މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދެ ލައްކައަށް އަރައިފިކަމަށް ޓޫރިޒިމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 200،241 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. އެއީ މިދިޔަ އަހަރާ އަޅައިބަލާއިރު، 11.1 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މި ޖެނުއަރީ މަހަކީ، މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައި ޖެނުއަރީ މަހެވެ. މީގެ ކުރިން އެ ރެކޯޑް ގާއިމުކުރީ މިދިޔަ އަހަރުގެ ޖެނުއަރީގައެވެ. އެގޮތުން އެ މަހު އައިސްފައިވަނީ 180،288 ފަތުރުވެރިންނެވެ.
މިހާރު ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް 6،905 ފަތުރުވެރިން ރާއްޖެއަށް އަންނައިރު، 69.7 އިންސައްތަ ފަތުރުވެރިން އައިސްފައިވަނީ ރިސޯޓުތަކަށް ކަމަށް ހިސާބުތަކުން ދައްކައެވެ. ގެސްޓުހައުސްތަކަށް 25.5 އިންސައްތަ ފަތުރުވެރިން އައިސްފައިވާއިރު، ހޮޓާތަކާއި ސަފާރީތަކަށް އައީ 4.9 އިންސައްތަ ފަތުރުވެރިންނެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެ ގައުމުން އެކަނި 31،388 ފަތުރުވެރިން އައިސްފައިވާއިރު، ޗާޓުގެ ދެވަނަގައި އޮތް ރަޝިއާއިން ޒިޔާރާތްކުރީ 20،902 ފަތުރުވެރިންނެވެ.
ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައީ އިޓަލީންއެވެ. އެ ގައުމުން 19.042 ފަތުރުވެރިން އައިސްފައިވެއެވެ.
މިދިޔަ އަހަރު ރާއްޖެއަށް ވަނީ ދެ މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެއީ އަހަރެއްގެ ތެރޭ އައި ފަތުރުވެރިންގެ އަދަދު ދެ މިލިއަނަށް އެރި ފުރަތަމަ ފަހަރެވެ.