ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން ބާއްވަމުން އަންނަ ސިލްސިލާ ޓުއާ "ދަ-ބަންގް"ގެ ޝޯއެއް ދުބާއީގައި ބާއްވަން ނިންމައިފިއެވެ.
މި އަހަރުގެ ޑިސެމްބަރު މަހު މި ޓުއާގެ ޝޯއެއް ބާއްވަން ނިންމާފައިވަނީ ސަލްމާނަށް މަރުގެ އިންޒާރުތަކެއް ލިބި އެކްޓަރުގެ ރައްކާތެރިކަމާ މެދު ގިނަ ބަޔަކު ކަންބޮޑުވަމުންދާ ދަނޑިވަޅެއްގައެވެ.
ސަލްމާންގެ އެކްސް އެކައުންޓުގައި މިކަން އިއުލާނުކުރިއިރު މި ފަހަރުގެ ޝޯގައި ވެސް ބަތަލާ ސޮނާކްޝީ ސިންހާ، ޖެކްލީން ފެނާންޑެޒް އަދި ދިޝާ ޕަޓާނީ ހިމެނޭނެއެވެ. ޑިސެމްބަރު މަހުގެ ޝޯގައި އަލަށް ބައިވެރިވާނެ ބަތަލާއިންގެ ތެރޭ ތަމަންނާ ބާޓިއާ އަދި އާސްތާ ގިލް ހިމެނޭއިރު ކޮމީޑިއަން ސުނީލް ގްރޯވާ އަދި މަޝްހޫރު ކޮރިއަގްރާފަރު ޕްރަބޫ ދޭވާގެ އިތުރުން ޓެލެވިޒަން ހޯސްޓު/އެކްޓަރު މަނީޝް ޕޯލް ވެސް މި ފަހަރުގެ ޝޯގައި ބައިވެރިވާނެއެވެ.
ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހު ދުބާއީގައި ބާއްވަން ހަމަޖެހިފައިވާ މި ޝޯގެ ހުރިހާ ކަމެއް އިންތިޒާމުކޮށް ބަލަހައްޓާނީ ސަލްމާންގެ ކޮއްކޮ ސުހައިލް ޚާނެވެ. "ދަ-ބަންގް" ޝޯ އޮންނާނެކަން އިއުލާނުކުރި ނަމަވެސް ސަލްމާން ޚާނާއި އާއިލާގެ މެންބަރުން އުޅޭނީ ވަރަށް ލޯ ޕްރޮފައިލް ދިރިއުޅުމެއްގައި ކަމަށާއި އެ އާއިލާގެ މެންބަރުންގެ ރައްކާތެރިކަމަކީ މި ވަގުތު އެންމެ ބޮޑު އިސްކަމެއް އެކްޓަރުދޭ ކަންތައް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިހާތަނަށް ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި ބާއްވާފައިވާ "ދަ-ބަންގް" ޓުއާ ޝޯތަކަކީ އާއްމުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބެމުން އަންނަ ޝޯތަކެކެވެ. ސަލްމާން މި ދުވަސްކޮޅު އަންނަނީ އަންނަ އަހަރުގެ ފިޠުރު ޢީދާ ދިމާކޮށް ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ފިލްމު "ސިކަންދަރު"ގެ މަސައްކަތް ކުރަމުންނެވެ.