ޗައިނާގެ ކުދި އަދި މެދުފަންތީގެ ޓެކް ކުންފުނިތަކަށް ސަރުކާރުން އެހީވަނީ

ޓެކްދާއިރާގައި ޗައިނާގެ އެންމެ ބޮޑު އެއް ވާދަވެރިޔަކީ އެމެރިކާއެވެ.

ޗައިނާގެ ކުދި އަދި މެދު ފަންތީގެ ޓެކްނޮލޮޖީ ކުންފުނިތަކަށް އެގައުމުގެ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ.

ބެއިޖިން ސްޓޮކް އެކްސްޗޭންޖުން އިޢުލާނުކޮށްފައިވާ ގޮތުގައި، ކުދި އަދި މެދު ފަންތީގެ ޓެކްނޮލޮޖީ ކުންފުނިތަކަށް ތަމްރީނާއި މާލީ އެހީތެރިކަން ފޯރުކޮށްދީ، އެ ކުންފުނިތައް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރުމަށް އެހީތެރިވެދޭން ވަނީ ނިންމާފައިވެއެވެ. މިއީ ސަރުކާރުގެ އައު އީޖާދުތަކަށް މަގުފަހިކުރުމުގެ ޕްލޭންގެ ދަށުން އަޅާ ފިޔަވަޅެކެވެ.

އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ސްޓޮކް އެކްސްޗޭންޖުން ބުނެފައިވަނީ، އެ ފަރާތުގެ އެކްޝަން ޕްލޭނުގެ ދަށުން، ފައިދާ ނުވިނަމަވެސް ކުރިއެރުމުގެ ފުރުސަތު އޮތް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭންކުތަކާއި މާކެޓް މުއައްސަސާތަކުން ފައިނޭންސިން ހޯދުމަށް އެހީތެރިވެދޭނެ ކަމަށެވެ. މީގެ އިތުރުން، ތަމްރީނާއި އެހެނިހެން އެހީތެރިކަންވެސް ފޯރުކޮށްދޭނެއެވެ.

އަދި ހަމަ އެހެންމެ، މިހާރު ލިސްޓުކޮށްފައިވާ ކުންފުނިތަކާއި އަލަށް ފަށާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހެން ކުންފުނިތައް ގަތުމާއި އެކުއިޒިޝަންތައް ހެދުމަށް ބާރުއަޅައި، އާދައިގެ ހިއްސާ، ޕްރިފާޑް ހިއްސާ އަދި ކޮންވާޓިބަލް ބޮންޑް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ލިސްޓިން އިތުރަށް ފުޅާކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ސިޔާސަތު އެކުލަވާލާ މުއައްސަސާތަކާއި މާކެޓް މުއައްސަސާތަކުން ކްރެޑިޓް އެންހާންސްމަންޓް ސަޕޯޓް ދިނުމަށް ވެސް ބާރުއަޅާނެ ކަމަށް ބެއިޖިން ސްޓޮކް އެކްސްޗޭންޖުން ހާމަކޮށްފައިވެއެވެ.
ޗައިނާ ސަރުކާރުން ވަނީ ފާއިތުވި އަހަރުތަކުގައި ޓެކްނޮލޮޖީގެ ސިނާޢަތު ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. މީގެ ތެރޭގައި، 2021ވަނަ އަހަރު ބެއިޖިން ސްޓޮކް އެކްސްޗޭންޖް އުފެއްދުމާއި، އައު އީޖާދުތަކަށް ފަންޑު ކުރުމަށް ހާއްސަ ސިޔާސަތުތައް ތައާރަފުކުރުން ހިމެނެއެވެ.

މި މަސައްކަތްތަކުގެ މައިގަނޑު މަގުސަދަކީ ޗައިނާގެ ޓެކްނޮލޮޖީ ދާއިރާ ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަވެރި ކުރުވުމާއި، އެތެރޭގެ އިގުތިޞާދު ހަރުދަނާކުރުމެވެ. މިފަދަ ފިޔަވަޅުތަކުގެ ސަބަބުން، ކުދި އަދި މެދު ފަންތީގެ ޓެކްނޮލޮޖީ ކުންފުނިތަކަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އިގުތިޞާދީ މާހިރުން ލަފާކުރެއެވެ.

comment ކޮމެންޓް