ކައުންސިލްތަކަށް ބަޖެޓުން ދޭ ފައިސާ މަދުކުރީ ރައްޔިތުން ނިކަމެތިކޮށްލަން: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: އޭނާ ވިދާޅުވީ ކައުންސިލްތަކަށް ބަޖެޓުން ފައިސާ ދިނުން މަދުކުރީ ރައްޔިތުން ނިކަމެތިކޮށްލަން ކަމަށް -- ސަން ފޮޓޯ

ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ފައިސާ ދިނުން މަދުކޮށްފައިވަނީ ރައްޔިތުން 'ނިކަމެތި' ކޮށްލަން ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ނުރުހުން ފާޅު ކުރައްވައިފިއެވެ.

ޝާހިދު މިފަދައިން ވިދާޅުވީ، މިއަންނަ އަހަރަށް ބަޖެޓުގެ ހުށަހެޅިއިރު، މިއަހަރަށް ވުރެ މަދުން ކައުންސިލްތަކަށް ބްލޮކް ގްރާންޓު ކަނޑައަޅާފައި އޮތުމުންނެވެ.

މިދިޔަ އެމްޑީޕީ ސަރުކާރުގައި ފޮރިން މިނިސްޓަރު ކަން ވެސް ކުރެއްވި ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކައުންސިލްތަކަށް ގާނޫނުން ދޭން ކަނޑައަޅާފައިވާ ފައިސާއާއި، ކައުންސިލްތައް ހިންގަން ބޭނުންވާ ބަޖެޓުގެ ބައެއް އުނިކޮށް ބަޖެޓު ހެދުމަކީ އެ ތަންތަނުން ކައުންސިލްތަކަށް ދޭ ޚިދުމަތްތައް ހުއްޓުވުން ކަމަށެވެ.

އެ ފަރާތްތަކަށް ދައުލަތުގެ ބަޖެޓުން ދޭ ގްރާންޓު ކުޑަކޮށްފައި ވުމަކީ ރައްޔިތުން ނިކަމެތި ކުރުމަށް ކޮށްފައިވާ ކަމެއްގެ ގޮތުގައި ޝާހިދު ވަނީ ސިފަކުރައްވާފައެވެ. އޭގެއިތުރުން، އެ ކަމަކީ ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ އިތުރު ފިޔަވަޅެއް ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، ކައުންސިލްތަކަށް ލިބިދޭ ބަޖެޓުގެ ނިސްބަތް މަދު ކޮށް، އެ ފައިސާ އެހެން ކަންކަމަށް ޚަރަދު ކުރުމުގެ ގާނޫނީ ބާރެއް ސަރުކާރަށް ލިބިގެން ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އަންނަ އަހަރަށް 56.6 ބިލިއަން ރުފިޔާގެ ބެޖެޓެއް ސަރުކާރުން އިއްޔެ ހުށަހަޅާފައިވާއިރު، ކައުންސިލްތަކަށް ބޮލޮކް ގްރާންޓަށް ދިނުމަށް ހިމަނާފައި ވަނީ 1.4 ބިލިއަން ރުފިޔާއެވެ. ނަމަވެސް، މިއަހަރަށް ކަނޑައަޅާފައި އޮތް ބަޖެޓުގައި ކައުންސިލްތަކަށް ބޮލޮކް ގްރާންޓަށް 2.2 ބިލިއަން ދޭން ހިމަނާފައިވެއެވެ. އެހެންކަމުުން ދެ ގުނަ ވަނީ އަންނަ އަހަރަށް މަދުވެފައެވެ.

އެކަމާ ގުޅުވައި ބައެއް ކައުންސިލަރުން ކަންބޮޑުވުން ފާޅު ކުރަމުން އަންނައިރު، ދުރާލާ އެއްވެސް އިޝާރާތެއް ނެތި ކައުންސިލްތަކުގެ ބޮލޮކް ގްރާންޓު ކުޑަކުރުމަކީ ކަންބޮޑުވުމެއް ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވެސް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް