ދިވެހިބަހާއި ތާރީޚުގެ ކުރު މުއްދަތުގެ ކޯހެއް ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދަން ދިވެހިބަހުގެ އެކެޑަމީން ނިންމައިފިއެވެ.
އެކަޑަމީން ބުނީ މި ކޯހުގެ މަގުސަދަކީ ދިވެހިބަހުގެ ހަމަތަކާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ލިޔާނެ ގޮތް ދަސްކޮށްދިނުން ކަމަށެވެ. އަދި އަދަބު އިހުތިރާމާ އެކު މުއާމަލާތުކުރާނެ ގޮތްތައް މުވައްޒަފުންނަށް އޮޅުންފިލުވައިދިނުމާއި ރާއްޖޭގެ ތާރީޚުގެ މުހިންމު ކަންކަމުގެ މައުލޫމާތު ދިނުން ކަމަށެވެ.
މިއީ މުޅި ރާއްޖެއަށް ހުޅުވައިލައިގެން، އޮންލައިންކޮށާއި ކްލާހަށް ހާޒިރުވެ ކިޔަވާ އުސޫލުން ކުރިއަށްގެންދާ ކޯހެކެވެ.
ކޯހަށް ބައިވެރިން ހޮވުމުގައި އިސްކަންދޭނީ ބައިވެރިވުމަށް އެދި އެންމެ ފުރަތަމަ ހުށަހަޅާ ތަރުތީބުން، ފުރަތަމަ ހުށަހަޅާ 100 ބައިވެރިންނަށް ކަމަށް ވެސް ދިވެހިބަހުގެ އެކަޑަމީން ވަނީ ބުނެފައެވެ.
އެކަޑަމީން ބުނީ މިކޯހުގައި ކޮންމެ އިދާރާއަކުން ވެސް ގިނަވެގެން ބައިވެރިކުރެވޭނީ ތިން މުވައްޒަފުން ކަމަށެވެ. ފަސް ދުވަހަށް ބަހާލައިގެން 10 ގަޑިއިރަށް ކުރިއަށް ގެންދާ މި ކޯސް އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 17 ވާ އާދިއްތަ ދުވަހުން ފެށިގެން ނޮވެންބަރު މަހުގެ 21ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށް އެކަޑަމީން ވަނީ މައުލޫމާތު ދީފައެވެ.
ސަރުކާރުގެ އެކިއެކި އިދާރާތަކުގެ މުވައްޒަފުންގެ ތެރެއިން މި ކޯހުގައި ބައިވެރިވާން އެދޭ މުވައްޒަފުން، ކޯހުގައި ބައިވެރިވާން އެދޭ ގޫގުލް ފޯމު ނޮވެމްބަރު މަހުގެ 12ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ފުރިހަމަކުރުމަށް އެކަޑަމީން ވަނީ އެދިފައެވެ.
މި ކޯހުގައި ބައިވެރިވާން އެދޭ ގޫގުލް ފޯމާއި ކޯހާ ގުޅޭ މައުލުމާތު ސަރުކާރުގެ ގެޒެޓުންނާއި ދިވެހިބަހުގެ އެކެޑަމީގެ މީސްމީޑިޔާގެ މަންސަތަކުން ލިބެން ހުންނާނެ ކަމަށް އެ އެކަޑަމީން ވަނީ ބުނެފައެވެ.