ބޮލީވުޑްގެ އެކްޓަރު އާމިރު ޚާންގެ ދެވަނަ ކައިވެންޏަށް ލިބިފައިވާ ދަރިފުޅު އާޒާދު ރާއޯ ޚާންގެ ސްކޫލާ ބެހޭ އެއްވެސް ކަމެއް އާމިރަށް ނޭނގޭނެ ކަމަށް އާމިރުގެ ކުރީގެ އަންހެނުން ކިރަން ރާއޯ ބުނެފިއެވެ.
އާމިރު އާއި ކިރަން ރާއޯގެ 16 އަހަރުވީ ކައިވެނި ރޫޅާލި ނަމަވެސް ދަރިފުޅުގެ ވަރަށް ގިނަ ކަންކަމުގައި އާމިރުގެ އެހީތެރިކަން ލިބޭ ކަމަށް ކިރަން ވަނީ ބުނެފައެވެ.
އެހެންނަމަވެސް ދަރިފުޅު އާޒާދުގެ ސްކޫލާ ގުޅޭ ކަންކަން ކުރުމަކީ އާމިރަށް ފަސޭހަ ކަމެއް ނޫން ކަމަށާއި އެ ކަންކަން މެނޭޖް ކުރުމަށް އާމިރަށް ތަންކޮޅެއް އުނދަގޫ ކަމަށް ކިރަން ވަނީ ބުނެފައެވެ. އެހެންވެ އާޒާދުގެ ސްކޫލްގައި ހިނގާ ވަރަށް ގިނަ ކަންކަން އާމިރަށް ނޭނގޭނެ ކަމަށް ކިރަން ވަނީ ބުނެފައެވެ.
ބަތަލާ ކަރީނާ ކަޕޫރު ގެނެސްދޭ ޓޯކް ޝޯ "ވަޓް ވިމެން ވޯންޓް"ގައި ވާހަކަ ދައްކަމުން ކިރަން ބުނީ އާމިރު ޚާނަކީ ކުދިންނަށް ވަރަށް ރަނގަޅު ބައްޕައެއް ކަމަށާއި ކިތަންމެ އަވަދި ނެތި އުޅުނަސް އާއިލާއާ އެކު ވަގުތު ހޭދަކުރަން އާމިރު ވަރަށް ބޮޑު އިސްކަމެއް ދޭ ކަމުގައެވެ.
އާމިރުގެ ފިލްމީ ކެރިއަރުގައި އެކްޓިންއަށާއި ފިލްމު އުފެއްދުމުގެ މަސައްކަތްތަކަށް ވަރަށް ގިނަ ވަގުތު ހުސްކުރުމަށް އިސްކަން ދިން ކަމަށާއި ނަމަވެސް މިހާރު އެ ވިސްނުން މުޅިން ބަދަލުވެފައިވާ ކަމަށް "ލާޕަތާ ލެޑީސް"ގެ ޑައިރެކްޓަރު ވަނީ ބުނެފައެވެ.
ކިރަން އާއި ދެ މީހުންގެ ކައިވެނި ނިމުމަކަށް އައި ނަމަވެސް ދަރިފުޅުގެ ޒިންމާތައް އަދާ ކުރުމުގައި އާމިރުގެ ހިއްސާ ވަރަށް ބޮޑު ކަމަށާއި އެކަމާ ވަރަށް އުފާވާ ކަމަށް ކިރަން ވަނީ ބުނެފައެވެ.
ވަރަށް ފަހުން އާމިރު ޚާން ބައިވެރިވި ޕޮޑްކާސްޓު ޝޯއެއްގައި ވެސް ބުނެފައި ވަނީ ހަޔާތުގައި ކުރެވުނު ދެ ކައިވެނި ރޫޅިފައިވީ ނަމަވެސް ކުރީގެ ދެ އަނބިންނާ ވެސް ވަރަށް ގާތް އެކުވެރިކަމުގެ ގުޅުމެއް އޮންނަ ކަމަށާއި އެއްވެސް ކަހަލަ ނަފުރަތު ކަމެއް އެ މީހުންގެ މެދުގައި ނޯންނަ ކަމަށެވެ.
ހަމައެއާއެކު ފުރަތަމަ ކައިވެޏްނަށް ލިބިފައިވާ އިރާ ޚާން އާއި ޖުނައިދު ޚާންއާ ދެމެދު އޮންނަ ގުޅުން ކުރިއަށް ވުރެ މާ ބަދަހިވެއްޖެ ކަމަށާއި އެކަނިވެރި ދިރިއުޅުމެއްގައި އުޅެން އާމިރު އެއްގޮތަކަށް ވެސް ބޭނުންނުވާ ކަމަށް މި ޕޮޑްކާސްޓުގައި އާމިރު ވަނީ ބުނެފައެވެ.