ވޭތުވެދިޔަ އަހަރުތަކުގައި ޑުރަގު ހުއްޓުވަން ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)އިން މާ ގިނަ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށް ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އެންޑީއޭގެ ޗެއާޕާސަން ލުބުނާ މުހައްމަދު ޒާހިރު މިރޭ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ލުބުނާ ވިދާޅުވީ އެންޑީއޭގެ ބޯޑުން މަސްތުވާތަކެއްޗާ ގުޅޭ ގޮތުން މުޖުތަމައު ހޭލުންތެރި ކުރުމަށް ޓަކައި، އަހަރުގެ ބާކީ އޮތް ބައިގައި މުހިންމު މަސައްކަތްތަކެއް ކުރަން ބޭނުންވާ ކަމަށެވެ.
އެ މަސައްކަތުގައި ބްރޯޑްކާސްޓިން މީޑިއާތަކާއި އެހެނިހެން ޖަމިއްޔާ ޖަމާއަތްތަކާއި ފަންނީ މާހިރުންނާ ގުޅިގެން، ޓީވީ އަދި ރޭޑިއޯގެ ޒަރިއްޔާއިން މަސްތުވާތަކެއްޗާ ގުޅޭ ގޮތުން މުޖުތަމައު ހޭލުންތެރި ކުރުވުމަށް ބޭނުންވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެންމެ އަވަހަށް އަޅުގަނޑުމެންގެ މުޅި ރާއްޖޭގެ އުތުރުން ދެކުނަށް އެންމެ އަވަހަށް ރީޗްވާނެ ގޮތަކީ މީހުންނާ ހަމަޔަށް އަޅުގަނޑުމެންނަށް މި މައުލޫމާތުތައް އެވެއާނަސްގެ ސިފައިގައި ގެނެވޭނެ ގޮތަކީ އަޅުގަނޑުމެން ބްރޯޑްކާސްޓް މީޑިއާއާއި ރޭޑިއޯގެ ޒަރިއްޔާއިން މި މަސައްކަތް ކުރުން،" ލުބުނާ ވިދާޅުވިއެވެެ.
"ޕްރިވެންޝަނުގެ މަސައްކަތުގައި ނޭޝަނަލް ޑްރަގު އެޖެންސީ އެހާ ބައިވަރު މަސައްކަތްތަކެއް ކޮށްފަކާ ނެތް ވޭތުވެދިޔަ އަހަރުތަކުގައި ވެސް."
އެންޑީއޭގައި ޑުރަގުގެ ފަރުވާ ހޯދަމުންދާ ފަރާތްތަކުގެ ބެލެނިވެރިންގެ އިތުރުން، މުޖުތަމައު ހޭލުންތެރި ކުރުމަށް ފިޒިކަލް ސެޝަންތަކެއް ވެސް ކުރިޔަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް އެންޑީއޭއިން މަސްތުވާތަކެއްޗާ ގުޅޭ ގޮތުން މީހުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ސާވޭއެއް އެންމެ ފަހުން ހަދައިފައިވަނީ 2012ގައެވެ. އެހެން ކަމުން މިހާރު ރާއްޖޭގައި ތިބި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދު އެނގޭކަށް ނެތެވެ.
ފުލުހުންގެ ޑުރަގު އެންފޯސްމަންޓުގެ މިދިޔަ ފަސް އަހަރުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، މި އަހަރުގެ ޖުލައިމަހުގެ ނިޔަލަށް 8،358 މީހަކު މަސްތުވާތަކެތި ބޭނުންކޮށްފައިވާ ކަމަށް ރިކޯޑު ކުރެވިފައިވެއެވެ.
ޑުރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، ނާހިދު ހުސައިން ވިދާޅުވި ގޮތުގައި އެންމެ ގިނައިން މަސްތުވާތަކެތި ބޭނުންކުރާ އުމުރެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ 25 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނެވެ.
ޖުމްލަ ގޮތެއްގައި އާންމުކޮށް ބޭނުންކުރާ ހުރިހާ ބާވަތެއްގެ މަސްތުވާތަކެތި ވެސް ރާއްޖޭގައި ބޭނުންކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާގެ ނިޒާމުގެ ތެރެއަށް ވެއްދުމަށް އެންޑީއޭއާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިމާޓްމަންޓް ގުޅިގެންވަނީ ޚާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ.
މި އޮޕަރޭޝަނުގެ ތެރެއިން ކުރާ މަސައްކަތަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުން އަތުލައިގަނެ، އެ މީހުން އެންޑީއޭގެ ފަރުވާދޭ މަރުކަޒަށް ގެންގޮސް ފަރުވާ ދިނުމެވެ. މި މަހުގެ ނުވަވަނަ ދުވަހު ފެށި މި އޮޕަރޭޝަނުގައި މިހާތަނަށް 14 މީހަކުވަނީ ފަރުވާގެ ނިޒާމަށް ވައްދައިފައެވެ.
މި އޮޕަރޭޝަންގެ ތެރެއިން ފަރުވާގެ ނިޒާމު ވަރުގަދަކޮށް، ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެންޑީއޭއިން ބުނެއެވެ.