ސިއްޙީ ޚިދުމަތް ކުރިއަރުވައި، އަންހެނުން ބާރުވެރިކުރުވަން ބައިނަލްއަގުވާމީ އެއްބާރުލުން މުހިންމު: ސާޖިދާ

ސާޖިދާ: ވިދާޅުވީ ސިއްޙީ ޚިދުމަތް ކުރިއަރުވައި، އަންހެނުން ބާރުވެރިކުރުމަށް ބައިނަލްއަގުވާމީ އެއްބާރުލުން ދިނުން މުހިންމު ކަމަށް --- ފޮޓޯ/ ރައީސް އޮފީސް

ސިއްޙީ ޚިދުމަތާއި ތައުލީމު ކުރިއެރުވުމާއި އަންހެނުން ބާރުވެރިކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އެއްބާރުލުން ދިނުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ، މާކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީ ކޮންފަރެންސްގެ 11 ވަނަ އަހަރީ ބައްދަލުވުމުގައި ބޭއްވި ހައިލެވެލް ފަސްޓް ލޭޑީސް ޕެނަލްގެ ޝަރަފުވެރި މެހުމާންގެ ހައިސިއްޔަތުން ކީނޯޓް ތަގުރީރު ދެއްވަމުންނެވެ.

މާކް ފައުންޑޭޝަނުން ކުރިއަށް ގެންދާ "މޯ ދޭން އަ މަދާ" ކެމްޕެއިން ހަރަކާތްތަކަށް ތަޢުރީފު ކުރައްވައި، އެކަމަނާ ވިދާޅުވީ، ރާއްޖޭގައި ދަރިމައިވުމުގެ މައްސަލައަކީ އަދިވެސް ވަރަށް ހައްސާސް ކަމެއް ކަމަށެވެ.

އެގޮތުން، އެކަމާ އެއްކޮށް ވިޔަސް، އަންހެނުންނަކީ މުޖުތަމަޢު ބިނާ ކުރުމުގެ ބޮޑު ޒިންމާއެއް 'ކޮނޑުގައި އަޅައިގެން' އުޅެމުންދާ ބައެއް ކަމަށް ސާޖިދާ ވިދާޅުވިއެވެ.

އޭގެއިތުރުން، އާސަންދައިގެ ތެރެއިން ފަރުވާ ފޯރުކޮށްދީ، އައިވީއެފް ފަދަ އެސިސްޓެޑް ރިޕްރޮޑަކްޓިވް ޓެކްނޮލޮޖީސް (އޭއާރްޓީ) އިތުރަށް ފަސޭހަކޮށްދިނުމަށް އަދުގެ ސަރުކާރުން އިސްނަގައިގެން ކުރައްވާ މަސައްކަތްތައް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

ސާޖިދާ ވިދާޅުވީ، 'މޯ ދޭން އަ މަދާ' ކެމްޕެއިން ރާއްޖެއަށް ތަޢާރަފު ކުރުމަށް ބޭނުންފުޅުވާ ކަމަށާއި މި ކެމްޕެއިންގެ ސަބަބުން މުޖުތަމައުގައި ދަރިމައިވުމާ ގުޅޭ ގޮތުން ހުރި ވިސްނުން ބަދަލުވާނެ ކަމަށެވެ.

އެ ކެންޕެއިންގެ ސަބަބުން ރާއްޖޭގައި ހިތްދަތިކަން ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ސާޖިދާ ގަބޫލު ކުރައްވައެވެ.

އެއާއެކު، ކެންސަރުން ރައްކާތެރިވުމާއި ފަރުވާ ދިނުމާއި ތައުލީމު ކުރިއެރުވުމާއި އެންމެންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުން ފަދަ ކަންކަމުގެ މައްޗަށް އެކަމަނާގެ ތަގުރީރުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.

ސާޖިދާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ދުޅަހެޔޮ، ހަމަހަމަ ދުނިޔެއެއް ބިނާކުރުމަށްޓަކައި، މެރކް ފައުންޑޭޝަނާ ގުޅިގެން އިތުރަށް މަސައްކަތް ކުރެއްވުމަށް ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ.

މެކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީގެ 11ވަނަ އަހަރީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ސާޖިދާ ފުރާވަޑައިގަތީ އިއްޔެއެވެ.

comment ކޮމެންޓް