާކޮށް 39 އަހަރުގެ އެކްޓަރު ވަނީ އިންސްޓަގްރާމްގައި ޕޯސްޓުކޮށްފައެވެ.

ފިލްމު "ސިންގްހަމް އަގެއިން"އިން އަރުޖުންއަށް ލިބުނު ބައެއް ރިވިއުސްތައް--ފޮޓޯ/ފޭސްބުކް

މީގެ 15 މަސް ދުވަސް ކުރިން ރޯހިތު ޝެޓީގެ "ސިންގްހަމް އަގެއިން"އިން ލިބުނު ފުރުސަތު ގަބޫލުކުރީ އެ ރޯލް އިންސާފުވެރިކަމާ އެކު ކުޅެވޭނެކަމުގެ ޔަގީންކަން އޮތުމާ އެކީ ކަމަށާއި ފިލްމުގެ ޑައިރެކްޓަރުގެ އިތުރުން ބެލުންތެރިން މާޔޫސްނުކުރުމަށް ކުރެވުނު ހުރިހާ މަސައްކަތެއް ވެސް ކޮށްފައިވާނެ ކަމަށް އަރުޖުން ވަނީ ބުނެފައެވެ.

ފިލްމު "އިޝަގްޒާދޭ"އިން އިންޑަސްޓްރީއަށް ތައާރަފުވުމަށް ފަހު މިހާތަނަށް ބެލުންތެރިންގެ ފަރާތުން ދެމުން އަންނަ ލޯތްބާއި ތަރުހީބަށް އަރުޖުން ވަނީ ޝުކުރުގެ އެ ޕޯސްޓުގައި ޝުކުރު އަދާކޮށްފައެވެ.

ފިލްމު "ސިންގްހަމް" ފަދަ ފްރެންޗައިސްއަކުން ބެލުންތެރިން ހިތްހަމަޖެހޭ ފަދަ ގޮތަކަށް ކުޅުނު ރޯލް ގެނެސްދެވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި އެއީ ފިލްމީ ދާއިރާއިން ކުރިއަށް ދިއުމަށް ލިބުނު ހިތްވަރެއް ކަމަށް އަރުޖުން ބުނެފައިވެއެވެ.

ފިލްމީ ރިޕޯޓުތައް ބުނާގޮތުން އަރުޖުން މި އަހަރު ވަނީ އިތުރު ދެ ފިލްމަކަށް ސޮއިކޮށްފައެވެ. އޭގެ ތެރޭގައި "ނޯ އެންޓްރީ ސީކުއަލް" ހިމެނޭ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.

comment ކޮމެންޓް