އުފާވެރިކަން އިތުރުކުރުމަށް ބަހާއި ސަގާފަތަށް އިހުތިރާމުކޮށް، ހެޔޮގޮތުގައި ބޭނުންކުރުން މުހިންމު: ސާޖިދާ

މެޑަމް ސާޖިދާ މުޙައްމަދު: އުފާވެރިކަން އިތުރުކުރުމަށް ބަހާއި ސަގާފަތަށް އިހުތިރާމުކޮށް، ހެޔޮގޮތުގައި ބޭނުންކުރުން މުހިންމުކަމަށް އެކަމަނާ ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ގައުމެއްގެ އުފާވެރިކަން އިތުރުކުރުމުގައި ތަރިކައާއި ބަހާއި ސަގާފަތަށް އިހުތިރާމުކޮށް އެ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްދު މިއަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ ހެޕިނެސް އިންޑެކްސް ހަފުލާ ޝަރަފުވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އެކަމަނާ ވިދާޅުވީ މުޅި ދިވެހި ގައުމުގެ އުފާވެރިކަމުގެ ނިސްބަތް ދެނެގަތުމުގެ މަސައްކަތެއް ފެށުމަކީ ވަރަށް ބޮޑު އުފަލެއް ލިބޭ ކަމެއް ކަމަށެވެ.

ސާޖިދާ ވިދާޅުވީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އެ ގައުމެއްގެ އުފާވެރިކަމުގެ ނިސްބަތް ދެނެގަތުމުގެ މަސައްކަތް ކުރާ ކަމަށެވެ. ގައުމީ އެކި ކަންކަމުގައި ގޮތް ނިންމާއިރު އެ ގައުމެއްގެ އުފާވެރިކަން ހުރި ނިސްބަތަށް ބަލާކަމަށާއި ހާއްސަކޮށް ޑިމޮކްރަސީގެ އުސޫލުތަކަށް ހިތްވަރުދޭ ސަރުކާރުތަކުން އެކަން އެގޮތަށް ބަލައި ކަށަވަރުކުރާކަން އެ ކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

އުފާވެރިކަން މިއީ އަޅުގަނޑުމެންނަށް ވަރަށް ގިނައިން އިވޭ ލަފުޒެއް. އަދި އެ ލަފުޒުގެ މާނަ އެނގޭކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ. ނަމަވެސް އުފާވެރިކަމަކީ ކޮބައިތޯ ސުވާލުކޮށްލެވިއްޖެ ނަމަ އަޅުގަނޑު ހިތުން އެކި މީހުން ދޭނީ އެކި ޖަވާބު. ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު

އެގޮތުން އުފާވެރިކަމަކީ އެކަކު އަނެކަކަށް އިހުތިރާމު ކުރުމާއި ރީތި ބަސްމަގު ބޭނުންކޮށްގެން ވާހަކަދެއްކުމާއި މީހުންގެ ގަދަރާއި ކަރާމާތަށް ރައްކާތެރިވުމާއި ބުނާ ބަހުގެ އިތުބާރު ހިފެހެއްޓުން ކަމަށް ސާޖިދާ ވިދާޅުވިއެވެ.

މީގެ އިތުރަށް ގައުމެއްގައި އުފާވެރިކަން އަށަގެންނެވުމަށްޓަކައި އެބައެއްގެ މާދަރީ ބަހާއި ސަގާފަތާއި ތަރިކައާއި ފަންނު ވަރަށް މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވައި ސާޖިދާ ވިދާޅުވީ، ދުނިޔޭގެ ގައުުތަކުގައި މާދަރީބަހަށް ހާއްސަ އިސްކަމެއްދޭ އެއް ސަބަބަކީ އެއީކަމަށެވެ.

މެޑަމް ސާޖިދާ މުޙައްމަދު: އުފާވެރިކަން އިތުރުކުރުމަށް ބަހާއި ސަގާފަތަށް އިހުތިރާމުކޮށް، ހެޔޮގޮތުގައި ބޭނުންކުރުން މުހިންމުކަމަށް އެކަމަނާ ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

އެކަމަނާ ވިދާޅުވީ ޒަމާނުއްސުރެ އެބައެއްގެ މާދަރީބަހުން އުފެއްދިފައި ހުންނަ ރީތި މޮޅު ޅެންތަކާއި ކިޔައިފައި ހުންނަ ޖޯކުތަކާއި އުފަންވެފައި ހުންނަ ހިކުމަތްތެރި ބުއްދިވެރި ބުނުންތަކާއި ވާހަކަތަކުގެ އިތުރުން ރޭޑިއޯ ޓީވީ ޑްރާމާތަކާއި މަދަހަތަކާއި އެ ނޫންވެސް އަދަބީ އުފެއްދުންތަކުން އުފާ ލިބިގަތުމަކީ ވަރަށް ފުޅާ ދާއިރާއެއްގައި ދުނިޔޭގެ ގައުމުތަކުގައި ކުރާ ކަމެއް ކަމަށެވެ.

"އިލްމީގޮތުން ބަލާއިރު މި ދެންނެވި އަދަބީ ނުވަތަ ފިކުރީ އުފާވެރިކަން އިންސާނާއަށް ލިބިގަނެވޭނީ ހަމައެކަނި މާދަރީ ބަހުން. ވީމައި އިންސާނާގެ އުފާވެރިކަން އިތުރުކުރުމުގައި ތަރިކައާއި ބަހާއި ސަގާފަތަށް އިހުތިރާމުކޮށް ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރުން މުހިންމު،" އެކަމަނާ ވިދާޅުވިއެވެ.

އުފާވެރިކަން ދެނެގަނެވޭނެ އިލްމީ އަދި ސައިންޓިފިކް ގޮތްތަކެއް ހުންނަކަން ސާޖިދާ ވަނީ ފާހަގަކުރައްވާފައެވެ. އޭގެތެރޭގައި ކަމަކަށް ނުވަތަ އެއްޗަކަށް ހޭނި ފަރިތަވުމާއި ކަމަކަށް ނުވަތަ މީހަކާ ތިމާގެ ހާލަތު އަޅާ ބެލުން ހިމެނޭކަމަށް ވިދާޅުވިއެވެ.

މިއަދު ބޭއްވި ހެޕިނެސް އިންޑެކްސް ހަފުލާގައި ހެޕިނެސް އިންޑެކްސް ލޯގޯ އާއި ލަވަ ވަނީ އިފުތިތާހު ކޮށްދެއްވާފައެވެ. އަދި އެކި ފަންތިއާއި މިންތީގެ މީހުން އުފާވެރިކަން މާނަ ކުރާ ގޮތް ވަނީ ހިއްސާކޮށްފައެވެ.

ރާއްޖޭގެ އުފާވެރިކަމުގެ މިންގަނޑު ކަނޑައަޅާނީ، ރަށްރަށުގެ ކައުންސިލްތަކާ މަޝްވަރާ ކޮށްގެން ކަމަށާއި އެންމެ ރަނގަޅު ރަށްރަށަށް އެވޯޑު ދިނުމަށް މި ހަފުލާގައި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެދިވަޑައިގަތެވެ.

https://sun.mv/202123

ހެޕިނެސް އިންޑެކްސް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދަނީ ލޯކަލް ގަވަމެންޓް މިނިސްޓްރީއާއި، އެކި ޕާޓްނަރުން ގުޅިގެންނެވެ. މި ކަމުގެ ފަންނީ މަސައްކަތްކުރާނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީ (އައިޔޫއެމް)އިންނެވެ. މި މަސައްކަތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ސަން އޮންލައިން"އެވެ.

ހެޕިނެސް އިންޑެކްސް އާންމުކުރުމަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ކޮންމެ އަހަރަކު ވެސް ކުރަމުން އަންނަ ކަމެކެވެ.

comment ކޮމެންޓް