މާލޭ ސިޓީ ކައުންސިލަށް ފުރަތަމަ ފަހަރަށް އިންޓާނަލް އޮޑިޓަރެއް އައްޔަންކުރަން އިއުލާންކޮށްފިއެވެ.
މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކައުންސިލަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހިންގާ ތަނަކަށް ވާއިރު އެ ފައިސާ އާއި މުދާ ބޭނުން ކުރަނީ ރަނގަޅަށްތޯ ކަށަވަރު ކުރުމަށް އިންޓާނަލް އޮޑިޓަރެއް އައްޔަން ކުރަން ނިންމައިފައިވާ ކަމަށެވެ. އެގޮތަށް ނިންމައިފައިވަނީ ކައުންސިލްގެ ފުރިހަމަ ތާއިދާއެކު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"މިއީ ކައުންސިލްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އައްޔަނު ކުރެވިގެންދާ މަގާމެއް. ކައުންސިލް އަކީ ރައްޔިތުންގެ އިތުބާރު އޮންނަ ތަނަކަށް ހެދުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އަމާޒެއް،" އާޒިމް ވިދާޅުވިއެވެ.
ސިޓީ ކައުންސިލުން ގެޒެޓުކުރި އިއުލާނުގައި ވަނީ އޮޑިޓިން މަސައްކަތާ ހަވާލުވުމަށް، އަންނަ ހޯމަ ދުވަހު މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށް ހާޒިރުވެ އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވައިލައިފައެވެ.
އެ އިއުލާނުގައިވާ ގޮތުން، އޮޑިޓް ކުރާ ފަރާތުން، އަހަރުގެ ކޮންމެ ކުއާޓަރެއް ނިމޭތާ 45 ދުވަހުގެ ތެރޭގައި އިންޓާނަލް އޮޑިޓް ކައުންސިލަށް ހުށަހަޅަން ޖެހޭނެއެވެ. އަދި އޮޑިޓްކުރުމުގައި ބަލަން ޖެހޭ ކަންތައްތަކުގެ ތެރޭގައި ކައުންސިލުން ވަސީލަތްތައް ގެންގުޅެ ބަލަހައްޓާ ގޮތާއި، ގާނޫނުތަކާއި ގަވައިދުތަކާއި ސިޔާސަތުތަކަށް އަމަލުކުރާ މިންވަރު ހިމެނެއެވެ.
ކައުންސިލްތަކުގެ އޮޑިޓްތައް މިހާރު ހަދަނީ އޮޑިޓް އޮފީހުން ކަމަށްވާއިރު، ލޯކަލް ގަވަމެންޓް މިނިސްޓްރީން ވަނީ ކޮންމެ ކައުންސިލެއްގެ އޮޑިޓް ރިޕޯޓު ހެދުމަކީ އޮޑިޓް އޮފީހަށް ދަތިވާނެ ކަމެއް ކަމަށް ބުނެފައެވެ.
ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު މީގެ ކުރިން ވަނީ، ކައުންސިލްތަކުގެ އިންޓާނަލް އޮޑިޓް ހެދުމުގެ ގާބިލުކަން އިތުރު ކުރަން ޖެހޭ ކަމަށާއި އެކަމަށް މީހުން ތަމްރީނު ކުރުމުގެ މަސައްކަތްތައް ކުރާ ކަމަށް ވިދާޅުވެފައެވެ.