އިގުތިސޯދު ހަރުދަނާ ކުރެވޭނީ ޕްރައިވެޓް ސެކްޓާ ވަރުގަދަވެގެން: ފައިސަލް

ފަތުރުވެރިކަމާ ބެހޭ ވަޒީރު ފައިސަލް: ވިދާޅުވީ ގައުމެއްގެ އިގްތިސާދު ހަރުދަނާ ކުރެވޭނީ އެ ގައުމެއްގެ ޕްރައިވެޓް ސެކްޓާ ވަރުގަދަވެގެން ކަމަށް -- ފޮޓޯ/ ނާއިޝް ނާހިދު

ގައުމެއްގެ އިގުތިސޯދު ހަރުދަނާ ކުރެވޭނީ އެ ގައުމެއްގެ ޕްރައިވެޓް ސެކްޓާ ވަރުގަދަވެގެން ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ބޭއްވި މޯލްޑިވް ޓޫރިޒަމް ސިމްޕޯޒިއަމް 2024 ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އަތޮޅު ތެރޭގެ ރަށްތަކުގައި ތިބި ގިނަ ޒުވާނުން ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތަކުގައި މަސައްކަތްކުރަމުންދާއިރު، އެ ފަރާތްތަކުން ޕްރައިވެޓް ސެކްޓާގައި މަސައްކަތް ކުރާނަމަ، ސަރުކާރަށް އޮންނަ ބުރަ ވެސް ކުޑަވެގެންދާނެކަން މިނިސްޓަރުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ އިގުތިސޯދު ފަތުރުވެރިކަމަށް ބަރޯސާވެފައި އޮންނައިރު، ބައެއް ރަށްތަކަކީ ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ހިންގައި، އޭގެ ބޮޑު މަންފާއެއް ހޯދަމުންދާ ރަށްތަކެވެ.

ފަތުރުވެރިކަމާ ބެހޭ ވަޒީރު ފައިސަލް: ވިދާޅުވީ ގައުމެއްގެ އިގްތިސާދު ހަރުދަނާ ކުރެވޭނީ އެ ގައުމެއްގެ ޕްރައިވެޓް ސެކްޓާ ވަރުގަދަވެގެން ކަމަށް -- ފޮޓޯ/ ނާއިޝް ނާހިދު

"... ދާއިރާއިން އަތޮޅުން ކުއްޖަކު ގުޅާލައިފިއްޔާ އަބަދު ވެސް ދައްކާނީ ކޮންމެ ވެސް ދިމާލަކުން ވަޒީފާއެއް ހޯދާ ވާހަކަ. އެކަމު ފެނަކަ އެ އޮޕަރޭޓު ކުރަނީ ނުވަ ވަރަކަށް ހާސް މުވައްޒަފުންނާ އެކީގައި. ފެނަކަ އަސްލު ހިންގަން ބޭނުންވަނީ 3،000 މުވައްޒަފުން... މި ގެންދެވުނީމާ ދައުލަތުގެ އެކްސްޕެންޑިޗާ ވަރަށް ބޮޑުތަނުން ކުޑަކުރެވި، ޕްރައިވެޓް ސެކްޓާ އެމްޕަވާކުރެވޭނެ. ދުނިޔޭގެ އެއްވެސް ގައުމެއްގެ އިގުތިސޯދެއް އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ވަރުދަގަ ކުރެވޭނީ އެ ތަނެއްގެ ޕްރައިވެޓް ސެކްޓާ ވަރުގަދަ ކުރެވިގެން" މިނިސްޓަރު ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވި ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގައި ރިޒޯޓުތަކާއި ގެސްޓްހައުސްތަކުގެ ވާދަވެރިކަން އޮތްކަން ގަބޫލުކުރަން ޖެހެއެވެ.

އެ ގޮތުން ބައެއް ރިޒޯޓުތަކަށްވުރެ ރަނގަޅަށް ހަދާފައިވާ ގެސްޓްހައުސްތައް ރާއްޖޭގައި އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވާ ގޮތުގައި ޓޫރިޒަމް މިނިސްޓްރީގެ އެންމެ ބޮޑު އެއް އަމާޒަކީ، ރާއްޖޭގައި އެ ވިޔަފާރި ނެތް ހިސާބުތަކަށް ވެސް އެކަން ތައާރަފުކޮށް، އެ ސަރަހައްދެއްގައި ދިރިއުޅޭ ބަޔަކަށް އެ ކަމުގެ މަންފާ ލިބުމެވެ.

މީގެ އިތުރުން ފައިސަލްގެ ވާހަކައިގައިވަނީ ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރިއަށް މާކެޓު އިތުރުކުރުމަށް ހަރަކާތްތަކެއް ކުރިޔަށް ގެންދަން ބޭނުންވާކަން ފާހަގަކުރައްވައިފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް އަމާޒަކީ ރާއްޖެ އައިސް ގިނައިން ޚަރަދުކުރެވޭވަރުގެ ފަތުރުވެރިން ރާއްޖެ ގެނައުމެވެ. އަދި އަންނަ އަހަރުގެ ލޯ ސީޒަނުގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 10އަކާއި 15 ޕަސަންޓާ ދެމެދަށް އިތުރު ކުރުމެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ. މި އަހަރުގެ މިހާތަނަށް 1.6 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

comment ކޮމެންޓް