ޓްރާންސްފޯމަރެއް ތެރެއަށް ވަދެ އިން މީހަކު ހައްޔަރުކޮށްފި

ހައްޔަރުކުރީ ޓްރާންސްފޯމަރުން ވައްކަން ކުރަން ވަދެ އިންދާ --- ފޮޓޯ/ ފުލުހުން

ވައްކަންކުރަން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރެއްގެ ތެރެއަށް ވަދެ އިންކަމުގެ ތުހުމަތުގައި މިއަދު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، މިއަދު ހެނދުނު 5:30 ހާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓު 13 ކައިރީގައި ހުރި ޓްރާންސްފޯމަރުގެ ތެރެއަށް މީހަކު ވަދެ ވައްކަން ކުރަން އުޅުނު މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވަނީ ނ. މާޅެންދޫ، ފެހި އައްސޭރި އުމުރުން 32 އަހަރުގެ އަޙުމަދު ރިސްފާނެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

މި ކަމާ ގުޅުން ހުރި ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

އެ ވީޑިއޯގައި ޓްރާންސްފޯމަރެއް ހުޅުވަން ސްޓެލްކޯގެ މުވައްޒަފަކު ހަރަކާތެރިވާ މަންޒަރު ފެނެއެވެ. އެ މުވައްޒަފުގެ ކައިރީގައި ތިން ފުލުހުން ތިބިއިރު، ޓްރާންސްފޯމަރަށް ވަދެ އިން މީހާ ނެރެގެން އޭނާގެ އަތުގައި ބިޑި އަޅުވާތަން ފެނެއެވެ.

އެ މަންޒަރު ވީޑިއޯކުރަން އިތުރު ފުލުހަކު ހަރަކާތްތެރިވާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.

https://sun.mv/190161

މިދިޔަ މާޗު މަހުގެ ތެރޭގައި ހިޔާ ފުލެޓު 13 ކައިރީ ބަހައްޓާފައި ހުރި ޓްރާންސްފޯމަރުން މީހަކު ވައްކަންކުރަން އުޅެނިކޮށް، އެ މީހާ ވަނީ ކަރަންޓުގައި ޖެހިގެން މަރު ވެސް ވެފައެވެ.

މީގެ ކުރިން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ ވަނީ ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުން ވައްކަން ކުރާ މައްސަލަ ބޮޑުވެ، އެ ކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރައްވާފައެވެ.

comment ކޮމެންޓް