ސިފައިންނާއި ފުލުހުންނަށް މިހާރު ވެސް އާސަންދަ ސްކީމުގެ ތެރެއިން ދެމުންދާ ޚިދުމަތްތައް ދިނުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އާސަންދައިން މިއަދު ބުނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން އިރުޝާދު ދީފައިވާ ގޮތަށް، އާސަންދަ ސްކީމް އިސްލާހު ކުރުމުގެ މަސައްކަތުގެ ތެރެއިން، މާދަމާއިން ފެށިގެން ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
އެ ގޮތުން އަމިއްލަ އިންޝޫރެންސް އޮތް ފަރާތްތަކުގެ އިންޝޫރެންސްގެ ކަވަރޭޖް ހަމަވަންދެން އެއިން ކަނޑާގޮތަށް އާސަންދައިގެ ޚިދުމަތް ދިނުމަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
އެހެން ނަމަވެސް އަމިއްލަ އިންޝޫރެންސްގެ ތެރޭގައި ފުލުހުންގެ ޚިދުމަތާއި ދިވެހި ސިފައިންނަށް ހިންގާ ސްކީމްތައް ނުހިމެނޭނެ ކަމަށް އާސަންދައިން ވަނީ ބުނެފައެވެ. އެ ގޮތުން އެނދުމަތިކޮށްގެން އެ ފަރާތްތަކަށް ދެވޭ ފަރުވާ (އިންޕޭޝަންޓް)ގެ ބިލްތަކަށް މިހާރު ވެސް އަމަލުކުރަމުންދާ އުޞޫލުން އާސަންދަ ސްކީމުން ޚިދުމަތް ދިނުމަށް ވެސް އެ ކުންފުނިން ވާނީ ޚިދުމަތްދޭ ފާރާތްތަކަށް އަންގައިފައެވެ.
މާދަމާއިން ފެށިގެން އައުޓްޕޭޝަންޓް (އެނދުމަތި ނުކޮށްދެވޭ ފަރުވާ)ގެ ޚިދުމަތްތަކަށް އާސަންދައިގެ ޚިދުމަތް ފޯރުކޮށްދިނުމުގައި، ޚިދުމަތް ހޯދާ ފަރާތަކީ އަމިއްލަ އިންޝުއަރެންސެއް އޮތް ފަރާތެއްނަމަ، އެ އިންޝުއަރެންސަށް އިސްކަންދިނުމަށްވަނީ ހަމަޖެހިފައެވެ.
މާދަމާއިން ފެށިގެން އާސަންދައިން ގެނައުމަށް ނިންމާފައިވާ ބަދަލުތަކަކީ:
- ސިއްޙީ ޚިދުމަތް ހޯދުމަށް އަންނަ ފަރާތަކީ އަމިއްލަ އިންޝުއަރެންސެއް އޮތް ފަރާތެއްނަމަ، ޚިދުމަތުގެ މެމޯ ތައްޔާރުކުރުމުގެ ކުރިން، އެކަން ކަށަވަރުކޮށް އެ އިންޝުއަރެންސްގެ ކަވަރޭޖް ލިމިޓް ހަމަވަންދެން އެ އިންޝުއަރެންސް މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދިނުން
- ހޯދަން އެދޭ ޚިދުމަތަކީ އަމިއްލަ އިންޝުއަރެންސުން ކަވަރކުރާ ޚިދުމަތެއްނަމަ، އެ އިންޝުއަރެންސް މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދިނުން (އެންމެހައި ޚިދުމަތްތަކާއި ބޭސްސިޓީ ހިމެނޭގޮތަށް)
- މިހާރު ޢަމަލުކުރަމުންދާ އުޞޫލާ އެއްގޮތަށް، އައުޓް ޕޭޝަންޓް ޚިދުމަތްތަކަށް އަމިއްލަ އިންޝުއަރެންސާއެކު އާސަންދައަށް ބިލްނުކުރުން
- އަމިއްލަ އިންޝުއަރެންސްގެ ދަށުން ނުލިބޭ ޚިދުމަތެއް، އާސަންދައިން ލިބޭނަމަ، އެ ޚިދުމަތެއް އާސަންދައިގެ ދަށުން ފޯރުކޮށްދިނުން
- އަމިއްލަ އިންޝުއަރެންސްގެ ކަވަރޭޖް ލިމިޓް ހަމަވެފައިވާނަމަ އަދި އާސަންދައިން އެ ޚިދުމަތެއް ލިބޭނަމަ، އެ ޚިދުމަތެއް އާސަންދައިގެ ދަށުން ފޯރުކޮށްދިނުން
- އަމިއްލަ އިންޝުއަރެންސެއް އޮންނަ ފަރާތްތަކުން ހޯދާ ޚިދުމަތާއި ގުޅޭ ކަވަރޭޖް ލިމިޓް ހުސްނުވާނަމަ، ޚިދުމަތް ފޯރުކޮށްދިނުމުގައި އާސަންދަ ޕޯޓަލް ބޭނުންކުރުމާއި ބޭސް ސިޓީ ލިޔުމަށް ވިނަވި ޕޯޓަލް ބޭނުން ނުކުރުން
އެ ކުންފުނިން ބުނީ މި ކަންކަމާ ގުޅިގެން އެއްވެސް އިތުރު މައުލޫމާތެއް ބޭނުންފުޅުވާނަމަ އާސަންދަ ކޯލްސެންޓަރުގެ ނަންބަރު 1400 އަށް ގުޅުއްވައިގެން މައުލޫމާތު ހޯއްދެވޭނެ ކަމަށެވެ.
އަދި ޚިދުމަތް ދިނުމުގައި މި އުސޫލާ ޚިލާފަށް އެއްވެސް މަރުކަޒަކުން އަމަލުކުރާނަމަ، އާސަންދައަށް ޝަކުވާ ހުށަހެޅުމަށް ޤާއިމުކޮށްފައިވާ ޝިކާވަތި ޗެޓްލައިން ނަންބަރު 7951400 އަށް ވައިބަރ/ވަޓްސްއެޕް/ޓެލެގްރާމް މެދުވެރިކޮށް މެސެޖުން ޝަކުވާ ހުށަހެޅުމަށް ވަނީ އެދިފައެވެ.