ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި ސްޕެނިޝް ލަލީގާގެ އެފްސީ ބާސެލޯނާއިން ޖަރުމަނު ބުންޑެސްލީގާގެ ބަޔާން މިޔުނިކް ހަމަ ބިމަށް ތިރިކޮށްފިއެވެ.
ބާސާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ފަސޭހަކަމާ އެކު 4-1 އިންނެވެ.
ބާސާއިން މެޗު ފަށާފައިވަނީ ވަރަށް ފޯރީގައެވެ. މެޗުގެ ފުރަތަމަ މިނެޓުގައި އެ ޓީމުންވަނީ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ރަފީނިއާއެވެ. މި ލަނޑާ އެކު ބަޔާނަށް ސިހުން ލިބިގެންދިޔަ ނަމަވެސް އެ ޓީމުންވަނީ މިކަމުން އަރައިގަނެ ބާސާއަށް ނުރައްކާ ކުރެވޭތޯ މަސައްކަތް ފަށާފައެވެ.
ބަޔާނުން އެއްވަރުކުރީ މެޗުގެ 18 ވަނަ މިނެޓުގައި ހެރީ ކޭން ޖަހައިދިން ލަނޑުންނެވެ. ނަމަވެސް، ބާސާއިން ހިތްވަރު އެލުވައިނުލާ ކުޅުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ދެ ލަނޑު ޖަހައި، ދެ ލަނޑުގެ ލީޑެއް ނެގުމެވެ. ދެވަނަ ފަހަރަށް އެ ޓީމުން ލީޑު ނެގީ މެޗުގެ 36 ވަނަ މިނެޓުގައި ރޮބަޓް ލެވަންޑޯސްކީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ތިންވަނަ ލަނޑު މެޗުގެ 45 ވަނަ މިނެޓުގައި ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ރަފީނިއާއެވެ.
މެޗުގެ 56 ވަނަ މިނެޓުގައި ރަފީނިއާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގައި ހެޓްރިކެއް ވެސް ފުރިހަމަކޮށްފައެވެ.
މި ސީޒަން ފެށުމުގެ ކުރިން ބާސާއިން ވިއްކާލުމުގެ ވިސްނުން ވެސް ގެންގުނުޅު ރަފީނިއާ މިހާރު މިވަނީ މި ސީޒަންގައި މިހާތަނަށް ކުޅުނު 13 މެޗުގައި ނުވަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މިއީ މި ސީޒަންގައި އޭނާ ބާސާއަށް ކާމިޔާބުކޮށްދިން ދެވަނަ ހެޓްރިކެވެ. މެޗުގައި ބަޔާން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް އެ ޓީމުގެ ޑިފެންސް ފެނިގެންދިޔައީ ވަރަށް ބަލިކަށިކޮށެވެ. ބާސާއިން ޖެހި ހަތަރު ލަނޑު ވެސް ވަދެފައިވަނީ ބަޔާންގެ ޑިފެންސަށް ހިފަހައްޓާ ނުލެވިގެންގޮހެވެ.
މި ކާމިޔާބީއާ އެކު ބާސާއިން މިހާރު އޮތީ ކުޅުނު ތިން މެޗުން ލިބިފައިވާ ހަ ޕޮއިންޓާ އެކު ތާވަލްގެ 10 ވަނައިގައެވެ. ބަޔާން އޮތީ ކުޅުނު ތިން މެޗުން ލިބިފައިވާ ތިން ޕޮއިންޓާ އެކު ތާވަލުގެ 23 ވަނައިގައެވެ.