އައްޑޫގެ ތިން ސަރަހައްދެއްގައި މިރޭ އެކްސިޑެންޓްތަކެއް ހިނގައި، ހަތް މީހަކަށް އަނިޔާ ވެއްޖެ

އައްޑޫ ސިޓީ ހިތަދޫ: އައްޑޫގެ ތިން ސަރަހައްދެއްގައި މިރޭ އެކްސިޑެންޓްތަކެއް ހިނގައި، ހަތް މީހަކަށް އަނިޔާ ވެއްޖެ -- ފޮޓޯ/ ޕީއެސްއެމް

އައްޑޫ ސިޓީ ހިތަދޫގެ ތިން ސަރަހައްދެއްގައި މިރޭގެ އެކި ވަގުތުތަކުގައި އެކްސިޑެންޓުތަކެއް ހިނގާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ވަނީ، މި އެކްސިޑެންޓުގައި ހަތް މިހާކަށް އަނިޔާވެ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އެއީ ހަ ފިރިހެނުންނާއި އަންހެނެއް ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ، އަނިޔާވި މީހުންގެ ތެރެއިން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާކަމަށެވެ.

ފުލުހުން ބުނިގޮތުގައި މިރޭ އައްޑޫގައި ހިނގި ތިން އެކްސިޑެންޓުގެ ތެރެއިން ކޮންމެ އެކްސިޑެންޓެއް ވެސް ހިނގާފައި ވަނީ ދެ ސައިކަލު ޖެހިގެންނެވެ. މި އެކްސިޑެންޓުތަކުގެ ތެރެއިން ދެ އެކްސިޑެންޓުގެ ސީނަށް ފުލުހުން ދިޔަ އިރު، އެކްސިޑެންޓު ރޫޅާލާފައި ވާކަމަށް ވެސް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓުތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް