މޯލްޑިވްސް މީޑިއާ ކައުންސިލުންދޭ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ މަގާމު މިހާރު ނޫހުގެ ފާތިމަތު ޝަނާ މުޙައްމަދު މިރޭ ހާސިލްކޮށްފިއެވެ.
ރާއްޖޭގައި ނޫސްވެރިކަމުގެ ރޮނގުން އިނާމު ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބޭއްވި ހަފުލާގައި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑު ޝަނާ ހާސިލުކުރީ ކުޅަދާނަ ހަތަރު ނޫސްވެރިޔަކާއި ވާދަކޮށްގެންނެވެ. ޝަނާއަކީ މި އަހަރު މި މަގާމަށް ނޮމިނޭޓްވި ހަމައެކަނި އަންހެން ނޫސްވެރިޔާއެވެ.
އުމަރު ޒާހިރު އޮފީސް ބިލްޑިންގުގައި ބޭއްވި ހަފުލާގައި އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑު ހަވާލުކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަތީފެވެ.
އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް މިރޭ ހާސިލްކުރި ޝަނާ ނޫސްވެރިކަމުގެ ދާއިރާއާ ގުޅުނީ 2012 ވަނަ އަހަރުގައެވެ. ޝަނާ ޚާއްސަވަނީ ވިޔަފާރީގެ ދާއިރާއާއި އިގުތިސާދީ ދާއިރާ ކަވަރު ކުރަމުން އަންނަ ނޫސްވެރިއެެއްގެ ގޮތުގައެވެ. އޭނާ ވަނީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާއާއި އިގުތީސާދީ ދާއިރާއާ ގުޅޭ ގިނަ ލިޔުންތަކެއް ލިޔެފައެވެ.
މީގެ އިތުރުން ވެސް މިރޭ ވަނީ ނޫސްވެރިކަމުގެ ދާއިރާއިން ގިނަ އެވޯޑްތަކެއް ދީފައެވެ. އޭގެ ތެރޭގައި އަހަރުގެ އެންމެ އުއްމީދީ ނޫސްވެރިޔާއާއި އަހަރުގެ އެންމެ މޮޅު ކަވަރޭޖާއި ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާއާއި ވީޑިއޯ ޑޮކިއުމެންޓްރީ ދާއިރާގެ އިތުރުން ފީޗާ ރިޕޯޓުގެ ދާއިރާއިން ވެސް މިރޭ ވަނީ ނޫސްވެރިންނަށް އެވޯޑު ދީފައެވެ.
އެގޮތުން އެވޯޑު ލިބުނު ނޫސްވެރީންގެ ތެރޭގައި:
* އެންމެ އުންމީދީ ނޫސްވެރިޔާ: މުޙައްމަދު ޔަމީން / ނުކުތާ
* އަހަރުގެ އެންމެ މޮޅު ކަވަރޭޖްގެ އިނާމު: ދިވެހި ފުޓުބޯޅައިން ވައި ހިނދި، ފައިސާ ގަދަވުން/ މިހާރު ނޫސް
* ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ އޯޑިއޯ ވީޑިއޯ: އަޙްމަދު ޢާއިދު/ އަދަދު ނޫސް
* ތަހުގީގީ ނޫސްވެރިކަމުގެ ދާޢިރާ ނޫސްމަޖައްލާ: އަޙްމަފު ނާއިފް/ ދައުރު ނޫސް
* ވީޑިއޯ ޑޮކިއުމެންޓްރީ ދާއިރާ: މުޙައްމަދު މިރާން ނާޝިމް/ އަދަދު ނޫސް
* ފީޗާ ރިޕޯޓުގެ ދާއިރާ: މުޙައްމަދު މުޒައްޔިނު ނާޒިމް/ ދައުރު ނޫސް
* ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ: ޝަހުދާ މުޙައްމަދު/ ދައުރު ނޫސް
މީގެ އިތުރުން މިރޭ ވަނީ "އާފަތިސް" ނޫހުގެ ކުރީގެ އެޑިޓަރު އަހުމަދު ޒާހިރު (ފެއަރީ ޒާހިރު) އަދި ދައުރު ނޫހުގެ އެޑިޓަރު މޫސާ ލަތީފަށް ނޫސްވެރިކަމުގެ ދާއިރާއިން ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ދެއްވާފައެވެ. މި ދެބޭފުޅުންނާ ވެސް އެވޯޑު ހަވާލު ކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ.
ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވަނީ ނޫސްވެރިންނަކީ މުޖުތަމައުގައި އަގުހުރި މުހިންމު މަސައްކަތެއް ކުރަމުން އަންނަ ހިތްވަރުގަދަ ބައެއްކަން ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން މުޖުތަމައަށް އެކި ކަހަލަ މައުލޫމާތު ފޯރުކޮށްދީ، އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމުގެ އިތުރުން ސުލޫކީ ސިފަތަކުން ޒީނަތްތެރިވެފައިވާ މުޖްތަމައެއް ބިނާކުރުމަށް އެންމެ ބުރަ އެންމެ ބޮޑު މަސައްކަތެއް ކުރާ ބަޔަކީ ނޫސްވެރިންކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.