ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕަބްލިކް ސާވިސް ވާކްސްގެ ޔުނިޓުތައް އެޅުމަށް ނިންމާފައިވާ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިބްރާހީމް މިރޭ ވިދާޅުވެއްޖެއެވެ.
އެސްއެސްޓީވީގެ ބާރު ހަތަރެއްގައި، އެ މިނިސްޓްރީގެ ޕަބްލިކް ވާކްސްގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދެއްވަމުން، އިބްރާހީމް ވިދާޅުވީ އަތޮޅު ތެރޭގެ ރަށްތަކުގައި ޕަބްލިކް ވޯކްސްގެ ހަތް ޔުނިޓެއް އެބަހުރި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އަންނަ އަހަރު ނިމުމުގެ ކުރިން އިތުރު 15 ޔުނިޓެއް ގާއިމް ކުރުމަށް ނިންމަވައި، އެ ކަމަށް ބޭނުންވާނެ ވަސީލަތްތައް ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރުވަނީ ފިނޭންސް މިނިސްޓްރީއަށް އިރުޝާދު ދެއްވައިފައެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕަބްލިކް ސާވިސް ވާކްސްގެ ދަށުން އަތޮޅު ތެރޭގައި ކުރަމުންދާ އެންމެ މުހިންމު އެއް މަސައްކަތަކީ، ރަށްތަކުގެ ބަނދަރާއި ނެރު ތިވަލުމުގެ މައްސަލަ ހައްލު ކުރުމެވެ. ނެރާއި ބަނދަރު ތިލަވުމުގެ މައްސަލައަކީ ވަރަށް ގިނަ ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އިބްރާހީމް ވިދާޅުވި ގޮތުގައި އެ މަސައްކަތް ކުރުމަށް ބޭނުންވާ ދެ މޮބައިލް ޔުނިޓު ގާއިމް ކުރުމަށް ޓަކައި ބޭނުންވާ ވަސީލަތްތައް ހޯދުމަށް ވެސް ރައީސް ވަނީ ފިނޭންސް މިނިސްޓްރީއަށް އަންގަވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި މިނިސްޓްރީގެ އުންމީދަކީ މި އަހަރު ތެރޭގައި ވެސް އެ ވަސީލަތްތައް ހަމަޖެހި، ރައްޔިތުން ބޭނުންވާ މުހިންމު މަސައްކަތްތައް ކުރެވޭނެ މަގުފަހިވުމެވެ.
ޕަބްލިކް ވާކްސްގެ މަސައްކަތްތައް އޮންނަނީ ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ދަށުން ކަމަށްވާއިރު، ޕަބްލިކް ވާކްސް ޔުނިޓްތަކަކީ ރަށްތަކުގެ ރައްޔިތުންނަށް ބޭނުންވާ މުހިންމު މުނިސިޕަލް ޚިދުމަތްތައް ފަސޭހަ ކަމާއެކު ފޯރުކޮށްދިނުމަށް ބަހައްޓާ ޔުނިޓުތަކެކެވެ.
އިބްރާހީމް ވިދާޅުވާ ގޮތުގައި ރަށްރަށުގެ މުނިސިޕަލް ޚިދުމަތްތައް، ލޯކަލް ގަވަމަންޓު މިނިސްޓްރީގެ މުވައްޒަފުންނާއި، އެ މިނިސްޓްރީގެ މެޝިނަރީގައި ކުރެވުމަކީ ކައުންސިލްތަކަށް ލިބޭ ބޮޑު ފަސޭހައެކެވެ.
"ދެން އެ ބޭފުޅުން އެދޭ ގޮތަކަށް އަޅުގަނޑުމެނަށް މަސައްކަތް ކުރެވޭނީ. މިސާލަކަށް ރަށެއްގެ މަގެއް އަޅުގަނޑުމެން އަމިއްލަޔަކަށް ގޮހެއް ވަކި މަގެއް ސާފެއް ނުކުރާނެ. އެ ކައުންސިލަކުން އެދިވަޑައިގަންނަވާ މިންވަރަކަށް އެ ބޭފުޅުންނަށް ބޭނުންވާ ތަންތަނެއް އަޅުގަނޑުމެން އެޓެންކޮށްދޭނީ،" އިބްރާހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ލާމަރުކަޒީ ގޮތުން ކަންކަން ހިންގުމުގައި ފަސޭހަ ގޮތަކީ ސަރުކާރުން ވެސް އެހީތެރިކަން ފޯރުކޮށްދިނުމެވެ.