ފިލްމީ ތަރި އާޔުޝް އާއިލާއާ އެކު ޗުއްޓީއަށް ރާއްޖެއަށް

އެކްޓަރު އާޔުޝް އާއި އާއިލާ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

މި އަހަރުގެ އޭޕްރިލް މަހު ރިލީޒްކުރި ފިލްމު "ރުސްލާން"ގެ އެކްޓަރު އާޔުޝް ޝަރުމާ އާއި އަންހެނުން އަރުޕިތާ ޚާން ދެ ކުދިންނާއެކު ޗުއްޓީއަށް ރާއްޖެ އަތުވެއްޖެއެވެ.

އާޔޫޝްގެ އާއިލާއިން ޗުއްޓީ ހޭދަކުރަމުން އަންނަނީ ރާއްޖޭގެ މަގުބޫލު ރިސޯޓެއް ކަމަށްވާ ސޮނެވާ ސީކްރެޓްސްގައެވެ. މި ރިސޯޓުގައި އާއިލާއާ އެކު ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ޕޯސްޓުކޮށްފައި ވާއިރު އާޔުޝްގެ އާއިލާއިން ރާއްޖެ އައި ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.

އެކްޓް ކުރުމުގެ އިތުރުން ފޮޓޯގްރަފީއަށް ޚާއްސަ ޝައުގުވެރި ކަމެއް ހުންނަ އެކްޓަރު ރާއްޖެއަށް ކުރި ދަތުރުގައި ވަނީ އާޔުޝްއަށް 34 އަހަރު ފުރުމާ ގުޅިގެން އުފަންދުވަސް ވެސް ފާހަގަކޮށްފައެވެ. އާޔޫޝްގެ އުފަންދުވަހަކީ މިދިޔަ މަހުގެ 26 ވަނަ ދުވަހެވެ.

ސޮނެވާ ސީކްރެޓްގެ ހިތްގައިމުކަން ދައްކުވައިދޭ ފޮޓޯތަކުން އާޔުޝްގެ އިންސްޓަގްރާމް ފުރާލިއިރު ރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެ ކަމަށް އޭނާ ވަނީ ސިފަކޮށްފައެވެ. ސަލްމާން ޚާންގެ ކޮއްކޮ އަރުޕިތާ ޚާންއާ ކައިވެނި ކުރުމަށްފަހު އާޔުޝް ފިލްމު އިންޑަސްޓްރީއާ ގުޅުނީ 2018 ވަނަ އަހަރު ރިލީޒްވި ފިލްމު "ލަވްޔާތުރީ"އިންނެވެ.

އާޔުޝް އާއި އަރުޕިތާގެ ދޮށީ ދަރިފުޅުގެ އުފަންދުވަސް ފާހަގަކުރަން ސަލްމާންގެ އާއިލާ އެއްކޮށް ރާއްޖެއަށް ކުރި ދަތުރުގެ ފޮޓޯއެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އިންޑަސްޓްރީގައި މިހާތަނަށް މާބޮޑު ކާމިޔާބީއެއް އާޔުޝްއަށް ލިބިފައި ނުވާއިރު ބެލުންތެރިންނަށް އެކްޓަރު ފެނިފައި ވަނީ ވެސް އެންމެ ތިން ފިލްމުންނެވެ.

މީގެކުރިން ވެސް އާޔުޝްގެ ދެމަފިރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވާއިރު ސަލްމާން ޚާންގެ މުޅި އާއިލާއިން ވަނީ އާޔުޝްގެ ދެމަފިރިންގެ އަލަތު ދަރިފުޅުގެ ފުރަތަމަ އުފަންދުވަސް ފާހަގަކުރަން ވެސް ރާއްޖެ އައިސްފައެވެ.

އިންޑިއާގެ ޓޫރިސްޓުން ރާއްޖެ އައުން އިތުރުވަމުން އަންނައިރު މި ދުވަސްވަރު ގިނައިން އަންނަ ޓޫރިސްޓުންގެތެރޭ އިންޑިއާގެ މަޝްހޫރު ސެލެބްރިޓީން ހިމެނެއެވެ.

comment ކޮމެންޓް