ތޮއިބާ މިސްކިތް ކައިރި ހުރި ގުދަނެއްގައި މިރޭ ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާއިރު، އެ ހާދިސާގައި ދުމުގެ އަސަރުކޮށްގެން މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ، މ. ތޮޢިބާ މިސްކިތް ކައިރީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި ހާދިސާ ހިނގީ މިއަދު 21:30 އެހާކަންހާއިރެވެ.
މި ހާދިސާގައި ރޯވީ ގަސްކާނާއާއި ކެމިކަލް ހުރި ގުދަނެއްގައެވެ. އެހެންވެ، ވަރަށް ބޮޑަށް އަލިފާން ރޯވިއެވެ.
މިރޭ ގާތްގަނޑަކަށް ގަނޑިން 23:15 އެހާކަންހާއިރު އަލިފާންގަނޑު ނިއްވާލީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭނުންކުރާ ފޯމްއިން އަލިފާން ނިއްވާ ފަޔާ ލޮރީ ވެސް ގެނެސްގެންނެވެ. އެހެންވެ، އަލިފާންގަނޑު ނިއްވާލި ނަމަވެސް އެ ސަރަހައްދުގައި ވަރަށް ދުން ބޮލެވެ.
ފުލުހުން މިރޭ ބުނީ، މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން އަންހެނަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އެކަމަކު، އެ މީހާގެ ހާލާ ގުޅޭ އިތުރު ތަފުސީލެއް ހިއްސާކޮށްފައެއް ނުވެއެވެ.
އަލިފާން ރޯވި ގުދަނަކީ ގަސްކާނާއާއި އެ ނޫން ވެސް ނުރައްކާތެރި މާއްދާތައް ހުރި ތަނަކަށްވުމާ އެކު، އާންމުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި އެ ސަރަހައްދަށް ނުދާން ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި، އެ ސަހައްދުގައި ދިރިއުޅޭ މީހުންނާއި ވިޔަފާރިތަކުން ވެސް ދޮރުތައް ލައްޕައިގެން ތިބުމަށާއި، ބޭރަށް ނުކުމެ އުޅުން މަދުކުރަން ވަނީ އެދިފައެވެ.
މީގެ އިތުރުން، ދުމުގެ އަސަރު ކުރާނަމަ މާސްކު އެޅުމަށާއި ނޭފަތާ އަނގަ ނިވާކުރަން ވަނީ އެދިފައެވެ. އަދި، ދަތުރުފަތުރު ކުރާ މީހުން ވެސް އެހެން މަގުތައް ބޭނުންކުރުމަށާއި، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ހާލުގައި ޖެހޭ މީހުންނަށް އެހީވާން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ސޯޝަލް ސެންޓަރުގައި ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ.
އަދި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވެސް ވަނީ ސަމާލުކަން ދޭންވީ ކަންކަން ހިއްސާކޮށްފައެވެ. އެ ގޮތުން:
- ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަކަށް ނުނިކުތުން
- ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަކަށް ނުކުތުމުގެ ކުރިން އަނގައާއި ނޭފަތް ނިވާކުރުން
- ނޭވާލާ ނިޒާމު އަދި ހިތުގެ ބަލިތައް ހުންނަ މީހުން ދުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ބޮޑުވުން އެކަށީގެންވޭ
- ގޭގެ ދޮރުތަކާއި ކުޑަދޮރުތައް، ދުން ނުވަންނާނެހެން ބަންދުކުރުން
- ނޭވާ ކުރުވުން / ނޭވާލާން އުނދަގޫވުން، ގަދަޔަށް ކެއްސުން އަދި ބޯ އެނބުރުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޙީ އެހީތެރިއެއްގެ ލަފާ ހޯދުން
އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ޕްރައިމް ފާޓިލައިޒާގެ ގުދަނެއްގައެވެ. އެމްއެންޑީއެފުން ބުނީ އެއީ މ. ކައިރުގޭގައި ހުންނަ ގޯޑައުންއެއް ކަމަށެވެ. އެއީ، ގަސްކާނާއާއި ކެމިކަލް ބަހައްޓާފައި ހުރި ގުދަނެކެވެ.
އެ ގުދަން ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.