މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން ރާއްޖޭގެ 13 ރަށެއްގައި 2،100 އެފޯޑަބަލް ހައުސިން ޔުނިޓް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފިއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި ބޮޑު މަޝްރޫއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު ފިޔަވަޅެއް ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން އިއްޔެ ގެޒެޓުކޮށްފައިވާ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ 2،100 ހައުސިން ޔުނިޓް ފަރުމާކޮށް، ތަރައްގީކޮށް އަދި ތަންފީޒުކުރުމުގެ މަސައްކަތް ހަވާލުކުރެވޭނީ ޝަރުތު ހަމަވާ ފަރާތްތަކަށެވެ. މިއީ ފަހުގެ ތާރީހެއްގައި އަތޮޅުތެރޭގެ ރަށްތަކަށް އަމާޒުކޮށްގެން ސަރުކާރުން އިއުލާންކުރި އެންމެ ބޮޑު އެއް ބޯހިޔާވަހިކަމުގެ މަޝްރޫއެވެ.

މިނިސްޓަރު މުއްތަލިބު، އެފްޑީސީ ފްލެޓުތަކުގެ މަސައްކަތް ބައްލަވައިލައްވަނީ -- ފޮޓޯ/ ރައީސް އޮފީސް
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް (ޕީޕީޕީ) މޮޑެލްގެ ދަށުންނެވެ. މިނިސްޓްރީން ކަނޑައަޅާފައިވާ އެންމެ މުހިންމު އެއް ޝަރުތަކީ، މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކަކީ ސައްތައިން ސައްތަ ދިވެހި ހިއްސާ އޮންނަ، ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމިއްޔާތަކަށް، ކުންފުނިތަކަށް ނުވަތަ ކޮންސޯޓިއަމްތަކަށް ވުމެވެ.
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވާ 13 ރަށުގެ ތެރޭގައި ހިމެނެނީ, ހއ. ހޯރަފުއްޓާއި ރ. އުނގޫފާރާއި ބ. ތުޅާދޫ އާއި ޅ. ނައިފަރާއި މ. މުލީގެ އިތުރުން ދ. މީދޫ އާއި ލ. ގަމާއި ތިނަދޫ ސިޓީ އާއި ފުވައްމުލަށް ސިޓީއެވެ. މީގެ އިތުރުން އައްޑޫ ސިޓީގެ ހިތަދޫ އާއި ފޭދޫ އާއި މަރަދޫ-ފޭދޫ އާއި މަރަދޫގައި ހައުސިން ޔުނިޓްތައް އެޅުމަށް ވަނީ ނިންމައިފައެވެ.
މިނިސްޓްރީން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މި މަޝްރޫއަކީ ދިވެހި ރިއަލް އެސްޓޭޓް ޑިވެލޮޕަރުންނަށް ގައުމީ ބޯހިޔާވަހިކަމުގެ އިސްކަންދޭ ކަންކަން ހާސިލުކުރުމުގައި އަމަލީގޮތުން ބައިވެރިވެ، އެ ފަރާތްތަކުގެ ގާބިލުކަން އިތުރުކޮށް ކުރިއެރުމަށް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެކެވެ. އަދި ހޮވޭ ފަރާތްތަކުން ގައުމީ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާއި އާބަން ޕްލޭނިން އޮނިގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މާލީ ގޮތުން ދެމެހެއްޓެނިވި، ފެންވަރު ރަނގަޅު އަދި މުޖުތަމައާ ގުޅޭ މިކްސްޑް-ޔޫސް ރެސިޑެންޝަލް ޑިވެލޮޕްމަންޓެއް ގެނެސްދޭން ޖެހޭނެއެވެ.
މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން ސާފުކުރަން ބޭނުންވާ ކަންކަން ސާފުކުރުމަށް މިނިސްޓްރީން ވަނީ މުއްދަތެއް ދީފައެވެ. އެގޮތުން، އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ، 4 އޮގަސްޓް 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް [email protected] އަށް ލިޔުމުން ހުށަހެޅުމަށް ވަނީ އަންގާފައެވެ.
މި މަޝްރޫއަށް ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯސަލް ހިމެނޭ ގޮތަށް، ފުރިހަމަ ޕްރޮޕޯސަލްތައް ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ 17 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 އެވެ. ޕްރޮޕޯސަލްތައް ހުށަހަޅަން ޖެހެނީވެސް ހަމަ އެ އީމެއިލް އެޑްރެހަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި، މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް އެކަށީގެންވާ އަގެއްގައި ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު ފުޅާކުރުމާއި، ރޭވުންތެރިކަމާއެކު އާބަން ޑިވެލޮޕްމަންޓް ކުރިއެރުވުމުގެ އިތުރުން ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމެވެ. މީގެ އިތުރުން، ޖާގައިގެ ގޮތުން އެންމެ އެކަށޭނެ، ތިމާވެއްޓާ ރައްޓެހި އިމާރާތްކުރުމުގެ އާދަތައް ހިމެނޭ، އަދި ބޯހިޔާވަހިކަން ލިބޭ ފަރާތްތަކަށް ދިގު މުއްދަތަކަށް އޭގެ ފައިދާ ކުރާނެ ފަދަ ފަރުމާތައް ހިމެނޭ ޕްރޮޕޯސަލްތަކަށް މިނިސްޓްރީން ހިތްވަރުދެއެވެ.