ކަދުރު ބެހުމުގެ ފަހަތުގައި ވާ ހިތްދަތި ހަގީގަތެއް!

ޞަދަޤާތަކަށް ދޭ އެއްޗަކީ ތިމާ އެއަށް ނުރުހުން ވާ އެއްްޗަކަށް ވެގެން ނުވާނެ! -- ފޮޓޯ / ރިއަލްސިމްޕަލް.ކޮމް

ރޯދަމަސް ކައިރިވުމުން އެއްބަޔަކު އަނެއް ބަޔަކަށް ކަދުރުން ޞަދަގާތް ކުރުން ނުވަތަ ކަދުރު ބެހުމަކީ ދިވެހީންގެ ތެރޭގައި އޮންނަ ރީތި އާދައެކެވެ. ގޭގެއަށް ކަދުރު ހަދިޔާ ކުރުމުގެ އިތުރުން، ރޯދަ ވީއްލާ ގަޑިއަށް މިސްކިތްތަކަށް ކަދުރު ގެންދިއުމަކީ ވެސް ވަރަށް އާއްމު ކަމެކެވެ. މިއީ ކަދުރަކުން ރޯދަ ވީއްލުމަށް މަގުފަހިކޮށްދީ އަދި ރޯދަ ވީއްލާނެ އެއްޗެއް ދިނުމުގެ މަތިވެރި ސަވާބު ހޯދުމާ ގުޅިފައި ވާ ހެޔޮ ޢަމަލެކެވެ. ނަމަވެސް, އަހުރެމެންނަށް ސަމާލުކަމެއް ނުދެވޭ ހިތްދަތި ހަގީގަތެއް މީގެ ފަހަތުގައި އެބައޮތެވެ.

ބަހާ ގިނަ ކަދުރުތަކަކީ ފެންވަރުގެ ގޮތުން ވަރަށް ދަށް ނުވަތަ އާދައިގެ ތަކެއްޗެވެ. ގިނަ ފަހަރަށް އެއީ އެ އެއްޗެއް ބަހާ މީހާ އަމިއްލައަށް ވެސް ކާން ބޭނުން ވާނެ ފަދަ އެއްޗެއް ނޫނެވެ. މީގެ ނަތީޖާއަކީ އެ ކަދުރު ލިބޭ މީހުން ވެސް އެ ކާން ބޭނުން ނުވެ، ރޯދަ މަސް ނިމޭއިރު އެ ތަކެތި އުކައިލާން ޖެހުމެވެ.

މީގެ މާނައަކީ ކޮންމެހެން އެންމެ އަގު ބޮޑު ކަދުރު ބަހަން މަޖުބޫރު ވުމެއް ނޫނެވެ. ނަމަވެސް، ތިމާގެ ތަނަވަސްކަން ހުރި މިންވަރަކުން އެންމެ ރަނގަޅު އެތި އިޚުތިޔާރު ކުރުމެވެ. ހިތާމައަކީ، އަމިއްލަ ގޭގައި ބޭނުން ކުރުމަށް ޓަކައި، މޮޅު ތަކެތި ގަތުމުގެ ޤާބިލުކަން ހުރި ތަނަވަސް މީހާ ވެސް، ޞަދަގާތުގެ ގޮތުގައި ބަހަން ވީމާ އެންމެ ދެރަ އެތި ހޮވުމެވެ. ވިސްނައިލާން ޖެހޭ ކަމަކީ، ގިނަ ބަޔަކަށް ދެރަ އެތި ދިނުމަށް ވުރެ، މަދު ބަޔަކަށް ނަމަވެސް ތިމާގެ ތަނަވަސް ކަމާ ގުޅޭ ރަނގަޅު އެއްޗެއް ދިނުން މާ ހެޔޮކަން ބޮޑު ކަމެވެ. ޞަދަގާތަކީ ﷲ އަށް ޓަކައި ކުރާ އިޚުލާޞްތެރި ޢަމަލަކަށް ވާން ޖެހޭނެއެވެ.

މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ. ((يَا أَيُّهَا الَّذِينَ آمَنُوا أَنفِقُوا مِن طَيِّبَاتِ مَا كَسَبْتُمْ وَمِمَّا أَخْرَجْنَا لَكُم مِّنَ الْأَرْضِ ۖ وَلَا تَيَمَّمُوا الْخَبِيثَ مِنْهُ تُنفِقُونَ وَلَسْتُم بِآخِذِيهِ إِلَّا أَن تُغْمِضُوا فِيهِ)) (އަލްބަޤަރާ، 267). "އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހޯދި ތަކެތީގެ ތެރެއިން ރަނގަޅު ތަކެތިން ތިޔަބައިމީހުން ހޭދަ ކުރާށެވެ! އަދި، ތިޔަބައިމީހުންނަށް ޓަކައި ބިމުން ތިމަންރަސްކަލާނގެ ނެރެ ދެއްވި ތަކެތިން ވެސް މެއެވެ. އަދި، އެއިން ހޭދަ ކުރުމަށް ޓަކައި، ދެރަ ތަކެތި ޤަސްދު ނުކުރާށެވެ! ތިޔަބައިމީހުން (އެ ފަދަ ތަކެތީގައި ހިފާން ޖެހޭ މީހުން ކަމުގައި ވާ ނަމަ) އެ ތަކެއްޗާ މެދު ނުރުހުން ވެ ލޯ މަރައިގެން ނޫނީ އެ ތަކެތީގައި ތިޔަބައިމީހުން ވެސް ނުހިފާނޫއެވެ".

މީހަކު ހިތަށް އަރާފާނެއެވެ. ތިމާ އަމިއްލައަށް ބޭނުން ނުވާ އެއްޗަކަށް ބޭނުން ވާ އެހެން މީހަކު ހުރެ ދާނެ ނޫންހެއްޔެވެ؟ ތެދެކެވެ. ނަމަވެސް ޞަދަގާތަކީ ހަމައެކަނި އަނެކާގެ ބޭނުމެއް ފުއްދައި ދިނުމެއް ނޫނެވެ. އެއީ ތިމާގެ ހިތުގައި އެ މުސްލިމް އަޚާއަށް އޮތް އިޙުތިރާމާއި ޤަދަރު ހާމަ ކޮށްދޭ ޢަމަލެކެވެ. އަނެކާ ބޭނުން ޖެހިފައި ހުރީތީ، އޭނާ އަށް "ކޮންމެ ފަދަ އެއްޗެއް" ދިނަސް ހެޔޮ ވާނެ ކަމަށް ދުށުމަކީ އިސްލާމީ ރީތި އަޚުލާގާ ބީރައްޓެހި ވިސްނުމެކެވެ. މި ކަމުގައި މާތްﷲ ކަނޑައަޅުއްވާފައި ވާ މިންގަނޑު ވަރަށް މަތިވެރިއެވެ. ޞަދަގާތުގެ ގޮތުގައި ދޭން ވާނީ އަނެކާގެ ނިކަމެތި ކަމުގެ ނާޖާއިޒު ފައިދާ ނުނަގައި، އޭނާގެ އިންސާނީ ކަރާމާތް ނުގެއްލޭ ފަދަ، ތިމާވެސް ގަބޫލު ކުރާ ފެންވަރުގެ ތަކެއްޗެވެ. އެހެނީ، ތިމާ ލޯބި ވާ އެއްޗެއް ހޭދަ ކޮށްފުމަށް ދާންދެން ހެޔޮ ކަމުގެ މަތީ ދަރަޖައަށް ނުދާނެ ކަމަށް ﷲ އަންގަވާފައި ވެއެވެ. އެ ކަލާނގެ ވަޙީ ކުރެއްވިއެވެ. ((لَن تَنَالُوا الْبِرَّ حَتَّىٰ تُنفِقُوا مِمَّا تُحِبُّونَ ۚ وَمَا تُنفِقُوا مِن شَيْءٍ فَإِنَّ اللَّهَ بِهِ عَلِيمٌ))(އާލުޢިމްރާނު، 92). "ތިޔަބައިމީހުން، ލޯބިވާ އެއްޗަކުން ތިޔަބައިމީހުން ހޭދަ ކޮށްފުމަށް ދާންދެން، ތިޔަބައިމީހުންނަކަށް ހެވެއް ނުލިބޭނެތެވެ. އަދި، ތިޔަބައިމީހުން ހޭދަ ކުރާ ކޮންމެ އެއްޗެއް، ފަހެ، ހަމަކަށަވަރުން، ﷲ އެ އެއްޗެއް މޮޅަށް ދެނެވޮޑިގެންވެތެވެ". ހަމަ މި މޭރުމުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. "ތިމާގެ އަމިއްލަ ނަފްސަށް ލޯބި ކުރާ ކަންކަން ތިމާގެ އަޚާއަށް ވެސް ލިބުމަށް ލޯބި ކޮށްފުމަށް ދާންދެން ތިޔަބައިމީހުން ކުރެ އެކަކު ވެސް (ފުރިހަމަ އަށް) އީމާނެއް ނުވެއެވެ" (މުސްލިމް، 45).

ޞަދަގާތަކީ ހަމައެކަނި މުއްސަނދީންނަށް އޮތް ކަމެއް ނޫނެވެ. ތަނަވަސް މީހުންނާއި ނިކަމެތީން ވެސް ﷲ ގެ މަގުގައި ހޭދަ ކުރާއިރު ސަމާލުކަން ދޭން ވީ، ތެދުވެރި ކަމާއި އިޙުތިރާމާއި އިޚުލާޞްތެރިކަމާ އެކު ހޭދަ ކުރުމަށެވެ. ތިމާގެ ތަނަވަސް ކަމާ އެކަށޭނަ ގޮތުން - މަދު މިންވަރެއް ނަމަވެސް - ބޭނުންތެރި ރަނގަޅު ތަކެތި ހޭދަ ކުރުމަށެވެ. ލިބޭ މީހާ އެ އެއްޗެއް ބޭނުން ނުވެގެން އުކައިލާން ޖެހޭ ފަދަ ތަކެތި ނުދިނުމަށެވެ.

ކަދުރަކީ ހަމައެކަނި ރޯދަ ވީއްލާ ގަޑީގައި ބަނޑުހައިކަން ފިލުވައިދޭ އެއްޗެއް ނޫނެވެ. އެއީ މުސްލިމް އަޚުންގެ މެދުގައި އޮންނަ އޯގާތެރި ކަމާއި، ސުންނަތަށް އޮތް ލޯބި ރަމުޒުކޮށްދޭ ހަދިޔާ އެކެވެ. އެހެންކަމުން، ކަދުރު ޞަދަގާތް ކުރާއިރު ވެސް އިހުތިރާމާއި ލޯތްބާ އެކު ދީފި ނަމަ، އެއީ މަތިވެރި އަޅުކަމެކެވެ. ނަމަވެސް، އެއީ ތިމާ ބޭނުން ނުވެގެން ބާކީ ވެފައި ހުރި އެއްޗެއްގެ ގޮތުގައި ނުވަތަ "ނަމަކަށް" ކުރާ ކަމެއްގެ ގޮތުގައި ދީފި ނަމަ، އެއިން ދައްކައި ދެނީ ޞަދަގާތާ މެދު އަހުރެމެންގެ ހިތްތަކުގައި އޮތް ދަށް ވިސްނުމެވެ. މި ވިސްނުން ބަދަލު ކުރުމަށް ޓަކައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ބަސްފުޅު ހަނދާނުގައި ބަހައްޓާން ޖެހެއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ((إنَّ اللهَ طَيِّبٌ لَا يَقْبَلُ إلَّا طَيِّبًا))(މުސްލިމް، 1015). "ހަމަކަށަވަރުން، ﷲ ތަޢާލާ ހެޔޮ ވެގެންވެއެވެ. އަދި ހެޔޮ އެއްޗެއް މެނުވީ އެކަލާނގެ ޤަބޫލު ނުކުރައްވަތެވެ".

ވީމާ، ކުރިއަށް އޮތް ބަރަކާތްތެރި ރޯދަމަހާ އަހުރެމެން ބައްދަލު ކުރާއިރު، ކަދުރުން ޞަދަގާތް ކުރުމުގެ ޒަމާންވީ ރީތި އާދަ އޭގެ އަސްލު ގޮތުގައި ދިރުވަމާ ހިނގާށެވެ! އަނެކާ ބޭނުން ނުވެގެން، މަސް ނިމުމުން އުކައިލާން ޖެހޭ ކަދުރުތަކެއްގެ ބަދަލުގައި، މީހުން އުފަލާ އެކު ކާނެ ފަދަ ރަނގަޅު ތަކެތި ހަދިޔާ ކުރަމާ ހިނގާށެވެ! އަނެކާގެ ކަރާމާތް ރައްކާތެރި ވާ ފަދަ ގޮތަކަށް ޞަދަގާތް ކޮށް، މާތްﷲ ރުއްސަވާނެ ފަދަ އިޚުލާޞްތެރި ގޮތަށް ހޭދަ ކުރުމަށް އިސްކަން ދެމާ ހިނގާށެވެ!

ގުޅޭ ޓެގު
comment ކޮމެންޓް