މަޝްހޫރު ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރުގެ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަންސްގެ 50 އިންސައްތަ ހިއްސާ އިންޑިއާގެ ނުފޫޒުގަދަ ވިޔަފާރިވެރިޔާ އަދި މަހުޖަނު އާދަރު ޕޫނަވާލާއަށް ވިއްކާލައިފިއެވެ.
އާދަރު ޕޫނަވަލާގެ ކުންފުނި ސެރީން ޕްރޮޑަކްޝަންއަށް ދަރުމާގެ 50 އިންސައްތަ ހިއްސާ ވިއްކާލަފައި ވަނީ 1،000 ކްރޯޑު ރުޕީސްއަށެވެ. ދަރުމާގެ ހިއްސާ ސެރީން ޕްރޮޑަކްޝަންއަށް ވިއްކާލާފައި ވަނީ މައި ކުންފުންޏާއި އޭގެ ދަށުން ހިންގަމުން އަންނަ ވެބް ކޮންޓެންޓް އުފައްދާ ދަރުމެޓިކް އެންޓަޓެއިންމެންޓް ވެސް ހިމެނޭ ގޮތަށެވެ.
އިންޑިއާގެ އެންމެ ނުފޫޒުގަދަ ފިލްމު ކުންފުނި ކަމަށްވާ ދަރުމާ ޕްރޮޑަކްޝަންސްއިން ވަނީ އާދަރު ޕޫނަވާލާގެ ސެރީން ޕްރޮޑަކްޝަންއަށް އެ ކުންފުނީގެ ހިއްސާ ވިއްކާލުމަށްފަހު އެއްބަސްވުން ހަދާފައިވާކަން އިއުލާނުކޮށް ބަޔާނެއް ވެސް ނެރެފައެވެ.

ކަރަން ޖޯހަރު ބައްޕަ ޔަޝް ޖޯހަރުއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
އެހެން ކުންފުންޏަކަށް ދަރުމާގެ ހިއްސާ ވިއްކާލި ނަމަވެސް ކުންފުނީގެ އެގްޒެކެޓިވް ޗެއާމަންގެ މަގާމުގައި ހުންނާނީ ކަރަން ޖޯހަރެވެ. އަދި ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމުގައި ހުންނަނީ މީގެކުރިން ވެސް އެ މަގާމު ފުރަމުން އައި އަޕޫރުވާ މެހެތާއެވެ.
ސެރީން ޕްރޮޑަކްޝަންއާ ގުޅުމަށްފަހު ދެ ކުންފުނި ގުޅިގެން އެންމެ ބޮޑު އިސްކަމެއްދޭނީ މިހާރަށް ވުރެ އުފެއްދުންތެރި ކޮންޓެންޓްތައް ތައްޔާރުކޮށް ބެލުންތެރިންގެ ތަރުހީބު ލިބޭނެފަދަ ކޮންޓެންޓްތައް އެންމެ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ގެނެސްދިނުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދަރުމާގެ ކުންފުނީގެ ރައުސުލްމާލު މިހާރު 2،000 ކްރޯޑު ރުޕީސްއަށް އަރާއިރު މީގެ 44 އަހަރު ކުރިން އުފެދުނު މި ކުންފުންޏަކީ ކަރަންގެ ބައްޕަ ކުރީގެ ފިލްމު ޕްރޮޑީއުސަރު ޔަޝް ޖޯހަރު އުފެއްދި ކުންފުންޏެކެވެ.
ދަރުމާގެ ހިއްސާ އެހެން ކުންފުންޏަކަށް ވިއްކާލިއިރު އެ ކުންފުނީގެ މެޖޯރިޓީ ހިއްސާ ގަންނަން އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ރިލަޔަންސް ގްރޫޕު އަދި އިތުރު އެހެން ކުންފުންޏަކުން ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.
ސެރީން ޕްރޮޑަކްޝަންގެ އިސްވެރިޔާ އާދަރު ޕޫނަވާލާ އަކީ ކަރަންގެ ވަރަށް ގާތް ރަޙްމަތްތެރިއެއް ކަމަށާއި ކުންފުނީގެ ކުރިމަގާ މެދު ދެކޭ ހުވަފެންތައް ވަރަށް ފޮނި ކަމަށް ކަރަން ވަނީ ބުނެފައެވެ.