ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް އަލުން ބިން ކަނޑައަޅަން ގުރުނެގުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
ގުޅީފަޅުން ގޯތި ލިބުނު މީހުންގެ ގުރުނެގުން ފަށާފައި ވަނީ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި މިއަދުގެ 09:00 ގައެވެ.
މީގެ ކުރިން ވެސް ގުޅީފަޅާއި ގިރާވަރުފަޅުން ގޯތި ލިބުނު މީހުންނަށް ގޯތި ލިބުނު ތަންތަނުގެ އިތުރުން ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައި ވާއިރު މިހާރު އަލުން ގުރު ނަގަނީ މުޅި ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން އެއްކޮށް ބަދަލުކުރުމުން، މިނިސްޓްރީން އަލުން ގުރުނެގުމަށް ނިންމުމުންނެވެ.
ގުޅީފަޅުން މިހާރު ދޫކުރުމަށް ނިންމާފައި ވަނީ 3،520 ގޯއްޗެވެ. މިނިސްޓްރީން ބުނީ މިއަދު ގުރުނަގަނީ ގުޅީފަޅުން ގޯތިލިބުނު އެންމެންގެ މެދުގައި ކަމަށެވެ. އެހެންކަމުން މީގެތެރޭގައި ގިރާވަރުފަޅުން ލިބުނު ގޯތި ގުޅީފަޅަށް ބަދަލުކުރި މީހުން ވެސް ހިމެނެއެވެ.
ގޯތިލިބޭ މީހުންގެ ގުރުއަތުނަގާ ނިމުމުން، ގޯތިތަކުގެ ރަޖިސްޓްރީއާއި، ބިން ލިބޭ މީހުންނާއެކު ހަދާ އެއްބަސްވުންތަކާ ގުޅޭ މައުލޫމާތު މިނިސްޓްރީން ދޭނެކަން ވަނީ އިއުލާންކޮށްފައެވެ.
ގުޅީފަޅުން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިން:
- 1250 އަކަފޫޓުގެ 669 ގޯތި
- 1650 އަކަފޫޓުގެ 1234 ގޯތި
- 2050 އަކަފޫޓުގެ 916 ގޯތި
- 2450 އަކަފޫޓުގެ 473 ގޯތި
- 2850 އަކަފޫޓުގެ 158 ގޯތި
- 3250 އަކަފޫޓުގެ 49 ގޯތި
- 3650 އަކަފޫޓުގެ 21 ގޯތި
ގޯތި ބަދަލުކުރުމަށް ލިބުނު ފުރުސަތުގައި ގިރާވަރުފަޅުން ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ވެސް 2،210 މީހުން ވަނީ އެދިފައެވެ.
ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ، ބާކީ ގޯތި ގުޅިފަޅުން ދޭން ސަރުކާރުން ނިންމައި، ގޯތި ބަދަލުކުރުމަށް އެދި ހުށަހެޅުމަށް ހުޅުވާލީ މިދިޔަ އޭޕްރިލް މަހުގެ މަހުގެ ހަތްވަނަ ދުވަހެވެ.
ނިމިދިޔަ ސަރުކާރުން ވަނީ ގުޅިފަޅުން 150 ހެކްޓަރުގެ ބިން ހިއްކާފައެވެ. އަދި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ގުޅީފަޅުން އިތުރު 85 ހެކްޓަރު ހިއްކުމަށް ނިންމާފައެވެ.
ނިމިދިޔަ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކަމަށްވާ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ވަނީ ނިންމައިފައެވެ. އެ ސްކީމްގެ ދަށުން ގޯތި ދޫކުރަނީ ގިރާވަރުފަޅާއި ގުޅިފަޅުގެ އިތުރުން ހުޅުމާލެ ހިއްކައިގެންނެވެ.