އަމިއްލަ މިނިވަންކަމުގެ ނަމުގައި މުންކަރާތްތަކަށް ޖާގައެއް ނުދެވޭނެ!

އިސްލާމީ މުޖުތަމަޢެއްގައި، އަމިއްލަ މިނިވަންކަމޭ ބުނެ މީހަކު ބޭނުންހާ ކަމެއް ކުރަން ދޫކޮށެއް ނުލެވޭނެ! -- ސަން ފޮޓޯ

މި ފަހަކަށް އައިސް ދިވެހި މުޖުތަމަޢުގައި، ޚާއްސަކޮށް މީސްމީޑިއާގެ މަންސަތަކުގައި އާދަޔާ ޚިލާފު ނުރައްކާތެރި އޮއިވަރެއް ދަނީ ފެތުރެމުންނެވެ. އެއީ "އެ މީހަކު ބޭނުން ގޮތަކަށް އުޅުމަކީ އެ މީހެއްގެ އަމިއްލަ ކަމެއް" ކަމަށާއި، އެ ކަމާ އެހެން މީހުން ބެހި ނަސޭހަތް ދީ ހެދުމަކީ މިނިވަން ކަމަށް އަރައިގަތުން ކަމަށް ބުނާ ބުނުމެވެ. ނަމަވެސް މިއީ ކަނޑައެޅިގެން އިސްލާމްދީނުގެ ތަޢުލީމާތާ ޚިލާފު، އިޖުތިމާޢީ ހަލާކަށް މަގުފަހިކުރާ ގޯސް ޚިޔާލެކެވެ.

މި ބަހުސްގެ އަސްލަކީ އިސްލާމްދީނާއި އެ ނޫން ފަލްސަފާތަކުގައި "މިނިވަންކަން" މާނަ ކުރާ ގޮތެވެ. އެ ގޮތުން ލިބަރަލް ސެކިއުލަރިޒަމްގެ ތަޞައްވުރުގައި، އިންސާނާއަކީ އޭނާގެ އަމިއްލަ ނަފުސާއި ހަށިގަނޑާއި ބުއްދީގެ މައްޗަށް ފުރިހަމަ ސިޔާދަތީ ބާރު ލިބިގެން ވާ ފަރާތެކެވެ. އިނގިރޭސި ފަލްސަފާވެރިޔާ ޖޯން ސްޓުއަރޓް މިލް (1859) ހުށަހަޅާފައިވާ "ހާމް ޕްރިންސިޕްލް" ބުނާ ގޮތުގައި، މުޖުތަމަޢަކަށް ނުވަތަ ދައުލަތަކަށް ފަރުދެއްގެ މިނިވަންކަމުގެ ތެރެއަށް ވަދެވޭނީ، އޭނާ ކުރާ ކަމެއްގެ ސަބަބުން އެހެން މީހަކަށް ސީދާ ޖިސްމާނީ ނުވަތަ މާއްދީ ގެއްލުމެއް ލިބޭ ހާލަތުގައެވެ. އެހެންކަމުން، މީހަކު ކުރާ ފާޙިޝް ޢަމަލަކުން ނުވަތަ އަރައިގަންނަ މުންކަރާތަކުން އަނެކާއަށް ސީދާ މާއްދީ ގެއްލުމެއް ނުވާ ނަމަ، އެ ކަން ހުއްޓުވުމަކީ ފަރުދީ މިނިވަންކަމަށް އަރައިގަތުމެއް ކަމުގައި މި ފަލްސަފާ ދެކެއެވެ.

އެއާ ޚިލާފަށް، އިސްލާމީ ތަޞައްވުރުގައި މިނިވަންކަމަކީ ހަވާނަފުސުގެ އަޅަކަށް ވެ، ބޭނުންހާ ގޮތަކަށް އުޅުމެއް ނޫނެވެ. އަދި ކިއެއްތަ، ހަގީގީ މިނިވަންކަމަކީ ﷲ އަށް ބޯލަނބައި، އެކަލާނގެ ކަނޑައަޅުއްވާފައިވާ އިންތަކުގެ ތެރޭގައި އުޅުމެވެ. އިސްލާމީ ނިޒާމުގައި ފަރުދެއްގެ ޢަމަލަކީ މުޅި މުޖުތަމަޢާ ގުޅި ލާމެހިފައިވާ ކަމެކެވެ.

އެހެންކަމުން، މީހަކު ކުރާ ޢަމަލަކީ އިސްލާމީ އަޚުލާގީ މިންގަނޑުތަކާ ޚިލާފު، މުޖުތަމަޢުގެ ދީނީ ބަދަހިކަން ގެއްލި ފަސާދައަށް މަގުފަހިވާ ކަމެއް ނަމަ، އެއީ އޭނާގެ "ޒާތީ" ކަމެއްގެ ގޮތުގައި ދޫކޮށް ލެވޭކަށް ނޯންނާނެއެވެ. ސަބަބަކީ، މުޖުތަމަޢުގެ އަޚުލާގީ ސަލާމަތްތެރިކަން ގެއްލިގެންދާ ކޮންމެ ކަމަކީ، އެންމެންގެ އަމާން ކަމަށް އޮތް ނުރައްކަލަކަށް ވާތީއެވެ.

ވީމާ، މިލްގެ ފަލްސަފާގެ މައްޗަށް ބިނާކޮށް، "މުންކަރާތް ތަކަކީ އަމިއްލަ ކަމެއް" ކަމަށް ބުނެ ފަތުރާ ޝިޢާރަކީ އިސްލާމީ ޢަޤީދާއާއި އިޖުތިމާޢީ އުޞޫލުތަކާ ކަނޑައެޅިގެން ފުށުއަރާ ބާތިލު ދަޢުވާ އެކެވެ. މި ކަން ޤުރުއާނާއި ސުންނަތުން ސާފުކޮށް އެނގެއެވެ.

އިސްލާމީ އުއްމަތަކީ އެންމެ ހެޔޮ އުއްމަތް ކަމުގައި ﷲ ލެއްވީ، އެކަކު އަނެކަކަށް ހެޔޮ މަގު ދައްކައި މުޖުތަމަޢު ފަސާދައިން ސަލާމަތް ކުރުމަށް މަސައްކަތް ކުރާ ބަޔަކަށް މި އުއްމަތް ވާތީއެވެ. އެ ކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. ((كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللَّهِ))(އާލުޢިމްރާނު، 110). "މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ އުއްމަތް ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮ ކަންތަކަށް އަމުރު ކުރަމުއެވެ. އަދި، ނުބައި ކަންތައް ނަހީ ކުރަމުއެވެ. އަދި، ތިޔަބައިމީހުން ﷲ އަށް އީމާން ވަމުއެވެ".

ހަމަ އެހެންމެ، އަމިއްލަ ނަފުސާ އެކު ތިމާގެ އަހުލުވެރީން ވެސް ނަރަކައިން ސަލާމަތް ކުރުމަށް އަމުރު ކުރައްވައި ﷲ ވަޙީ ކުރެއްވިއެވެ. ((يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا))(އައްތަޙްރީމު، 6). "އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން، ނަރަކައިން ސަލާމަތް ކުރާށެވެ!".

މުންކަރާތް މަނާ ކުރުމާ ބެހޭ ގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. "ތިޔަބައިމީހުންގެ ތެރެއިން މީހަކަށް މުންކަރާތެއް ފެނިއްޖެ ނަމަ، އެމީހެއްގެ އަތުން އެކަން ހުއްޓުވާށެވެ! ފަހެ، އަތުން ހުއްޓުވަން ކުޅަދާނަ ނުވާ މީހެއް ނަމަ ދުލުން އެކަމަށް އިންކާރުކޮށް މަނާ ކުރާށެވެ! އެ ކަމަށް ވެސް ކުޅަދާނަ ނުވާ ނަމަ ހިތުން އެ ކަމަށް އިންކާރު ކުރާށެވެ! އަދި އެއީ އީމާންކަމުގެ އެންމެ ބަލިކަށި މިންވަރެވެ" (މުސްލިމް، 49).

އިސްވެ ދިޔަ ދަލީލުތަކުން އެނގޭ ގޮތުގައި، މުސްލިމެއްގެ ޒިންމާއަކީ ހަމައެކަނި ތިމާގެ އަމިއްލަ ނަފުސު އިޞްލާޙު ކުރުމެއް ނޫނެވެ. އެއާއެކު، ތިމާގެ އަހުލުވެރިންނާއި މުޖުތަމަޢު ނުރަނގަޅު މަގަކުން ދާނަމަ، އެކަން ހުއްޓުވަން މަސައްކަތް ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެކެވެ. ވީމާ، މީހަކު ނުބައި ކަމެއް ކުރާ މަންޒަރު ފެނުމުން، "އެއީ އޭނާގެ އަމިއްލަ ކަމެކޭ" ބުނެ އަޅައިނުލައި ހުރުމުގެ އިޚުތިޔާރެއް އެއްވެސް މުސްލިމަކަށް ނޯންނާނެއެވެ.

މުންކަރާތްތައް މަނާ ކުރުމުގައި އިސްލާމީ ރިވެތި އަޚުލާގާއި އުޞޫލުތަކުގައި ހިފަހައްޓާން ޖެހެއެވެ. އެއީ ރުޅިވެރި ކަމާއި ނަފުރަތު ފެތުރުމެއް ނޫނެވެ. އަދި ކިއެއްތަ، އެއީ މަޑުމައިތިރި ކަމާއި، ޙިކުމަތްތެރި ކަމާ އެކު ދެވޭ ނަސޭހަތެކެވެ. މިއީ މީސްތަކުންނަށް ދަޢުވަތު ދެއްވުމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެންގުޅުއްވި މަތިވެރި މަންހަޖެވެ. އެ ކަލޭގެފާނަށް އިރުޝާދު ދެއްވައި ﷲ ވަޙީ ކުރެއްވިއެވެ.

((ادْعُ إِلَىٰ سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ ۖ وَجَادِلْهُم بِالَّتِي هِيَ أَحْسَنُ))(އައްނަޙްލު، 125). "ޙިކުމަތާއި، ރިވެތި ވަޢުޡާ އެކު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގަށް، ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި ރިވެތި ގޮތުގައި އެއުރެންނާ ޖަދަލު ކުރައްވާށެވެ!".

އެހެންކަމުން، ހެޔޮ މަގަށް ގޮވައިލުމުގެ މަޤުޞަދަކީ އަނެކާ ބަދުނާމު ކޮށް ނިކަމެތި ކުރުމެއް ނޫނެވެ. އެހެނެއްކަމަކު، އެއީ އޯގާތެރި ކަމާ އެކު އޭނާ ފާފައަކުން ސަލާމަތްކޮށް، ސީދާ މަގަށް ރުޖޫޢަ ކުރުމެވެ. މި ކަން މި ގޮތަށް ކުރުމުން، ފަރުދުންގެ މެދުގައި އޮންނަ އަޅާލުމާއި، ހެޔޮ އެދުމުގެ ރޫޙު އިތުރު ވެގެން ދެއެވެ.

އިހުގެ ދިވެހީންނަކީ މި އުޞޫލުގެ މަތީގައި ދެމިއޮތް ބަދަހި އުއްމަތެކެވެ. އެ ދުވަސްވަރު މަގުމަތީން ފެންނަ ނުރަނގަޅު ކަންކަން، "މަށާ ބެހޭ ކަމެއް ނޫނޭ" ބުނެ އަޅައިނުލައި ދޫކޮށެއް ނުލައެވެ. އަދި ކިއެއްތަ، ކޮންމެ ބޮޑު މީހަކީ ކޮންމެ ކުޑަކުއްޖެއްގެ ބެލެނިވެރިއެކެވެ. އަދި ކޮންމެ އަވަށްޓެރި އަކީ އަނެކާގެ ހަށިފާރަވެރިއެކެވެ. ނަމަވެސް، މިއަދު "އަމިއްލަ މިނިވަންކަމުގެ" ނަމުގައި، މީހަކު ގޯސްކަމެއް ކުރާ ތަން ފެނުނަސް އަޅައިނުލައި ތިބުން ވަނީ އާއްމު ވެފައެވެ. މިއީ އަނެކާގެ މިނިވަންކަމަށް އިހުތިރާމު ކުރުމެއް ނޫނެވެ. އެއީ މުޖުތަމަޢުގެ އަޚްލާގީ ބިންގާ ފުނޑުފުނޑު ކޮށްލުމުގައި ބައިވެރި ވުމެވެ. މުޖުތަމަޢު ފަސާދަވުމުގެ މައިގަނޑު ސަބަބަކީ މިއީއެވެ.

އަހުރެމެންގެ މި އިސްލާމީ ފަސްގަނޑުގައި ލާދީނީ ފަލްސަފާތަކަށް ޖާގަ ދީގެން ނުވާނެއެވެ. ސޫރަތުލް ޢަޞްރުގައި އަންގަވާފައި ވާ ފަދައިން، ހަލާކުން ސަލާމަތް ވެވޭނީ އީމާން ވެ ހެޔޮ ޢަމަލު ކޮށް، އެކަކު އަނެކަކަށް ޙައްޤަށް ވަޞިއްޔަތް ކޮށްގެންނެވެ. ލިބަރަލް ސެކިއުލަރިޒަމްގެ ހަނި ވިސްނުމަކީ، އިންސާނާ ހަވާނަފްސުގެ އަޅަކަށް ހަދައި، މުޖުތަމަޢު ބައިބައި ކޮށްލާ ބާތިލު ފަލްސަފާއެކެވެ. އޭގެ ބަދަލުގައި، ހަގީގީ މިނިވަންކަމާއި ކާމިޔާބީ އޮތީ، ހައްގު ދީން ކަމުގައި ވާ އިސްލާމްދީނުގެ ހިދާޔަތުގައި ހިފައި، އިލާހީ އިންތަކަށް ބޯލެނބުމުގައެވެ. އަމިއްލަ މިނިވަންކަމުގެ ނަމުގައި މުންކަރާތް ތަކަށް ހިތްވަރު ދިނުމަކީ ކުރިއެރުމެއް ނޫނެވެ. އެއީ މުޅި އުއްމަތް ދުނިޔެ އާއި އާޚިރަތުގެ ހަލާކުގެ ތެރެއަށް ވައްޓައިލުމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް