ވަރުންގެ ފިލްމު 'ބޭބީ ޖޯން'އާ މެދު ކުރެވޭ އުއްމީދު ބޮޑު

ފިލްމު "ބޭބީ ޖޯން"ގައި ވަރުން ކުޅޭ ކެރެކްޓަ ދައްކުވައިދޭ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

މި އަހަރުގެ ޑިސެމްބަރު މަހު ރިލީޒް ކުރުމަށް ތާވަލުކޮށްފައިވާ ފިލްމު "ބޭބީ ޖޯން"އަކީ ވަރުން ދަވަންގެ ކެރިއަރުގެ އެންމެ މޮޅު ފިލްމަށް ވާނެކަމަށް ގިނަ ބަޔަކު ބުނެފިއެވެ.

މި ފިލްމުގެ ބައެއް ޕޯސްޓަރުތައް މިހާތަނަށް ރިލީޒްކޮށްފައި ވާއިރު އިއްޔެ ތިއޭޓަރުތަކުގައި ފިލްމު "ބޭބީ ޖޯން"ގެ ޓޭސްޓަ ކަޓް ޓީޒާއެއް ވަނީ ބެލުންތެރިންނަށް ދައްކާފައެވެ. މި ޓީޒާ ފެނުމުގެ ފުރުސަތު ލިބުނު ހަމައެކަނި ބަޔަކީ އިއްޔެ ތިއޭޓަރުތަކުގައި އެޅުވި ފިލްމުތައް ބަލަން ދިޔަ މީހުންނެވެ.

ކުޅަދާނަ ތަމަޅަ ޑައިރެކްޓަރު އެޓުލީ 2016 ވަނަ އަހަރު ގެނެސްދިން ތަމަޅަ ފިލްމު "ތޭރީ" އަސްލަކަށް ބަލައިގެން އުފައްދާ މި ފިލްމުގެ ޕްރޮޑިއުސަރުންގެ ތެރޭ އެޓުލީ ވެސް ހިމެނެއެވެ.

މި ފިލްމުގެ ޓޭސްޓަ ކަޓް ޓީޒާ ބެލުމަށްފަހު ޕްރޮޑިއުސަރު/ޑައިރެކްޓަރު ކަރަން ޖޯހަރު ބުނެފައި ވަނީ މިއީ ވަރުން ދަވަންގެ ފިލްމީ ކެރިއަރު އިތުރު އުސްމިނަކަށް ގެންދާނެ ފިލްމެއް ކަމަށެވެ.

ފިލްމު "ބޭބީ ޖޯން"ގެ ޕޯސްޓަރެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ހަމައެއާއެކު ތިއޭޓަރުން ނުކުތް ބައެއް ބެލުންތެރިން ބުނެފައި ވަނީ މިހާތަނަށް ވަރުން ދަވަން އެހާ ވަރުގަދަކޮށް އެކްޝަން ފިލްމަކުން ފެނިފައި ނުވާތީ "ބޭބީ ޖޯން" ބަލަން އިތުރު ޝައުގުވެރި ކަމެއް ގެނުވައިފި ކަމަށެވެ.

ޖިއޯ ސްޓޫޑިއޯ އާއި ސައިން 1 ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ މި ފިލްމުގައި ވަރުން ފެންނާނީ އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ނުރައްކަލަށް ހުށަހެޅުމާ ގުޅިގެން ދަރިފުޅަށް ރައްކާތެރިކަން ހޯދައިދިނުމަށް ކޮންމެފަދަ ގުރުބާނީއެއް ކުރަން ތައްޔާރަށް ހުންނަ ޖެހިލުންކުޑަ ބައްޕައެއްގެ ރޯލްއިންނެވެ.

ވަރުންގެ އިތުރުން ފިލްމުގެ ވިލެންގެ ރޯލްއިން ކުރީގެ އެކްޓަރު ޖެކީ ޝްރޮފް ފެންނާނެއިރު ފިލްމުގައި ބަތަލާއިންގެ ރޯލް ކުޅޭނީ ސައުތު ސިނަމާގެ ބަތަލާ ކީރްތީ ސުރޭޝް އަދި ބަތަލާ ވަމީގާ ގައްބީއެވެ.

comment ކޮމެންޓް