ބަންގްލަދޭޝްގައި ފެންބޮޑުވުމުގެ ސަބަބުން 1.1 މިލިއަން ޓަނު ހަނޑުލަށް ގެއްލުންވެއްޖެ

ބަންގްލަދޭޝްގައި ފެންބޮޑުވެފައި. ފެންބޮޑުވުމުގެ ސަބަބުން އެ ގައުމަށް މި އަހަރު ވަނީ 1.1 މިލިއަން ޓަނުގެ ހަނޑުލަށް ގެއްލުން ލިބިފައި. ފޮޓޯ/ރޮއިޓާސް

ބަންގްލަދޭޝްގައި ފެންބޮޑުވުމުގެ ސަބަބުން ގާތްގަޑަކަށް 1.1 މިލިއަން މެޓްރިކް ޓަނުގެ ހަނޑޫ ހަލާކުވެއްޖެއެވެ.

އެކަމުގެ ސަބަބުން ކާބޯތަކެތީގެ އަގު ބޮޑުވަމުންދާ ދަނޑިވަޅެއްގައި އެގައުމުން ވަނީ އެންމެ ގިނައިން ބޭނުންވާ ކާޑުގެ ބާވަތްތައް އެތެރެކުރުން އިތުރުކޮށްފައެވެ.

ބޯކޮށް ވާރޭވެހުމުގެ ސަބަބުން އޮގަސްޓް އަދި އޮކްޓޯބަރު މަހުވެސް ފެންބޮޑުވެ، ގާތްގަޑަކަށް 75 މީހުންގެ މަރުވެ އެތައް މިލިއަން ބަޔަކަށް އަސަރުކޮށްފައިވެއެވެ. ޚާއްޞަކޮށް ދަނޑުވެރިކަމުގެ ބާވަތްތައް އެންމެ ގިނައިން އުފައްދާ އިރުމަތީ އަދި އުތުރުގެ ސަރަހައްދުތަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.

ދަނޑުވެރިކަމާބެހޭ ވުޒާރާއިން ބުނީ މިއަހަރުގެ ފެންބޮޑުވުމުގެ ސަބަބުން ދަނޑުވެރިކަމުގެ ބާވަތްތަކަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ. އެހެންވެ، 500،000 ޓަނުގެ ހަނޑޫ އިމްޕޯޓް ކުރުމަށް ސަރުކާރުން ހަލުވިކަމާއެކު މަސައްކަތް ކުރަމުންދާ ކަމަށް އެގައުމުގެ ކާބޯތަކެއްޗާބެހޭ ވުޒާރާގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ބުނެފައިވެއެވެ.

ފާއިތުވި މަސްތަކުގައި ގާތްގަނޑަކަށް 20 ޕަސަންޓު މައްޗަށް ގޮސްފައިވާ ކާބޯތަކެތީގެ އަގުތައް ހަމައަކަށް އެޅުވުމަށް ސަރުކާރަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

ފެންބޮޑުވުމުގެ ސަބަބުން ދަނޑުވެރިކަމުގެ އެހެން އުފެއްދުންތަކަށް ވެސް ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ދެލައްކަ ޓަނަށް ވުރެ ގިނަ ތަރުކާރީ ހިމެނޭ ކަމަށް ވެސް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ބުނެއެވެ. ފެންބޮޑުވުމުގެ ސަބަބުން މުޅި ގައުމުގައި ދަނޑުވެރިކަމަށް ލިބުނު ޖުމްލަ ގެއްލުން ގާތްގަނޑަކަށް 45 ބިލިއަން ޓާކާ (380 މިލިއަން ޑޮލަރު)އަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

ދުނިޔޭގެ ތިންވަނައަށް އެންމެ ގިނައިން ހަނޑޫ އުފައްދާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން އާންމުކޮށް އަހަރަކު ގާތްގަނޑަކަށް 40 މިލިއަން ޓަނުގެ ހަނޑު އުފައްދަނީ އެގައުމުގެ 170 މިލިއަން މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށެވެ. ނަމަވެސް ގުދުރަތީ ކާރިސާތަކުގެ ސަބަބުން ގިނަ ފަހަރަށް އުފެއްދުންތެރިކަމަށް ބުރޫއަރާ، އިމްޕޯޓަށް ބަރޯސާވުން އިތުރުވެގެންދެއެވެ.

ފެންބޮޑުވުމުގެ ސަބަބުން ބަންގްލަދޭޝްގެ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާތެރިކަން ވަނީ ފާހަގަކޮށްފައެވެ. ވޯލްޑް ބޭންކް އިންސްޓިޓިއުޓުން 2015ވަނަ އަހަރު ކުރި ދިރާސާއެއްގައި ލަފާކޮށްފައިވާ ގޮތުގައި ކޮންމެ އަހަރަކު ފެންބޮޑުވުމުގެ ސަބަބުން ބަންގްލަދޭޝްގެ 3.5 މިލިއަން މީހުންނަށް ނުރައްކާ ބޮޑުވެއެވެ. އަދި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މި ނުރައްކާތެރިކަން ގޯސްވަމުންދާ ކަމަށް ސައިންސްވެރިން ބުނެއެވެ.

comment ކޮމެންޓް