އަބްދުއްރަހީމް ވެސް މުސާރައިގެ 50 ޕަސެންޓު ނުނަގަން ނިންމަވައިފި

ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ބައްދަލު ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ނިންމެވުމަށް އެއްބާރުލުން ދެއްވުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގެ މުސާރައިގެ 50 ޕަސެންޓު ނުނަގަން ނިންމަވައިފައިވާކަމަށް މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މި ކަން ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިރޭ ރައީސްވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވާ ފިޔަވަޅުތަކުގެތެރޭގައި ހިމެނޭ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައިން %10 ކުޑަ ކުރެއްވުމަށް ނިންމަވައިފައިވާކަން ހާމަކުރައްވައިފައެވެ.

އެއާއެކު އަބްދުއްރަހީމް ވިދާޅުވީ މިއީ އެކަމަށް އެއްބާރުލުން ދިނުމަށް ނިންމެވި ނިންމެވުމަށް ކަމަށެވެ.

މަޖިލިސް މެންބަރުންގެ މުސާރަތައް ކަނޑައަޅަނީ މެންބަރުން އަމިއްލަފުޅަށް ކަމަށްވާއިރު، މެންބަރުންގެ މުސާރައަކީ މިހާރު ކޮމެޓީ އެލަވަންސާއެކު 82،500 ރުފިޔާއެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފައިވާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ އޭގެ ތެރޭގައި މުސާރައާ ގުޅޭ ގޮތުން ބައެއް ފިޔަވަޅުތައް ދެ އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެއީ:

1. ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުން.

2. ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުން. އަދި ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުން. (މިހާރު 100،000 ރުފިޔާ އަށްވުރެ ބޮޑު މުސާރަ ބައެއް ކުންފުނި ތަކުގެ މުސާރަ އޮނިގަނޑު އޮތްގޮތުން ލިބޭ)

3. މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.

4. ޝަރުޢީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް އެ ފަރާތްތަކުގައި އެދުން

ރައީސް ވިދާޅުވީ އެ ފިޔަވަޅުތައް އެޅުމުގައި 12،000 ރުފިޔާއިން ދަށުން މުސާރަ ލިބޭ މީހުން އިސްތިސްނާކުރާނެ ކަމަށެވެ.

ރައީސާއި ނައިބު ރައީސްގެ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގެ ގާނޫނު ބުނާގޮތުން ރައީސްގެ މުސާރައަކީ މަހަކު 100،000 ރުފިޔާއެވެ. އެ އަދަދު 120،000އަށް ބޮޑުކުރަން މިދިޔަ ޑިސެމްބަރު މަހު، އޭރު އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކުރި ނަމަވެސް ރައީސް ވަނީ މުސާރަ ބޮޑުކުރަން ބޭނުންފުޅުނުވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް ނިންމަވައިފައިވާ ގޮތަށް، މުސާރަ 50 ޕަސެންޓް ކުޑަކޮށްފި ނަމަ އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނީ 50،000 ރުފިޔާއެވެ.

ރާއްޖޭގެ ދަރަނި ބޮޑުވެ، ބޭރުގެ އިދާރާތަކުން ވަނީ ލޯންތައް އަނބުރާ ނުދެއްކިދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން މޫޑީސްއާއި ފިޗުން ވެސް މި އަހަރު ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައިވާއިރު، މާލީ ލަފާދޭ އިދާރާތަކުން އެންމެ ބޮޑަށް ގޮވައިލަނީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށެވެ.

comment ކޮމެންޓް