ދެމެހެއްޓެނިވި ގޮތެއްގައި ދިގު މުއްދަތަކަށް އާރްޓީއެލް ފެރީގެ ޚިދުމަތް ދިނުމަށްޓަކައި މިހާރަށް ވުރެ އަގުތައް ބޮޑުކުރަންޖެހޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެފަދައިން ވިދާޅުވީ ޓެކްސީ ޑްރައިވާސް އެސޯސިއޭޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސިޓީއަކާ ގުޅޭގޮތުން ސުވާލުކުރުމަށް އިގުތިޞާދީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ އާރުޓީއެލް ޚިދުމަތަށް ސަރުކާރުން ދޭން ޖެހޭ ސަބްސިޑީ ވަރަށް ބޮޑު ކަމަށެވެ. އަދި އެގޮތަށް އެ ޚިދުމަތް ދިގު މުއްދަތެއްގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީ ސަރުކާރުން ފެށި އާރްޓީއެލްގެ ޕްލޭނަށް އެއްވެސް ބަދަލެއް ނުގެންނާނެކަން ފާހަގަކުރައްވަ މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން ވެސް ކުރިއަށް ދާނީ އެ ޕްލޭނާ އެކީ ކަމަށެވެ. އަމީން ވިދާޅުވީ އެއީ ރަނގަޅު ޕްލޭނެއް ކަމަށެވެ.
އެހެންނަމަވެސް، 2027އަށް ނިންމަން އުޅޭ ޕްލޭން 2026އަށް ނިންމޭތޯ މަސައްކަތްކުރާ ކަމަށް އަމީން ވިދާޅުވިއެވެ.
"މިހާރު އާރްޓީއެލްގެ ހަގީގަތަކީ ފުރަތަމަ އަހަރު 48 މިލިއަން ރުފިޔާ ސަބްސިޑައިޒްކުރި. މިދިޔަ އަހަރު 130 މިލިއަން ރުފިޔާ [ސަބްސިޑައިޒް] ކުރި ދައުލަތުން. މިއަހަރު ނިމޭއިރު 280 މިލިއަން ރުފިޔާއާ ހަމައަށް ދާނެ،" އަމީން ވިދާޅުވިއެވެ.
"މިހާރު އޮތް ގޮތަކީ ދިވެހި ދައުލަތަށް ކެތްވާނެ ގޮތެއް ނޫން. މިހާރު އޮތް މޮޑެލްގަ އޮޕަރޭޓްކުރާނަމަ އެއީ 20 ޕަސަންޓު ރިކަވަރީ 80 ޕަސަންޓު ސަބްސިޑައިޒްކުރަންޖެހޭ އޮޕަރޭޝަންސް. އެއީ އެއް ބިލިއަން ރުފިޔާއަށް ދާނެ ސަބްސިޑީ،" އަމީން އިތުރަށް ވިދާޅުވިއެވެ.
އަމީން ވިދާޅުވީ މިހާރު މަސައްކަތްކުރަނީ ސަބްސިޑީ ލެވަލް 55 ޕަސަންޓަށް ކުޑަކޮށް، ރިކަވަރީ 45 ޕަސަންޓު ހައްލުކުރެވޭނެ މޮޑިއުލްއަކަށް ގެންދިޔުމަށް ކަމަށެވެ.
އަމީން ވިދާޅުވީ އާރުޓީއެލް ޚިދުމަތް ދެމެހެއްޓުމަށްޓަކައި އަގުތައް ކަނޑައެޅުމަށް އިކޮނޮމިކް ކައުންސިލަށް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން މީގެ ކުރިން އެމްޑީޕީގެ ސަރުކާރުގައި ވެސް އަގުތައް ކަނޑައެޅީ އިކޮނޮމިކް ކައުންސިލުންކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އާރްޓީއެލްގެ ޚިދުމަތަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން، މުޅި ރާއްޖެ ފެރީގެ ނިޒާމުން ގުޅައިލުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.
މިހާރު ރާއްޖޭގެ ނުވަ އަތޮޅެއްގައި އާރްޓީއެލް ފެރީގެ ޚިދުމަތް ވަނީ ފަށައިފައެވެ.