މާލެ ސަރަހައްދުގައި ބޮޑު ޖަމާތުގައި ޢީދު ނަމާދުކުރާ ސަރަހައްދުގައި ހުރި ވެހިކަލްތައް ނަގަން ފުލުހުން އަންގައިފިއެވެ.
ފުލުހުން މިރޭ ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ޓްރެފިކް ފްލޯއަށް ގެނެސްފައިވާ ބަދަލުތައް އާންމުންނަށް އަންގާ އިއުލާނުކޮށްފައެވެ.
އެގޮތުން، ފިތުރު ޢީދު ނަމާދަށް އިސްލާމީ މަރުކަޒު ހުންނަ ސަރަހައްދާއި ސަލްމާން މިސްކިތުގެ އިތުރުން މާފަންނު ސްޓޭޑިއަމް ހިމެނޭ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ގެނެވޭ ބަދަލުތައް ފުލުހުން ވަނީ ޗާޓާ އެކު އާންމުކޮށްފައެވެ.
ފުލުހުން ވަނީ އެ އިދާރާއިން އާންމުކޮށްފައިވާ ޗާޓުގައި، ޕާކުކުރުން މަނާކަމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ހުރި އުޅަނދުތައް މާދަމާގެ 15:00 ގެ ކުރިން އެ ސަރަހައްދުތަކުން ނަގަން އެދިފައެވެ.
އަދި، އެފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
މީގެ އިތުރުން، ފުލުހުން ވަނީ މި އިންތިޒާމުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދިފައެވެ.
މި އަހަރުގެ ޝައްވާލް މަހުގެ ހަނދު މިރޭ ފެނިފައެއް ނުވެއެވެ. އެހެންވެ، މާދަމައަކީ ރޯދަމަހުގެ 30 ވަނަ ދުވަހެވެ. ޢީދު ދުވަހަށް ވާނީ ހުކުރު ދުވަހެވެ.