އަކްޝޭގެ 'ސްކައި ފޯސް' އަންނަ އަހަރު

އަކްޝޭ ލީޑް ރޯލް ކުޅޭ ފިލްމު 'ސްކައި ފޯސް'ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

މި މަހު ކުރީކޮޅު ސިނަމާތަކަށް ގެންނަން ނިންމި އަކްޝޭ ކުމާރުގެ ފިލްމު "ސްކައި ފޯސް" ރިލީޒްކުރާނެ ތާރީޚެއްގެ ގޮތުގައި އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 24 ވަނަ ދުވަސް ކަނޑައަޅައިފިކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ފިލްމު ގެނެސްދޭން މިހާރު ނިންމާފައިވާ ތާރީޚަކީ އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރާ ހަފުތާއަށްވެފައި ފިލްމަށް ބެލުންތެރިންގެ ސަމާލުކަން ލިބި ވިޔަފާރި ރަނގަޅުވުމުގެ ފުރުސަތު ބޮޑުކަމަށް ރިޕޯޓުތައް ބުނެއެވެ. މި ފިލްމަކީ ޖަޒުބާތީ ފިލްމަކަށްވުމުގެ އިތުރުން ޑްރާމާއާއި އެކްޝަން ސީންތަކުން މުއްސަނދި ވަރުގަދަ ގައުމިއްޔަތުގެ ވާހަކައެއް ކިޔައިދޭނެ ފިލްމެކެވެ.

މި ފިލްމު ބިނާކޮށްފައިވަނީ 1965 ވަނަ އަހަރު އިންޑިއާއާއި ޕާކިސްތާނާ ދެމެދު ކުރިއަށްދިޔަ ވައިގެ ހަނގުރާމައިގައި އިންޑިއާއިން ބަދަލުހިފުމުގެ ގޮތުން ޕާކިސްތާނުގެ ސަރްގޯދާ ބޭސްއަށް ދިން އެންމެ ފުރަތަމަ އަދި އެންމެ ނުރައްކާތެރި ވައިގެ ހަމަލާގެ މައްޗަށެވެ.

ބަތަލާ ނިމްރަތު ކައުރު އެކްޓަރު އަކްޝޭ ކުމާރާ އެކު ފިލްމު "އެއަ ލިފްޓް'ގެ މަންޒަރެއްގައި--ފޮޓޯ/ފިލްމުފެއަ

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިއުލާނުކުރި މި ފިލްމުގެ މަސައްކަތް ނިމި ޕޯސްޓްޕްރޮޑަކްޝަންގެ މަރުހަލާގައި އޮތްއިރު ފިލްމުގެ ބޮޑު ބައެއް ޝޫޓްކޮށްފައިވަނީ އެމެރިކާ އަދި އިނގިރޭސިވިލާތުގައެވެ.

އަކްޝޭ ކުމާރުގެ އިތުރުން ފިލްމުން ފެންނާނެ މުހިއްމު ތަރިންގެ ތެރޭ ބަތަލާ ނިމްރަތު ކައުރު، ސާރާ އަލީ ޚާން އަދި ސާރާގެ ކުރީގެ ލޯބިވެރިޔާ ވީރު ޕަހަރިޔާ ހިމެނެއެވެ. ދިނޭޝް ވީޖަން ޕްރޮޑިއުސްކޮށް ސަންދީޕް ކެވްލާނީ އަދި އަބިޝެކް އަނިލް ކަޕޫރު ޑައިރެކްޓްކުރާ މި ފިލްމަކީ މެޑްޑޮކް ފިލްމްސްއާއި ޖިއޯ ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

comment ކޮމެންޓް