ކުރީގެ ނައިބު ރައީސް އަދި މިހާރު މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ޗެއާޕާސަން އަބްދުﷲ ޖިހާދު އުޅުއްވާ އެޑްރެސް ހޯދުމަށް ފަހު، އެ މައްސަލައިގެ އިސްތިއުނާފު ހުށަހަޅަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ދިން މުއްދަތުގައި އެކަން ކޮށްފައިނުވާތީ އެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމައިފިއެވެ.
ޕީޖީ އޮފީހުން ޖިހާދުގެ މައްޗަށް ދައުވާކުރަނީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރަން ޖެނުއަރީ، 2013 ގައި ފައިނޭންސް މިނިސްޓަރަކަށް ހުންނަވައި ޖިހާދު ސޮއިކުރެއްވި މައްސަލައިގައެވެ.
މައްސަލައިގެ ޗިޓު ރައްދުނުކުރެވިގެން ކަމަށް ބުނެ، ހައިކޯޓުން ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލައިފައެވެ. އެކަމަކު، އަނބުރާ ފޮނުވައިލީ އަލުން ހުށަހެޅޭ ގޮތަށް 15 ދުވަހުގެ ފުރުސަތެއް ދީފައެވެ. އޭރު ޖިހާދަށް ޗިޓު ރައްދު ނުކުރެވިފައި ވަނީ އޭނާ ރާއްޖޭގައި ނޫޅުއްވާތީ ކަމަށް ވިޔަސް، އޭނާ މިހާރު ހުންނެވީ ރާއްޖޭގައެވެ.
އެގޮތުން، އެ މައްސަލައިގައި ޕީޖީ އޮފީހުގެ ތަރުޖަމާނު މި މަހުގެ 16ގައި 'ސަން'އަށް ވިދާޅުވީ، ޖިހާދު އެނބުރި ރާއްޖެ ވަޑައިގެންފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާތީ، އެ މައްސަލަ އަލުން ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ޕީޖީން އެ ކޯޓަށް ހުށަހެޅީ މިމަހުގެ 15ގައެވެ.
އެ މައްސަލައިގައި މިއަދު ހައި ކޯޓުން ނިންމި ނިންމުމުގައި ބުނީ، ޖިހާދުގެ މައްސަލަ އަލުން ހުށަހެޅުމަށް ޕީޖީއަށް ދިން ފުރުސަތު މިމަހުގެ 13 އަށް ހަމަވެފައިވާ ކަމަށެވެ. ނަމަވެސް، ޕީޖީން ޖިހާދުގެ މައްސަލައިގެ އިސްތިއުނާފު އަލުން ހުށަހެޅީ އެ ކޯޓުން ދިން މުއްދަތުގެ ދެ ދުވަސް ފަހުން ކަމަށްވާތީ، އެ މައްސަލަ އެ ކޯޓަށް ބަލައިނުގަތުމަށް ހައި ކޯޓުން ވަނީ ނިންމާފައެވެ.
ޖިހާދުގެ މައްޗަށް ތުހުމަތުކުރާ މައްސަލައަކީ، ބެލޭނެ މައްސަލައެއް ނޫން ކަމަށް ނިންމައި ދަށު ކޯޓުން މައްސަލަ ބޭރުކޮށްލީ މިދިޔަ މަހުގެ 25 ގައެވެ. އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރީ މިދިޔަ މަހުގެ 11 ވަނަ ދުވަހެވެ.
މި މައްސަލައިގެ އިސްތިއުނާފު ބިނާކޮށްފައިވާ މައިގަނޑު އަސާސަކީ ކްރިމިނަލް ކޯޓުން މި ނިންމުން ނިންމުގައި ޤާނޫނީ އަސާސެއް ބަޔާންކޮށްފައި ނެތުމާއި, ނިންމުމަށް ވާޞިލުވި ސަބަބު އެކަށީގެންވާ މިންވަރަކަށް ބަޔާންކޮށްފައި ނެތުން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެހެންވެ، ދައުލަތުން ހައިކޯޓުގައި އެދިފައިވަނީ މި މައްސަލައަކީ މައުޞޫއީ ގޮތުން ބަލައި، ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައި މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓަށް ތަހުވީލުކޮށްދިނުމަށެވެ.