އާ އަހަރު ފެށުނީ، މިފަހަރުވެސް ޖިމަށް އެންމެ ދުވަހަކު؟

ކޮންމެ އަހަރެއް ފެށޭއިރު އެންމެ ގިނަ ބަޔަކު ރެޒޮލިއުޝަންގައި ހިފާ އެއް ކަމަކީ ޖިމަށް ދިޔުމެވެ. އާ އުއްމީދަކާއެކު ކޮންމެ އަހަރަކު ޖިމް ފެށުމަށް ގިނަ ބަޔަލު އަޒުމު ކަނޑައަޅައެވެ. ނަމަވެސް އާ އަހަރުގެ މި ގޯލު ގިނަ ފަހަރަށް ދެމިގެންދަނީ އެއް ދުވަހަށެވެ.

ކޮންމެ އަހަރެއްގެ ވެސް ގޯލަކަށް ގަވާއިދުން ޖިމަށް ދިޔުމަށް ގިނަ ބަޔަކު އަމާޒު ކަނޑައަޅައެވެ. އަދި މި އުއްމީދާއެކު ޖެނުއަރީގެ ފުރަތަމަ ދުވަހު ގިނަ ބަޔަކު ޖިމަށް ދެއެވެ.

"ޖެނުއަރީ ފުރަތަމަ ދުވަހު ޖިމަށް ހަމަ ވަދެވޭ ވަރަށް ވުރެ މީހުން ގިނަ ވާނެ. ހަމަ އެއްކޮށް ފުރާލާފައި އޮންނާނީ. އެކަމު ދެ ދުވަސް ވެސް ގިނަ ފަހަރަށް ނުވާނެ. ހަމަ އެއްކޮށްހެން ހުސްވާނެ،" މާލޭގެ ޖިމެއްގައި ޕާސަނަލް ޓްރެއިނަރެއްގެ ގޮތުގައި މަސައްކަތް ކުރާ ޒުވާނަކު ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި ކޮންމެ އަހަރަކު ވެސް އާ އަހަރާ ދިމާކޮށް ގިނަ ބަޔަކު ޖިމް ފަށައެވެ. މިފަހަރުވެސް އެގޮތަށް ގިނަ ބަޔަކު ޖިމަށް އަންނާނެ ކަމަށް ބެލެވެއެވެ.

އާންމުކޮށް ޖިމަށް ގަވާއިދުން ދިޔުމަށް އެކި ކަހަލަ ހުރަސްތަކެއް ހުރި ކަމަށް އޭނާ ގަބޫލު ކުރެއެވެ. އޭގެތެރޭގައި އާ ކަމެއް ފަށާއިރު ފޫހި ވުން ކަހަލަ ކަންތައްތަކާ ވަގުތު ނުލިބުން ކަހަލަ ސަބަބުތައް ހުރި ކަމަށް އޭނާ ފާހަގަކުރެއެވެ.

ޖިމަށް ގަވާއިދުން ދިޔުމަށް މޯޓިވޭޓް ކުރެވޭނެ ކަންތައް ހުރި ކަމަށް ވެސް އޭނާ ފާހަގަކުރެއެވެ. އޭގެތެރެއިން އެންމެ ބޮޑަށް އިފެކްޓިވް ގޮތަކީ ޖިމަށް އެކަނި ނުދިޔުމެވެ. ޖިމަށް ދާނެ "ޖިމް ބަޑީ" އެއް ހޯދުމަކީ މީހާ ވަރަށް ބޮޑަށް މޯޓިވޭޓް ކުރާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއެވެ.

އާ އަހަރެއް ފެށޭއިރު މީހާގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވިދާނެ ގިނަ ކަންތައްތަކެއް ހުންނާނެވެ. ޖިމަށް ދިޔުމުގެ އިތުރުން ވެސް އާ އަހަރާއެކު ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވިދާނެ އެކި ކަހަލަ ކަންތައް ހިމެނެއެވެ. އޭގެތެރޭގައި ސްކްރީންޓައިމް މަދު ކުރުމާއި ފޮތް ކިޔާ މިންވަރު އިތުރު ކުރުމުގެ އިތުރުން އާއިލާ އާއެކު ހޭދަ ކުރާ ވަގުތު އިތުރު ކުރުން ވެސް ހިމެނެއެވެ. އާ އަހަރާ ދިމާކޮށް އާ ހުނަރެއް ދަސްކުރުމާއި ޝައުގުވެރިވާ ކަމަކަށް އިތުރަށް ވަގުތު ދިނުމަކީވެސް ކުރެވިދާނެ ކަމެކެވެ. އެއާއެކު މިއަހަރު ނިމޭ އިރު އާ ހުނަރެއް ދަސްކޮށްލުމަކީ ވެސް ރަނގަޅު ކަމަށް ވާނެއެވެ.

comment ކޮމެންޓް