ގުޅީފަޅުގެ ގޯތިތައް ހަވާލު ކުރެވޭނީ ތިލަމާލެ ބްރިޖުގެ މަސައްކަތް ނިމުމުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް އަލުން ބިން ކަނޑައަޅަން ގުރުނެގުމުގެ މަސައްކަތް މިއަދު ވަނީ ފަށައިފައެވެ.
އެކަމާ ގުޅުވައި ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރު ވިދާޅުވީ، މިނިސްޓްރީއަށް ރަޖިސްޓްރީ ހަދައިދެވޭނީ ގުޅީފަޅުން ހިއްކާފައި އޮތް ބިންތަކުން ކަމަށާއި، ގަވައިދުގައި އޮންނަ ގޮތުން ނުހިއްކާ ބިންތަކުން ރަޖިސްޓްރީ ހަދައިނުދެވޭނެ ކަމަށެވެ. ނަމަވެސް ނުހިއްކާ ބިންތަކަށް ވެސް ލިޔުމެއް ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
...ބްރިޖު މަސައްކަތް ނިންމާފައި އެތާނގައި ފެނާއި ނަރުދަމާ އެޅުމާއި އަދި މަގުތައް ހެދުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެ. އެހެންވީމާ އެ ހުރިހާ ކަމެއް ވެސް ކުރިއަށްދާއިރު، ހަމަގައިމު ވެސް ބްރިޖު މަސައްކަތް ނިމުނީމަ އެތަނަށް ގޮސް، ގޯއްޗާ ހަވާލުވުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. ބިން ހިއްކާ ނިމުނީމަހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު
މީގެ އިތުރުން، މިދިޔަ ސަރުކާރުން އެކުލަވާލާފައިވާ 'ގުޅީފަޅު ލޭންޑް ޔޫސް ޕެލޭން' އޮތީ ވަރަށް އެކަށީގެންނުވާ ގޮތަކަށް ކަން ފާހަގަކުރައްވައި ހައިދަރު ވިދާޅުވީ މި ސަރުކާރުން ލޭންޑް ޔޫސް ޕްލޭން ފާސްކުރީ އާންމުންގެ މަޝްވަރާގެ މަތިން ކަމަށެވެ.
މިގޮތުން، އެ ޕްލޭން ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ އެތަނުގައި ދިރިއުޅޭނެ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއްގައި އުޅެވޭނެ ގޮތް ތަނަވަސްކޮށްދިނުން ކަމަށާއި މި ޕްލޭންގައި މުނިފޫހިފިލުވުމާއި އިޖުތިމާއީ އަދި އިގްތިސާދީ ސަރަހައްދުތައް ވެސް ހިމަނައިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންވެ، މި ޕްލޭނަކީ ވަރަށް ފުރިހަމަ ލޭންޑް ޔޫސް ޕްލޭނެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އިތުރަށް ހައިދަރު ވިދާޅުވީ، ގުރު ނަގައިގެން ގުޅީފަޅުން ގޯތި ލިބޭ ސަރަހައްދުތައް އެނގުމަކީ އެތަނުން ގޯތި ލިބުނު މީހުންނަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމަކަށް ވާނެ ކަމަށެވެ.
އެހެންވީމަ އެ ފަރާތްތަކަށް ލިބޭ ވަރަށް އުއްމީދަކަށް ވާނެ ގުރުއަތު ނަގައިގެން ގޯތި އޮންނަނީ ކޮންތަނެއްގައިކަން އެނގުނީމަ. އަޅުގަނޑު ވަރަށް ފާހަގަކުރަން އެކަންތައް. އެއީ އަޅުގަނޑު ދެކޭ ގޮތުގައި ކުރަމުން އައި އުންމީދެއްގެ ކޮޅުމަތި މި ފެނުނީ އިނގޭތޯހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު
ގުޅީފަޅުން މިހާރު ދޫކުރުމަށް ނިންމާފައި ވަނީ 3،520 ގޯއްޗެވެ. މިނިސްޓްރީން ބުނީ މިއަދު ގުރުނަގަނީ ގުޅީފަޅުން ގޯތިލިބުނު އެންމެންގެ މެދުގައި ކަމަށެވެ. އެހެންކަމުން މީގެތެރޭގައި ގިރާވަރުފަޅުން ލިބުނު ގޯތި ގުޅީފަޅަށް ބަދަލުކުރި މީހުން ވެސް ހިމެނެއެވެ.
ގޯތިލިބޭ މީހުންގެ ގުރުއަތުނަގައި ނިމުމުން، ގޯތިތަކުގެ ރަޖިސްޓްރީއާއި، ބިން ލިބޭ މީހުންނާއެކު ހަދާ އެއްބަސްވުންތަކާ ގުޅޭ މައުލޫމާތު މިނިސްޓްރީން ދޭނެކަން ވަނީ އިއުލާންކޮށްފައެވެ.
ގުޅީފަޅުން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިން:
- 1250 އަކަފޫޓުގެ 669 ގޯތި
- 1650 އަކަފޫޓުގެ 1234 ގޯތި
- 2050 އަކަފޫޓުގެ 916 ގޯތި
- 2450 އަކަފޫޓުގެ 473 ގޯތި
- 2850 އަކަފޫޓުގެ 158 ގޯތި
- 3250 އަކަފޫޓުގެ 49 ގޯތި
- 3650 އަކަފޫޓުގެ 21 ގޯތި
ނިމިދިޔަ ސަރުކާރުން ވަނީ ގުޅިފަޅުން 150 ހެކްޓަރުގެ ބިން ހިއްކާފައެވެ. އަދި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ގުޅީފަޅުން އިތުރު 85 ހެކްޓަރު ހިއްކުމަށް ނިންމަވައިފައެވެ.
ނިމިދިޔަ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކަމަށްވާ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ވަނީ ނިންމައިފައެވެ. އެ ސްކީމްގެ ދަށުން ގޯތި ދޫކުރަނީ ގިރާވަރުފަޅާއި ގުޅިފަޅުގެ އިތުރުން ހުޅުމާލެ ހިއްކައިގެންނެވެ.
މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ތިލަމާލެ ބުރިޖުގެ މަސައްކަތް ގޮސްފައިވާ ހިސާބު ހިއްސާކުރައްވަމުން އިއްޔެ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ އެ ބުރިޖުގެ 45.82 ޕަސެންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވި ގޮތުގައި، މި މަޝްރޫއު އެއްކޮށް ނިންމައިލެވޭނެ ކަމަށް ބޮޑަށް ގަބޫލުކުރެއްވެނީ 2026 ވަނަ އަހަރެވެ. ނަމަވެސް، އެ މަނިކުފާނު ބޭނުންފުޅުވަނީ އަންނަ އަހަރުގެ ކުރީކޮޅަށް އެ މަޝްރޫއު އެއްކޮށް ނިންމައިލަން ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.