ބީބީސީން އިސްރާއީލާ އެއްކޮޅަށް ޚަބަރުތައް ގެނެސްދޭ އެތަނުގެ ގިނަ މުވައްޒަފުން ބުނެފި

ބީބީސީއާ ދެކޮޅަށް މީގެކުރިން ބޭއްވި މުޒަހާރާއެއް. ފޮޓޯ/އޭއެފްޕީ

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ޚަބަރުތައް ގެނެސްދޭއިރު، އިސްރާއީލާ އެއްކޮޅަށް ގިނަ ޚަބަރުތައް ގެނެސްދޭ ކަމަށް ބީބީސީގެ 100 އަށްވުރެ ގިނަ މުވައްޒަފުން ބުނެފިއެވެ.

ހުކުރު ދުވަހު ބްރޯޑްކާސްޓާގެ ޑިރެކްޓަރު ޖެނެރަލް ޓިމް ޑޭވީ އާއި ސީއީއޯ ޑެބޮރާ ޓާނެސް އަށް ފޮނުވި ސިޓީއެއްގައި މުވައްޒަފުން ބުނެފައި ވަނީ އިސްރާއީލުގެ އަމަލުތަކަށް ޖަވާބުދާރީ ކުރުވުމުގައި ނޫސްވެރިކަމުގެ އަސާސީ އުސޫލުތައް ނެތް ކަމަށެވެ.

ހުކުރު ދުވަހު ދަ އިންޑިޕެންޑެންޓް ނޫހުން ރިޕޯޓްކުރި ގޮތުގައި އެ ސިޓީގައި ސޮއިކުރި މީހުންގެ ތެރޭގައި ބީބީސީގެ 100 އަށް ވުރެ ގިނަ މުވައްޒަފުންނާއި މީޑިއާ އިންޑަސްޓްރީގެ 200 އަށް ވުރެ ގިނަ މުވައްޒަފުންގެ އިތުރުން ތާރީޚް ލިޔުންތެރިންނާއި އެކްޓަރުންނާއި ޢިލްމުވެރިންނާއި ސިޔާސީ ބޭފުޅުން ހިމެނެއެވެ.

އެ ސިޓީގައި ބުނެފައިވާ ގޮތުގައި ބީބީސީ، އައިޓީވީ އަދި ސްކައި ނިއުސް ފަދަ އިނގިރޭސި މީޑިއާ ޖަމިއްޔާތަކަކީ އާންމުންގެ އިތުބާރު ވަރަށް ބޮޑަށް ލިބިފައިވާ ނިއުސް އޭޖެންސީތައް ކަމަށާއި ހެކިތައް ހޯދުމަށް ބިރުނުގަތުމަށް ވަނީ ލިޔެފައެވެ.

މިދިޔަ ނޮވެމްބަރު މަހު އިސްރާއީލުން ޣައްޒާގައި ހަނގުރާމަ ފެށިތާ މަހަކަށްވުރެ ގިނަ ދުވަސް ފަހުން ބީބީސީގައި ވަޒީފާ އަދާކުރާ އިނގިރޭސިވިލާތުގެ އަށް ނޫސްވެރިއަކު ވަނީ ބީބީސީ ކުށްވެރިކޮށް އަލް ޖަޒީރާއަށް ސިޓީއެއް ފޮނުވާފައެވެ.

ބީބީސީން ވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ކަވަރޭޖް ދިފާއުކޮށް ވާހަކަދައްކާފައެވެ.

ބީބީސީގެ ތަރުޖަމާނަކާ ހަވާލާދީ އިނގިރޭސިވިލާތުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ގޯސްތަކެއް ހެދޭއިރު ނުވަތަ ރިޕޯޓް ކުރާ ގޮތަށް ބަދަލުތަކެއް ގެނެސްފިނަމަ، ބީބީސީން އެކަން ހާމަކުރާނެއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި މިހާތަނަށް 43،259 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. ހަމަލާތަކުގައި ޒަޚަމްވިމީހުންގެ އަދަދު ވަނީ 101،827 އަށް އުފުލިފައެވެ.

އިސްރާއީލުގެ ހަނގުރާމަ އިތުރަށް ފުޅާވެ، ލުބުނާނަށްވެސް އަންނަނީ ހަމަލާތައް ދެމުންނެވެ. ލުބުނާނަށް ދޭ ހަމަލާތަކުގައި މިހާތަނަށް ގާތްގަޑަކަށް 2،897 މީހުން ޝަހީދުކޮށްލާފައިވާއިރު، 13،150 މީހުން ވަނީ ޒަޚަމްކޮށްލާފައެވެ.

comment ކޮމެންޓް