ނަވާރަސަތޭކަ ނުވަދިހަ ވަނަ އަހަރު މޮޑެލްއަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު އެމެރިކާގެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕަށްކޮށްފިއެވެ.
ދަ ގާޑިއަން ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސްޓޭސީ ވިލިއަމްސް ކިޔާ އެ މޮޑެލް އާ ޓްރަމްޕް ބައްދަލުވީ 1992ވަނަ އަހަރު ޕާޓީއަކުން ވިލިއަމްސްގެ ކުރީގެ ލޯބިވެރިޔާ މެދުވެރިކޮށެވެ.
ވިލިއަމްސް އެވާހަ ދެއްކީ ޓްރަމްޕްގެ ވާދަވެރި ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ނާއިބު ރައިސް ކަމަލަ ހެރިސް އަށް ތާއީދުކުރާ ލޮބީ ގްރޫޕެއް ކަމަށްވާ ސަވައިވަސް ފޯ ކަމަލާ އިން ހޯމަ ދުވަހު އިންތިޒާމްކޮށްގެން ކުރި ފޯނު ކޯލެއްގައެވެ.
ޖިންސީ ގޯނާ ކުރި ކަމުގެ ކުށް ސާބިތުވެ 2019ވަނަ އަހަރު ޖަލުގައި އަމިއްލައަށް މަރުވި ވިލިއަމްސް ގެ ލޯބިވެރިޔާ ޖެފަރީ އެޕްސްޓައިން ވަނީ 1992ވަނަ އަހަރު ޓްރަމްޕްގެ ނިއުޔޯކް އޮފީސް ބްލޮކަށް ވިލިއަމްސްއާ އެކު ޒިޔާރަތްކޮށްފައި ކަމަށާއި ޓްރަމްޕް އޭނާއަށް ޖިންސީ ގޯނާކުރީ އޭރު ކަމަށް ވިލިއަމްސްއާ ހަވާލާދީ ގާޑިއާންގައި ބުނެފައިވެއެވެ.
މިހާރު އުމުރުން 56 އަހަރުގެ ވިލިއަމްސް ބުނާ ގޮތުގައި ޓްރަމްޕް އެކަން ކުރިއިރު އޭނާގެ ލޯބިވެރިޔާ ވެސް އެތަނުގައި ހުއްޓެވެ.
އެ ވާހަކައަކީ "ފޭކް" ވާހަކައެއް ކަމަށާއި، ކަމަލަގެ ކެމްޕޭނުން ހަދައިގެން ދައްކާ ވާހަކައެއް ކަމަށް ޓްރަމްޕް ކެމްޕޭނު ތަރުޖަމާނަކު ބުނި ކަމަށް ގާޑިއަންގައިވެއެވެ. އަދި ވިލިއަމްސް އަކީ ކުރީގެ ރައީސް ބަރާކް އޮބާމާއަށް ގެ އެކްޓިވިސްޓެއް ކަމަށް ވެސް ތަރުޖަމާނު ބުނެފައިވެއެވެ.
ޓްރަމްޕްގެ މައްޗަށް 20އަށް ވުރެ ގިނަ އަންހެނުންނަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކޮށްފައި އޮތް ނަމަވެސް ހުރިހާ ތުހުމަތަކަށް ޓްރަމްޕް އިންކާރު ކުރައްވައެވެ.
ޖިންސީ ގޯނާ އާއި އަބުރު ކަތިލުމުގެ ކުށް ސާބިތުވެ، ލިޔުންތެރިޔާ އީ ޖީން ކެރޯލް އަށް ބަދަލުގެ ގޮތުގައި 83.3 މިލިއަން ޑޮލަރު ދިނުމަށް ނިއުޔޯކްގެ ކޯޓަކުން ޖެނުއަރީ މަހު ޓްރަމްޕަށް އަމުރުކޮށްފައިވެއެވެ.