ދީނުގެ ޙައްޤުގައި މުއްސަނދިކަން ދޫކޮށްލި ޒުވާނާ

ފުރިހަމަ ޢިއްޒަތް ލިބޭނީ ﷲ އަށް އީމާންވެ އެ އިލާހުގެ މަގުގައި ސާބިތުވެ ހުރުމުންނެވެ. -- ފޮޓޯ / ދިއެޓްލާންޓިކް.ކޮމް

އަމިއްލަ ނަފުސުގެ އެދުންތަކާ ދެކޮޅު ހަދައި ނަފުސު މައިތިރި ކުރުމުގެ ހިތްވަރު ރޯދައިގެ އަޅުކަމުން ދަސްކޮށްދެއެވެ. އިސްލާމީ ތާރީޚުގައި، މި މަތިވެރި ސިފަ އެންމެ ފުރިހަމައަށް ދެއްކެވި އެއް ނަމޫނާ އަކީ އަމިއްލަފުޅު މުއްސަނދިކަމާއި އަރާމު ދޫކޮށްލައްވައި، އިސްލާމްދީނުގެ ޙައްޤުގައި ޤުރުބާންވެވަޑައިގެންނެވި ޒުވާން މުސްޢަބް ބިން ޢުމައިރު (ރަޟިޔަﷲ ޢަންހު) އެވެ.

އިސްލާމްވެވަޑައިގަތުމުގެ ކުރީން، މުސްޢަބުގެފާނަކީ މުޅި ޤުރައިޝް ވަންހައިގެ ތެރޭގައި ވެސް ފާހަގަކޮށްލެވޭ، އެންމެ ތަހުޒީބު އަދި އެންމެ ރީތި އެއް ޒުވާނާއެވެ. އެއީ އެންމެ އަގުބޮޑު ފޭރާމާއި މީރުވަސްދުވާ ހުވަނދު ބޭނުން ކުރެއްވުމުގައި ނަން މަޝްހޫރު ބޭފުޅެކެވެ. ތަނަވަސް މަންމައެއްގެ ފަރާތުން ލިބިވަޑައިގެންނެވި ލޯތްބާއި އޯގާތެރި އަޅައިލުމުގެ ތެރޭގައި، އެކަލޭގެފާނު އުޅުއްވީ ނުހަނު މުއްސަނދި އަރާމު ދިރިއުޅުއްވުމެއްގައެވެ.

މުޖުތަމަޢުގައި އެކަލޭގެފާނުގެ މަޤާމަކީ އެހެން ޒުވާނުން ޙަސަދަވެރިވާ ފަދަ މަތިވެރި މަޤާމެކެވެ. ނަމަވެސް، ރަސޫލާ ﷺ ގެ ދަޢުވަތުގެ ޚަބަރު އިވިވަޑައިގަތުމާއެކު ސިއްރިއްޔާތުގައި އެކަލޭގެފާނުގެ މަޖިލިސްތަކަށް ވަޑައިގެން އިސްލާމްދީން ޤަބޫލު ކުރެއްވިއެވެ.

އީމާންކަމުގެ އަގު

މުސްޢަބުގެފާނު އިސްލާމްވިކަން އެނގުމާއެކު، އެކަލޭގެފާނުގެ ޢާއިލާއިން އެކަލޭގެފާނު ގޭގައި ބަންދުކޮށް، ހުރިހާ މުދަލަކާއި އަރާމަކުން މަޙްރޫމު ކުރުވިއެވެ. މައްކާގެ މަގުތަކުގައި ފަށުވި ފޭރާމުގައި ހިނގި ޒުވާނާ، ފަހުން ފެނުނީ ބާވެފައިވާ ފޮތިގަނޑެއް ލައިގެން ހުއްޓައެވެ. ޢުމަރުގެފާނު ފަހުން އެކަލޭގެފާނުގެ ހަނދާންތައް އާކުރައްވައި ކީރިތި ކުރެއްވިކަމުގައި ރިވާވެގެން ވެއެވެ.

މުސްޢަބުގެފާނަށް މި ކުރިމަތިވި ފަޤީރު ކަމަކީ އެއްވެސް ޙާލެއްގައި މަޖުބޫރުވެގެން ކުރިމަތިވީ ކަމެއްނޫނެވެ. ނަމަވެސް އެއީ ޙައްޤަށް ޓަކައި އެކަލޭގެފާނު އަމިއްލަފުޅަށް އިޚްތިޔާރު ކުރެއްވި ގޮތެވެ. މުސްޢަބުގެފާނު ދަސްކޮށްދެއްވީ އިންސާނާގެ އަގު މިންކުރެވޭނީ ލާ ފޭރާމަކުން ނޫން ކަމާއި އެހެނަސް އެކަން ވަޒަން ކުރެވޭނީ ނަފުސުގެ މުއްސަނދިކަމާއި ޙައްޤު ގޮތުގައި ސާބިތުވެ ހުރުމުން ކަމެވެ.

އިސްލާމްދީނުގެ ފުރަތަމަ ސަފީރު

މުސްޢަބުގެފާނުގެ އެންމެ ބޮޑު ޚިދުމަތަކީ މަދީނާއަށް އިސްލާމްދީން ތަޢާރަފު ކުރެއްވުމެވެ. ރަސޫލާ ﷺ އެކަލޭގެފާނު މަދީނާއަށް ފޮނުއްވީ އިސްލާމްދީނުގެ ފުރަތަމަ ސަފީރު އަދި މުދައްރިސެއްގެ ގޮތުގައެވެ. އެކަލޭގެފާނު މަދީނާއަށް ވަޑައިގަތީ ކީރިތި ޤުރުއާނާއި ޙިކުމަތާއި އަދި އޯގާތެރި ބަސްމަގާ އެކުގައެވެ. ﷲ ގެ ރަޙުމަތްފުޅާ އެކު، އެކަލޭގެފާނުގެ މަސައްކަތްޕުޅުން، މަދު ދުވަސްކޮޅެއްގެ ތެރޭގައި މަދީނާގެ ގާތްގަނޑަކަށް ކޮންމެ ގެއަކަށްހެން އިސްލާމްދީން ވަދެގެން ދިޔައެވެ. މި ބޮޑު ބަދަލު އެކަލޭގެފާނު ގެންނެވީ އިޚްލާޞްތެރި މަޝްވަރާއާއި ވާހަކަދެއްކުމުގެ ތެރެއިންނެވެ. މިކަމުން އަހުރެމެންނަށް ލިބޭ އެއް ފިލާވަޅަކީ އިޞްލާޙީ ބަދަލުގެ ފެށުމަކީ ޙިކުމަތާ އެކު ދެވޭ ތަޢުލީމު ކަމެވެ.

އުޙުދު ހަނގުރާމައިގެ މައިދާނުގައި

އުޙުދު ހަނގުރާމައިގައި އިސްލާމީ ލަޝްކަރުގެ މަތިވެރި ދިދަ އުފުއްލެވުމުގެ ޝަރަފާއި ބޮޑު މަސްއޫލިއްޔަތު އަދާ ކުރެއްވީ މުސްޢަބުގެފާނެވެ. ހަނގުރާމައިގެ މައިދާން ހޫނުވެ، ހާސްކަމާއި ނުތަނަވަސްކަން ފެތުރިގެން ދިޔަ ވަގުތުގައި ވެސް އެއްވެސް ފަސްޖެހިވަޑައިގަތުމެއް ނެތި ސާބިތުކަމާއެކު އެކަލޭގެފާނު ހުންނެވިއެވެ.

ހަނގުރާމައިގެ ތެރޭގައި އެކަލޭގެފާނުގެ ކަނާތްޕުޅު ބުރިވުމުން ވާތްޕުޅުން ދިދަ ހިފެހެއްޓެވިއެވެ. އަދި ވާތްޕުޅު ވެސް ބުރިވުމުން މޭފުޅާލައި ދިދަ ހިމާޔަތް ކުރެއްވިއެވެ.

ހަނގުރާމަ ނިމި ޝަހީދުން ވަޅުލަމުން ގޮސް މުސްޢަބުގެފާނު ވަޅުލުމަށްޓަކައި އެކަލޭގެފާނުގެ ހަށިކޮޅު ނިވާކުރަން ބެލިއިރު، އެ ހަށިކޮޅުގައި އޮތް ހަމައެކަނި ފޮތިގަނޑު އެކަލޭގެފާނުގެ އިސްކޮޅަށްވުރެ ކުރުވެއެވެ. ބޯފުޅު ނިވާކޮށްފިނަމަ ފައިކޮޅު އޮންނަނީ ހާމައަށެވެ. މިއީ އެއްޒަމާނެއްގައި މައްކާގެ އެންމެ އަގުބޮޑު ފޭރާންތައް ތުރުކުރެއްވި ޒުވާނާއެވެ.

ޒުވާންކަމާއި އަމިއްލަވަންތަކަން

މިއަދުގެ ޒުވާނުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް މީހުންގެ ރުހުމާއި ސަމާލުކަން ހޯދުމަށް ދެވި ހިފުމެވެ. އަސްލުގައި މީހުންގެ އިޙްތިރާމާއި ރުހުން ހޯދުމަކީ ގޯސްކަމެއް ނޫނެވެ. ނަމަވެސް، މައްސަލައަކަށް ވަނީ އެކަށީގެން ނުވާ ގޮތްގޮތުން އެކަން ކުރާން އުޅުމާއި، މީހުން ރުއްސުމަށްޓަކައި އަމިއްލަވަންތަކަމާއި ތިމާ ޤަބޫލުކުރާ ދީނީ ޢަޤީދާ ދޫކޮށްލުމެވެ.

މީސްމީޑިއާގެ މި ޒަމާނުގައި، އަމިއްލަ އަގު ވަޒަން ކުރެވެނީ ތިމާ ލާ ފޭރާމާއި ދައްކާލާ "ލަގްޒަރީ" ދިރިއުޅުމުން ކަމަށް ދެކޭ ޒުވާނުން އުޅެއެވެ.

މުސްޢަބުގެފާނު އުޅުއްވީ ވެސް ހަމަ މި ފަދަ، މުދަލާއި ސިފަޔަށް ބަލައި މީހުންގެ ދަރަޖަ ކަނޑައަޅަމުން ދިޔަ މުޖުތަމަޢެއްގައެވެ. ނަމަވެސް އެކަލޭގެފާނު އިޚްތިޔާރުކުރެއްވީ އެންމެންގެ ތެރޭގައި މަޤްބޫލު ވުމުގެ ބަދަލުގައި، އިސްލާމްދީނުގައި ސާބިތުވެ ހުންނެވުމެވެ.

ކުރު ޙަޔާތެއް ނަމަވެސް ފަނޑު ނުވާނެ ހަނދާނެއް

މުސްޢަބުގެފާނު ދުނިޔޭގައި އުޅުއްވީ ކުރު މުއްދަތަކަށެވެ. އެކަލޭގެފާނަކީ އިސްލާމްވެވަޑައިގަތުމުގެ ކުރީން މައްކާގެ އެންމެ ތަނަވަސް އަދި އެންމެ ރީތި އެއް ޒުވާނާ ކަމުގައި ވިޔަސް، އިސްލާމްދީނުގެ ޙައްޤުގައި އެ ހުރިހާ މުދަލަކާއި މަޝްހޫރުކަމެއް ދޫކޮށްލެއްވީ ނުހަނު އިޚްލާޞްތެރިކަމާ އެކުގައެވެ. އެކަލޭގެފާނު ދުނިޔެވީ ވެރިކަމެއް ނުކުރެއްވި ނަމަވެސް ރަސޫލާ ﷺ ގެ ފުރަތަމަ ސަފީރުގެ ގޮތުގައި - ﷲ ގެ ރަޙުމަތްފުޅާ އެކު - މަދީނާގެ ގޭގެއަށް އިސްލާމްދީނުގެ ނޫރު ގެންދެވިއެވެ. އެކަލޭގެފާނު ޝަހީދުވީ އިސްލާމީ ލަޝްކަރުގެ ދިދަ ސާބިތުކަމާއެކު އުފުއްލަވަމުންނެވެ.

މުސްޢަބުގެފާނުގެ ޙަޔާތްޕުޅުން ވަރަށް އަގުހުރި ފިލާވަޅުތަކެއް އަހުރެމެންނަށް ދަސްވެއެވެ. އެއީ އިންސާނާގެ އަގު ވަޒަންކުރެވެނީ ދުނިޔޭގައި އުޅުނު ގިނަ ދުވަހަކުން ނޫން ކަމެވެ. އޭގެ ބަދަލުގައި، އެއީ އޭނާގެ އިޚްލާޞްތެރިކަމާއި ސާބިތުކަމެވެ. ރަމަޟާން މަހަކީ އަހުރެމެންނަށް ވަގުތުގެ އަގު ދަސްކޮށްދޭ މައްސަރެކެވެ. އެންމެ ރެއެއްގެ ހެޔޮކަން، އެއް ހާސް މަހަށްވުރެ އިތުރުވެގެންވާ ފަދައިން، އިޚްލާޞްތެރި އެންމެ ޢަމަލަކުން މުޅި ޙަޔާތް ބަދަލުކޮށްލެވިދާނެއެވެ.

ޙަޤީޤީ ކާމިޔާބީ އަކީ އަހުރެމެން ހޯދައި އެއްކުރާ ތަކެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ ﷲ އަށްޓަކައި އަހުރެމެން ޤުރުބާން ކުރަން ތައްޔާރަށް ހުރި ތަކެއްޗެވެ. މުސްޢަބް ބިން ޢުމައިރު (ރަޟިޔަﷲ ޢަންހު) އަށް އެކަލޭގެފާނުގެ މުއްސަނދިކަމާއި މަޤާމާއި އަރާމު ގެއްލިގެންދިޔައެވެ. ނަމަވެސް އެއަށްވުރެ މާ މަތިވެރި ކަމެއް އެކަލޭގެފާނު ހޯއްދެވިއެވެ. އެއީ ފުރިހަމަ އީމާނާއި އިޚްލާޞްތެރިކަމާއި އަދި ދީނަށް ޓަކައި ޤުރުބާންވެވަޑައިގެންނެވުމުގެ މަތިވެރި ޝަރަފެވެ.

ބޭރުފުށުގެ ސިފަޔާއި ދެއްކުންތެރިކަމުން މީހުންގެ އަގު ވަޒަންކުރާ މި ދުނިޔޭގައި، އެކަލޭގެފާނުގެ ޙަޔާތްޕުޅުން ދަސްކޮށްދެނީ ޢިއްޒަތަކީ ހަމައެކަނި ލައިގެން ހުންނަ ފޭރާމެއް ނޫން ކަމާއި، އެހެނަސް އެއީ އިންސާނާގެ ޢަމަލާއި ދީނުގައި ސާބިތުވެ ހުރުން ކަމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް