މި ދައުރު ނިމެންވާއިރަށް މަސް ސްޓޯރޭޖް 25،000 ޓަނަށް އިތުރު ކުރާނަން: ޝިޔާމް

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މަޖިލީހުގައި: ވިދާޅުވީ މި ދައުރު ނިމެންވާއިރަށް މަސް ސްޓޯރޭޖް 25،000 ޓަނަށް އިތުރު ކުރާނެ ކަމަށް -- ފޮޓޯ/ މަޖިލިސް

މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު، މަހުގެ ސްޓޯރޭޖް ކެޕޭސިޓީ 25،000 ޓަނަށް ވުރެ އިތުރުކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ޝިޔާމް އެފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވައެވެ.

އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދޭން ވިދާޅުވި ގޮތަށް އެ ފައިސާ ނުދެވިގެން އުޅެނީ ކީއްވެތޯއާއި، އެއީ ދައްކާ ބަހަނާއެއްތޯ ސުވާލުކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބުދެއްވާ މިނިސްޓަރު ޝިޔާމް ވިދާޅުވީ އެއީ ބަހަނާއެއް ނޫން ކަމަށާއި އެއީ މި ސަރުކާރުން ފިލާނެ ވައުދެއް ނޫންކަމަށެވެ. އަދި ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އެއީ ތަންފީޒުކުރައްވާނެ ވައުދުފުޅެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ސަރުކާރުން ވަނީ މަހުގެ އަގު 17ރ. އިން 25ރ. އަށް ބޮޑު ކޮށްފައެވެ. ނަމަވެސް ދައުލަތުން މާލީ ގޮތުން އުފުލަން ޖެހޭ ބުރަ ބޮޑުވުމުގެ ސަބަބުން މަހުގެ އަގު މި ސަރުކާރުން ވަނީ ކުޑަކޮށްފައިވެއެވެ.

އެކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ މިދިޔަ ސަރުކާރުން މަހުގެ އަގަށް ބަދަލު ގެނައީ އިންތިޚާބުތެރޭ އެއްވެސް ކަހަލަ ދިރާސާއެއް ކުރުމެއް ނެތި ކަމަށެވެ. އަދި މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު މަސްވެރިންނަށް ނުދީ ބެކްލޮގްގައި 250 މިލިއަން ރުފިޔާގެ ފައިސާ ހުރި ކަަމަށް ވިދާޅުވިއެވެ.

މަސްވެރިންނަށް ބަރާބަރަށް ފައިސާ ދެމުން މިދަނީ. ދުނިޔޭގެ ބާޒާރާ އެއްގޮތަށް މަހުގެ އަގަށް ބަދަލުނުގެނެސް މަސްވެރި ސިނާއަތެއް ނޯންނާނެ. ބަހަނާއެއް ނޫން މިއީ. އެއީ އިންޑަސްޓްރީގެ ކުރިއެރުމަށް ރައީސް ނެންގެވި ޑިސިޝަނެއް، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް

ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް -- ފޮޓޯ/ މަޖިލިސް

އެ ސުވާލުގެ ޖަވާބާ މެދު ނުރުހުން ފާޅުކުރައްވާ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ވަނީ 250 މިލިއަން ރުފިޔާ ހުރިއިރު އެވަރަށް މަސް ސްޓޯރޭޖްގައި ހުރިތޯ ސުވާލު އުފައްދަވާފައެވެ.

އެ ސުވާލަށް ޖަވާބުދެއްވާ ޝިޔާމް ވިދާޅުވީ ދިވެހި މަސްވެރި ސިނާއަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކެޕޭސިޓީ ނެތުން ކަމަށެވެ. އެގޮތުން ފެލިވަރު އޮޕަރޭޝަނަށް އައި ފަހުން 46 އަހަރު ވެގެން ދިޔައިރު އޭރު މަސްވެރިކަން ފެށި ގޮތާ މިހާރު އޮތްގޮތާ މާބޮޑު ތަފާތެއް ނެތް ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި މިފްކޯ އުފެދިގެން 28 އަހަރުވީއިރު މަސްވެރި ސިނާއަތަށް މާބޮޑު ކުރިއެރުމެއް އައިސްފައި ނެތް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިވަގުތު ރާއްޖޭގައި މަސް ސްޓޯކުރުމުގެ ކެޕޭސިޓީއަކީ 8،500 ޓަނު ކަމަށެވެ.

250 މިލިއަން ރުފިޔާގެ މަސް ކިހިނެއްތޯ ސްޓޯކުރާނީ؟ ސްޓޯރޭޖް ނެތް ވާހަކަ މި ދައްކަނީ. އިރާދަކުރެއްވިއްޔާ 25،000 ޓަނަށްވުރެ މަތީގަ މަސް ސްޓޯރޭޖް ހުންނާނެ މި ސަރުކާރު ނިމެންވާއިރަށް، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް

މިފްކޯގެ ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން މި އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ދިޔައިރު ކުންފުނިން ވަނީ މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ތެރެއިން 862.3 މިލިއަން ރުފިޔާ ދައްކައިފައެވެ.

އެއާއެކު ނުދެވި ހުރި އަދަދު 6.1 މިލިއަން ރުފިޔާއަށް މަދުވި ނަމަވެސް މިހާރު އެއަށް ގާތްގަނޑަކަށް ތިން މިލިއަން ރުފިޔާ މި ވަނީ އިތުރުވެފައެވެ.

އެހެންނަމަވެސް މަސްވެރިންނަށް ނުދީ ހުރި ފައިސާއެއް ހުރިއްޔާ މާދަމާއާ ހަމައަށް ލިބޭނެ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

comment ކޮމެންޓް