މަޖިލީހުގެ ކޮމިއުކޭޝަންސް ޑިރެކްޓަރު ޒިޔާއު ވަޒީފާއިން ވަކިކޮށްފި، ތުހުމަތުތަކަކާއެކު ޓްރައިބިއުނަލަށް

މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކޮމިއުކޭޝަންސް ޑިރެކްޓަރުގެ މަގާމުން ހަސަން ޒިޔާއު (ޒިޔާ) މިއަދު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފިއެވެ.

މަގާމުން ވަކި ކުރުމާ އެކު މަޖިލީހުގެ މީޑިއާ ގްރޫޕަށް ޒިޔާ ފޮނުއްވި މެސެޖެއްގައިވަނީ އޭނާ މަޖިލީހުގައި އަދާކުރައްވަމުން ގެންދެވި މަގާމަކީ ސިޔާސީ މަގާމަކަށް ނުވާއިރު، އެ މަގާމުން އޭނާ ވަކިކޮށްފައިވަނީ ޕާލަމެންޓަރީ ސާވިސްގެ ގަވާއިދާ ޚިލާފަށް ކަމަށެވެ.

ޒިޔާގެ މެސެޖުގައި ވަނީ، ޕާލަމެންޓަރީ ސާވިސް ގަވާއިދާ ޚިލާފަށް އެ ގަވާއިދުގައި ބަޔާންކުރާ އިޖުރާޢަތްތަކާ ދެކޮޅަށް, ނޯޓިސް ދިނުމަކާ ނުލައި، "އަވަސް އަރުވާލައިގެން" އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ، ޕާލަމެންޓަރީ ސާވިސް ގަވާއިދުގެ ކޯޑު އޮފް ކޮންޑަކްޓާ ޚީލާފުވިކަމަށް ބުނެ ކަމަށެވެ.

އޭނާ މަގާމުން ވަކިކުރީ މަޖިލީހުގެ އިސްވެރިންގެ ތެރޭގައި ހިމެނޭ ޢަމީން އާންމު ފާތިމަތު ނިޔުޝާއާއި، ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ރަޝީދާއި، ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަހުމަދު ފާއިޒު އަދި ފޮރިން ރިލޭޝަންސް ޑިރެކްޓަރު ޒުއްޔިނާ ބަދުރީގެ ބައެއް ނިންމުންތަކާ ދެކޮޅަށް އޭނާ ވާހަކަ ދައްކާފައިވާތީ, ޒާތީ ހަސަދަވެރިކަމުގައި ކަމަށް އޭނާ ވަނީ ތުހުމަތު ކޮށްފައެވެ. އަދި ބެކް ޑޭޓްކޮށް ބައެއް ޕްރޮކިއުމަންޓް ރިކުއެސްޓްތަކުގައި ސޮއި ކުރުމަށް ދެކޮޅު ހަދާފައިވުމަކީ ވެސް އޭނާ ވަޒީފާއިން ވަކިކުރި ސަބަބެއް ކަމަށް އެ މެސެޖުގައި ވެއެވެ.

ޕާލިމެންޓަރީ ސާވިސް ޤަވާއިދާ ޚިލާފަށް ޒިޔާ ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށާއި ހިއުމަން ރައިޓްސް ކޮމިޝަން އަދި މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހަޅާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޒިޔާ މަޖިލީހުގެ މީޑިއާ ޑިރެކްޓަރުކަމުގެ މަގާމާ ހަވާލުވީ ޓީވީއެމްގައި 13 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވުމަށް ފަހު، 16 ޖެނުއަރީ 2019ގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް