ވަޒީފާގައި މާ ބިޒީ؛ އެކަމަކު މި ކަންކަމަށް ވަގުތު ހުސްކުރާތި!

ވަޒީފާއަށް ދޭ އިސްކަމާ އެއްވަރަށް އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ވެސް އިސްކަންދިނުމަކީ ތިމާގެ ނަފުސު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް އެންމެ ބޮޑަށް ސަމާލުކަންދިނުން މުހިއްމު އެއް ކަންތައް--ފޮޓޯ/އިންސްޓަގްރާމް

ވަޒީފާ އަދާކުރަމުން އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ވަގުތު ހޯދުމަކީ ވަރަށް ގިނަ ބަޔަކަށް ބޮޑު ގޮންޖެހުމެކެވެ.

މި ކުޑަކުޑަ ދިވެހިރާއްޖެއަށް ބަލާލިކަމަށް ވިޔަސް އާބާދީގެ ބޮޑު އިންސައްތައެއް ރެއާ ދުވާލު އުޅެނީ މަސައްކަތުގައި އަވަދިނެތިއެވެ. މަސައްކަތުގައި އުޅެމުން އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ވަގުތު ދިނުމަކީ ބައެއް މީހުންނަށް ދަތި ކަމަކަށްވާއިރު ތިމާގެ އަމިއްލަ ނަފުސަށް ވަގުތު ދިނުމުގެ މުހިއްމުކަން އެނގެނީ މަދު ބަޔަކަށެވެ.

އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ވަގުތު ނުދެވި ނުވަތަ އަމިއްލަ ނަފުސަށް ވަގުތު ނުދެވި ދުވަސް ފަށާނަމަ އެ ދުވަހަކީ ކާމިޔާބު ދުވަހެއްގެ ގޮތުގައި ނުވެދިއުމުގެ ފުރުސަތު އޮންނަ ކަމަށް ދިރާސާތަކުން ދައްކައެވެ. ނަމަވެސް, ދިރިއުޅުމުގެ އާދަކާދައަށް ގެންނަ ވަރަށް ކުޑަކުޑަ ބަދަލުތަކަކުން މި ކަންކަން ރަނގަޅު ކުރެވިދާނެ ގޮތްތައް އެބަހުއްޓެވެ.

އޮފީހުގައި މަސައްކަތް ކުރާއިރު ވެސް ދޭތެރެއަކުން 'ކުޑަ ބްރޭކެއް' ނެގުމަކީ ސިކުނޑިއަށް ލުޔެއް ލިބޭނެ ކަމެއް--ފޮޓޯ/ޖީކިއުސް
އެންމެ ފުރަތަމަ ކަމަކަށް އޮފީސް މަސައްކަތްތައް ގެއަށް ގެންދިއުން ހުއްޓާލާށެވެ. އަދާކުރާ ވަޒީފާއެއްގެ ގޮތުން ބައެއް ފަހަރު ގޭގައި މަސައްކަތް ކުރަން ޖެހުނަސް ގޭގައި މަސައްކަތްކުރާ ވަގުތުތައް ކުރިން ރާވާ ތާވަލުކޮށްލުން މުހިއްމެވެ. އޭރުން އަމިއްލަ ކަންކަމަށް ވަގުތު ހުސްކޮށްލާ އަމިއްލައަށް ކުރާނެ ކަންކަން ރާވާލަން ފަސޭހަވާނެއެވެ.

އޮފީހަށް ދިއުމަށް ފަހު އަބަދު މޭޒު ކައިރީ މަސައްކަތްކުރަން އިނުމުގެ ބަދަލުގައި ދޭތެރެއަކުން 'ބްރޭކެއް' ނަގަން އާދަކުރެވިދާނެއެވެ. މި ފަދަ ވަގުތެއްގައި އިރުކޮޅަކަށް ބޭރަށް ނުކުމެލާ ހިނގާލުން ނުވަތަ ސްޓެރެޗްކޮށްލުން ފަދަ ކަންކަމަކީ ސިކުނޑި ތާޒާވެ، ކަންބޮޑުވުންތަކާ ދުރަށް މީހާ ގެންގޮސްދޭނެ ކަންކަމެވެ.

ވަޒީފާގެ މާހައުލުން ދުރަށް ޖެހި ކުޑަ ޗުއްޓީއަކަށް ނަމަވެސް ދިއުމަކީ ތިމާގެ ސިކުނޑި ތާޒާކޮށްލަދީ އުފެއްދުންތެރި ޚިޔާލުތަކަށް މަގުހުޅުވޭނެ ކަމެއް--ފޮޓޯ/ޑަފްޓަ

މީގެ އިތުރުން ވެސް ކުރެވިދާނެ މުހިއްމު ކަންކަމުގެ ތެރޭ، އަމިއްލައަށް ކުރަން ޝައުގުވެރިވާ ކަންކަމަށް ބިޒީ ޝެޑިއުލްއިން ވަގުތު ހުސްކޮށް، ވަޒީފާގައި ކޮންމެހެން ނަގަން ނުޖެހޭ ޒިންމާތައް ނެގުމުން ދުރުހެލިވުން މުހިއްމެވެ. ހަމައެއާ އެކު ތިމާގެ ޒިންމާތައް މާ ގިނަހެން ހީވާ ވަގުތެއްގައި އެހެން މުވައްޒަފެއްގެ އެހީތެރިކަމަށް އެދެވިދާނެއެވެ.

އަހަރު ތެރޭ އެތަކެއް މަސްތަކެއް ވަޒީފާގެ މާހައުލަށް ގުރުބާންކޮށްލުމުގެ ބަދަލުގައި ކޮންމެ ވެސް ތަނަކަށް ޗުއްޓީ ހޭދަކޮށްލަން ދިއުމަކީ ވެސް ތިމާގެ އަމިއްލަ ނަފުސަށް ކޮށްދެވޭ ވަރަށް މުހިއްމު ކަމެކެވެ.

ވަޒީފާގައި އުޅެމުން އަމިއްލަ ދިރިއުޅުމުގެ ކަންކަން ބެލެންސް ނުކުރެވޭ ކަމަށް ގަބޫލުކުރެވޭނަމަ ތެރަޕިސްޓެއް ނުވަތަ ކައުންސެލަރެއްގެ އެހީ ވެސް ހޯދިދާނެއެވެ. ކޮންމެ ގޮތަކުން ވެސް އެއީ ނުކޮށް ދޫކޮށްލައިގެންވާނެ ކަމެއް ނޫނެވެ.

comment ކޮމެންޓް