ކޮންމެ އާ އަހަރަކާ އެކު އެ އަހަރު ތެރޭ ކުރަން ބޭނުންވާ ނުވަތަ ނިންމަން ބޭނުންވާ ކަންކަމުގެ ލިސްޓެއް އޮތުމަކީ ވަރަށް އާއްމު ކަމެކެވެ.
ހާސިލުކުރަން ބޭނުންވާ ކަންކަމުގެ ދިގު ލިސްޓެއް އަތުގައި އޮތުމަކީ އެއީ އެއްވެސް މައްސަލައެއް ނޫނެވެ. އެކަންކަން ނުވެދާނެ ކަމުގެ ބިރު ހީވެ ބައެއް ކަންކަން ފަސްކޮށްލުމުގެ ބަދަލުގައި މި އަހަރުތެރޭ ތިމާއަށް އެންމެ މުހިއްމު ކަންކަން ވިސްނާލުމަށްފަހު އެ ލިސްޓަށް ބަދަލު ގެނައުމުން އަމިއްލަ ނަފުސަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިދާނެއެވެ.
އަލަށް މިފެށުނު އަހަރަށް ކަންކަން ކަނޑައަޅާއިރު ފާއިތުވެދިޔަ އަހަރު ހާސިލުކުރެވުނު ކަންކަން މަތިން ވެސް ހަނދާންކޮށްލާށެވެ. ހަމައެއާއެކު އަމިއްލަ ނަފުސާމެދު ފަޚުރުވެރިވެލުމަށް ވަގުތުކޮޅެއް ހޭދަކޮށް އަމިއްލަ ނަފުސަށް ތައުރީފުކޮށް އަތްތިލަބަޑިއެއް ޖަހާލާށެވެ. އެއީ ކުރަން ނިންމި ކަންކަމުގެ ތެރެއިން ކިތަންމެ މަދު ކަމެއް ހާސިލުކުރެވުނު ނަމަވެސްމެއެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_173565404110a3je.jpg)
އަހަރުތެރޭ ހާސިލު ކުރަން ބޭނުންވާ ގިނަ ކަންކަމަކީ މިހާރު ލިޔެވި ރައްކާ ކުރެވިފައި ހުންނާނެ ކަންކަން--ފޮޓޯ/މޯޓިވޭޓެޑްއެކަޑެމިކް
ދިރިއުޅުމުގައި އަޅުގަނޑުމެންނަށް ކުރިޔަށް ދެވޭނީ އަމިއްލައަށް ކުރެވޭ ތަޖުރިބާތަކުގެ އަލީގައި ކަމުން ފާއިތުވެދިޔަ އަހަރު ހާސިލު ކުރަން ބޭނުންވި ކަންކަން ހާސިލުނުވި ސަބަބާ އެކަންކަމުގައި ދިމާވި ހުރަސްތަކަކީ ކޮބައިތޯ ބަލާ ކޮންމެވެސް ވަރަކަށް ވިސްނާލުން ވެސް މުހިއްމެވެ. އޭރުން މި އަހަރު ހާސިލުކުރަން ތިޔަ ނިންމި ވަރަށް ގިނަ ކަންކަން ހާސިލުކުރުމަށް މަގުފަހިވުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.
މި ފެށުނު އާ އަހަރަކީ އަމިއްލަ ނަފުސަށް ވަގުތު ހޯދާ ނަފުސުގެ ދުޅަހެޔޮކަމަށް އިހުނަށްވުރެ ބޮޑަށް މަސައްކަތް ކުރެވޭނެ އަހަރަކަށް ހެދުމަކީ ވެސް މުހިއްމު ކަމެއް--ފޮޓޯ/ޕިންޓްރެސްޓް
އޭގެތެރޭގައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަސައްކަތް ކުރުން، ސިއްހަތަށް ގެއްލުންދޭ ކެއުންތަކާއި ދުރުވެ ފައިދާހުރި ކާނާ ކެއުމަށް އާދަކުރުމަށް ނިޔަތް ކަނޑައެޅުން، އާއިލާއާ އެކު ވީހާވެސް ގިނަ ވަގުތު ހޭދަކުރުމަށް އިސްކަން ދިނުން، ވަޒީފާ އަދާކުރާ މީހެއް ނަމަ ތިމާ މަސައްކަތް ކުރާ ދާއިރާއިން ވަކި ކަންތައްތަކެއް ހާސިލުކުރުމަށް ކަނޑައެޅުން، ތިމާގެ ހަޔާތުގައި ދިމާވި 'ނެގެޓިވް ވައިބްސް' އަންނަ މީހުންނާ ދުރުވެ އެމީހުން ދިރިއުޅުމުން ބޭރުކޮށްލުން، އަމިއްލަ ނަފުސުގެ ދުޅަހެޔޮކަމާ މެދު އިތުރަށް ސަމާލުވުން އަދި އެޑްވެންޗަ ދަތުރުތަކަށް ދިއުން ފަދަ ކަންކަން ހިމެނެއެވެ.
މި ކަންކަން މުޅި އަހަރުތެރޭ ކޮށް ނިންމާލެވޭނެ ގޮތްތައް ކަނޑައެޅުމަށްފަހު ބޭނުންވާ ޓާގެޓަށް ހާސިލުވުމަށް މަސައްކަތް ކުރާނެ ގޮތްތައް ދުރާލާ ރޭވުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ.
މިއީ އަހަރު ފެށުމުގެ ކުރިން ގިނަ ބަޔަކު ކޮށް ނިންމާފައިވާނެ 'ހޯމް ވޯކް' ތަކެއް ކަމުން އެކަމަށް އަމަލީ މަސައްކަތް ފެށުމުގެ ފުރަތަމަ ދުވަހަކީ މިއަދު ފާހަގަކުރާ 2025 ވަނަ އަހަރުގެ ފުރަތަމަ ދުވަހެވެ.