ރިތިކްގެ އާއިލީ ޑޮކިއުމެންޓްރީ 'ދަ ރޯޝަންސް' އަންނަ އަހަރު

ރިތިކް ރޯޝަން ބައްޕަ ރާކޭޝް ރޯޝަންއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ ފިލްމީތަރި ރިތިކް ރޯޝަންގެ އާއިލާއިން ގެނެސްދޭ 'ދަ ރޯޝަންސް' ޑޮކިއުމެންޓްރީ އަންނަ އަހަރުގެ ޖަނަވަރީ މަހު ޕްރީމިއާ ކުރާގޮތަށް ނިންމައިފިއެވެ.

ނެޓްފްލިކްސްއާ ގުޅިގެން ރިތިކްގެ އާއިލާއިން ގެނެސްދޭ މި ޑޮކިއުމެންޓްރީއަކީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކޮށްފައިވާ އެ އާއިލާގެ ތިން ޖީލުގެ މެންބަރުންގެ ވާހަކަ ގެނެސްދޭ ޑޮކިއުމެންޓްރީއެކެވެ.

މި ޑޮކިއުމެންޓްރީ ކުރިން ޕްރީމިއާ ކުރާގޮތަށް ނިންމާފައިވަނީ މި އަހަރުގެ ޑިސެމްބަރު މަހުއެވެ. އެހެންނަމަވެސް، އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 10 ވަނަ ދުވަހަކީ ރިތިކް ރޯޝަންގެ އުފަން ދުވަސް ކަމަށްވެފައި އެ ހަފުތާއަކީ ރިތިކް ފިލްމު އިންޑަސްޓްރީއާ ގުޅުނުތާ 25 އަހަރު ފުރޭ ދުވަހަށްވުމުން މި ޑޮކިއުމެންޓްރީ ބެލުންތެރިންނަށް ގެނެސްދޭނެ އެންމެ މުނާސިބު ދުވަހަކީ އެއީ ކަމަށް އެ އާއިލާއިން ވަނީ ބުނެފައެވެ.

ރިތިކް ރޯޝަން ދެބެއިންގެ ދެދަރި ޕަޝްމީނާ ރޯޝަންއާ އެކު--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ހަމައެއާއެކު ޖަނަވަރީ މަހަކީ ރިތިކްގެ ބައްޕަ އަދި ކުޅަދާނަ ޑައިރެކްޓަރު ރާކޭޝް ރޯޝަން 1995 ވަނަ އަހަރު އުފެއްދި ފިލްމު "ކަރަން އަރުޖުން" ރިލީޒްކުރިތާ 30 އަހަރު ފާހަގަކުރާ މައްސަރު ވެސް މެއެވެ.

ރިތިކް ރޯޝަން ނިސްބަތްވާ މަޝްހޫރު "ރޯޝަން އާއިލާ"އަކީ މީގެ އެތައް އަހަރެއް ކުރީއްސުރެ އިންޑިއާގެ ސިނަމާގައި މަސައްކަތް ކުރަމުން އަންނަ އާއިލާއެކެވެ. އެގޮތުން، ރިތިކްގެ ކާފަ ރޯޝަންލާލް ނާގްރަތުއަކީ މިއުޒިކް ޑައިރެކްޓަރެކެވެ.

ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން ފިލްމު ޑައިރެކްޓް ކުރުމުގެ މަސައްކަތަށް ނުކުތުމުގެ ކުރިން ދިޔައީ ބައެއް ފިލްމުތަކުގައި އެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރަމުންނެވެ. ރިތިކްގެ ބޮޑު ބޭބެ ރާޖޭޝް ރޯޝަން އަކީ މަޝްހޫރު މިއުޒިކް ކޮމްޕޯސައެއްގެ ގޮތުގައި މިއުޒިކީ ދާއިރާގައި މަސައްކަތްކުރަމުން އަންނަ ފަރާތެކެވެ.

ދާދިފަހުން ރިތިކްގެ ބޮޑު ބޭބެ ރާޖޭޝް ރޯޝަންގެ ދަރިފުޅު ޕަޝްމީނާ ރޯޝަން ފިލްމު އިންޑަސްޓްރީއަށް ތައާރަފްވެފައިވާއިރު ރިތިކްގެ މަންމަ ވެސް ނިސްބަތްވަނީ ފިލްމު އިންޑަސްޓްރީއާ ގުޅުންހުރި އާއިލާއަކަށެވެ.

މި ޑޮކިއުމެންޓްރީގައި އެ އާއިލާގެ މެމްބަރުންގެ އިތުރުން ފިލްމު އިންޑަސްޓްރީގެ ބައެއް ތަރިންގެ އިންޓަވިއުތައް ވެސް ގެނެސްދޭން ވަނީ ނިންމާފައެވެ.

comment ކޮމެންޓް