މަހަށް ނުކުތް ޑިންގީ ބަންޑުން ޖަހާލައި ކަނޑުމަތީ ތިން ގަޑިއިރު؛ އެންމެން ސަލާމަތްކޮށްފި

ތިން މީހުންނާއެކު ބަންޑުންޖަހައިލި ޑިންގީ އެމްއެންޑީއެފް އިން ހޯދައިފި: އެ ޑިންގީ ފެނިފައި ވަނީ ހެނދުނު 09:32 ހާއިރު -- ފޮޓޯ/ އެމްއެންޑީއެފް

ހެނދުނު ތިން މީހުންނާ އެކު ބަންޑުންޖަހައިލި ޑިންގީއެއް، ތިން ގަޑިއިރެއްހާއިރު ފަހުން ހޯދައި، އޭގައި ތިބި މީހުން ސަލާމަތްކޮށްފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން މިއަދު ބުނެފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި އެމްއެންޑީއެފުން ބުނީ އެ ޑިންގީގައި ތިބި ތިން މީހުން ދިޔައީ ފަރުމަސްވެރިކަން ކުރުމަށްޓަކައި ކަމަށެވެ.

އެ ޑިންގީ ބަންޑުން ޖަހާލިކަމުގެ މައުލޫމާތު މިއަދު ހެނދުނު 06:11 ހާއިރު އެމްއެންޑީއެފްއަށް ލިބުނު ކަމަށާއި، އެ ޑިންގީ ހޯދަމުން ދަނިކޮށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ކުރި މަސައްކަތުން 09:32 ހާއިރު ހޯދާފައިވާ ކަމަށް ބުންޏެވެ.

އެއީ، ބަންޑުން ޖަހައިލިތާ ތިން ގަޑިއިރެއްހާއިރު ފަހެވެ.

އެކްސްގައި ސިފައިން ހިއްސާކުރި ފޮޓޯއިން ފެންނަ ގޮތުގައި ޑިންގީގައި ތިބި ތިން މީހުން ވެސް ތިބީ ބަންޑުން ޖަހައިލާފައި އޮތް ޑިންގީގެ މަތީގައެވެ.

ތިން މީހުން ސަލާމަތްކޮށްފައިވާ ކަމަށް ސިފައިން ބުންޏެވެ.

ނަމަވެސް ހާދިސާއާ ގުޅޭ އިތުރު ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް