ކުރީގެ ނައިބު ރައީސް އަދި މިހާރު މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ޗެއާޕާސަން އަބްދުﷲ ޖިހާދުގެ މައްޗަށް ކުރި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން، އެ ނިންމުމުގެ އިސްތިއުނާފު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އިއްޔެ ހައިކޯޓަށް ހުށަހަޅައިފިއެވެ.
މައްސަލައިގެ ޗިޓު ރައްދުނުކުރެވިގެން ކަމަށް ބުނެ، ހައިކޯޓުން ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލައިފައެވެ. އެކަމަކު، އަނބުރާ ފޮނުވައިލީ އަލުން ހުށަހެޅޭ ގޮތަށް 15 ދުވަހުގެ ފުރުސަތެއް ދީފައެވެ.
އޭރު ޖިހާދު ހުންނެވީ ރާއްޖެއިން ބޭރުގައެވެ.
އެ މައްސަލައިގައި ޕީޖީ އޮފީހުގެ ތަރުޖަމާނު 'ސަން'އަށް ވިދާޅުވީ، ޖިހާދު އެނބުރި ރާއްޖެ ވަޑައިގެންފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ އަލުން އިއްޔެ ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީޖީ އޮފީހުން ޖިހާދުގެ މައްޗަށް ދައުވާކުރަނީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރަން ޖެނުއަރީ، 2013 ގައި ފައިނޭންސް މިނިސްޓަރަކަށް ހުންނަވައި ޖިހާދު ސޮއިކުރެއްވި މައްސަލައިގައެވެ.
އެއީ، ބެލޭނެ މައްސަލައެއް ނޫން ކަމަށް ނިންމައި ދަށު ކޯޓުން މައްސަލަ ބޭރުކޮށްލީ މިދިޔަ މަހުގެ 25 ގައެވެ. އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރީ މިދިޔަ މަހުގެ 11 ވަނަ ދުވަހެވެ.
މި މައްސަލައިގެ އިސްތިއުނާފު ބިނާކޮށްފައިވާ މައިގަނޑު އަސާސަކީ ކްރިމިނަލް ކޯޓުން މި ނިންމުން ނިންމުގައި ޤާނޫނީ އަސާސެއް ބަޔާންކޮށްފައި ނެތުމާއި, ނިންމުމަށް ވާޞިލުވި ސަބަބު އެކަށީގެންވާ މިންވަރަކަށް ބަޔާންކޮށްފައި ނެތުން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެހެންވެ، ދައުލަތުން ހައިކޯޓުގައި އެދިފައިވަނީ މި މައްސަލައަކީ މަޢުޟޫޢީ ގޮތުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައި މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓަށް ތަޙުވީލުކޮށްދިނުމަށެވެ.