ދުނިޔެއަށް ބޭނުންވަނީ، އިޒްރޭލުން ފަލަސްތީނުގައި ހިންގާ ގަތުލުއާންމާ ދެކޮޅަށް ކެރިގެން ފިޔަވަޅު އަޅާ އދ.އެއް ކަމަށް ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.
އދ. އުފެއްދިތާ 79 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ހިތާބެއްގައި ޚަލީލް ވިދާޅުވީ ދުނިޔެއަށް މިވަގުތު ބޭނުންވަނީ ދައްކާ ވާހަކައާ އެއްގޮތަށް އަމަލުކުރާ އދ.އެއް ކަމަށެވެ. އެގޮތުން އދ.އިން ހުއްޓުވަން ފިޔަވަޅު އަޅަން ޖެހޭ ކަންތައްތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓަށް ދެމުންދާ ގެއްލުންތަކާއި މީހުންގެ ހައްގުތައް ނިގުޅައިގަތުން ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު އދ.އިން އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އަޅައި، އެ ޖަމާއަތުން ތަމްސީލު ކުރާ ގަބޫލުކުރަންތަކާ އެއްގޮތަށް އަމަލުކުރަން ޖެހޭ ކަމަށް ޚަލީލް ވިދާޅުވިއެވެ.
"[ދުނިޔެއަށް ބޭނުންވަނީ] އިސްލާހުވެ، އެންމެން ތަމްސީލުކުރާ، ދުނިޔޭގައި ހިނގަމުންދާ ކަންކަމަށް އިޖާބަދޭ އދ.އެއް. މީހުންގެ ހާލަތު ރަނގަޅުކޮށްދޭ އދ.އެއް،" އޭނާ ވިދާޅުވިއެވެ.
ރާއްޖެއިން އދ.އާ ގުޅުނީ 1965ކަން ފާހަގަކުރައްވައި ޚަލީލް ވިދާޅުވީ ގައުމުތަކުން ގުޅިގެން މަސައްކަތްކުރާ މަލްޓިލެޓެރަލް ނިޒާމަކީ ރާއްޖެއިން އަބަދުވެސް ބަލައިގަންނަ ނިޒާމެއް ކަމަށެވެ. އަދި އދ.އަކީ ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ޖަޒީރާ ގައުމުތައް (ސިޑްސް)ގެ އަޑު އިއްވަން ފުރުސަތުދޭ މުހިންމު ޖަމާއަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ޚަލީލް ވިދާޅުވީ ރާއްޖެއިން އަންނަނީ ސިޑްސްގެ ގައުމުތަކުގެ ފަރާތުން އދ.ގައި އިސްކޮށް ހަރަކާތްތެރިވެ، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށާއި އިންސާނީ ހައްގުތަކާއި ދެމެހެއްޓެނިވި ތަރައްގީ ކުރިއެރުވުމަށް އަޑު އުފުލަމުން ކަމަށެވެ. ނަމަވެސް، ޒަމާންވީ ނިޒާމުތަކާއި ހަމަނުޖެހުންތަކާއި މޫސުމަށް އަންނަ ބަދަލުތަކާއި މާލީ ފަރަގުތަކުގެ ސަބަބުން އދ.ގެ މަސައްކަތްތަކަށް ގޮންޖެހުންތައް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެން ނަމަވެސް އދ.ގެ މަގުސަދުތައް ހާސިލުކުރާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ޚަލީލް ވިދާޅުވިއެވެ.